ރަސްމާލެ: އިޒްރޭލްގެ ރައްޔިތަކަށް ޕްރޮޕަޓީއެއް ގަނެވޭނެ ހުރިހާ ދޮރެއް ބަންދު

ޑުއަލް ސިޓިޒެންޝިޕް ބޭނުން ކޮށްގެން އޮޅުވާލައިގެން އަދި ނުސީދާ ގޮތުން ވެސް އިޒްރޭލް ރައްޔިތަކަށް ރަސްމާލެ މަޝްރޫއުގައި ބައިވެރިއެއް ނުވެވޭނެ ކަމަށް މުއްތަލިބް ވިދާޅުވި

ރަސްމާލެ ވޯޓަފްރަންޓް މަޝްރޫއުގެ ކޮންސެޕްޓް ދައްކުވައިދޭ ކުރެހުމެއް--

ޑުއަލް ސިޓިޒެންޝިޕްގެ ތެރެއިން ނުވަތަ އެހެން ގޮތަކަށް ވެސް އިޒްރޭލްގެ ރައްޔިތުންނަށް ރަސްމާލެ އިން ޕްރޮޕަޓީތައް ނުގަނެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

އީގަލްސް ހިލްސް އިން ރަސްމާލޭގައި ހިންގާ "މޯލްޑިވްސް ވޯޓަފްރަންޓް އެންޑް މެރީނާ" މަޝްރޫއާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ކުރާ އެންމެ ބޮޑު ތުހުމަތަކީ އެއީ އިޒްރޭލްގެ ރައްޔިތުން ރާއްޖޭގައި ވަޒަންވެރި ކުރުވަން ހިންގާ މަޝްރޫއެއް ކަމަށެވެ.

އެ ތުހުމަތުތަކަށް ރައްދު ދެއްވައި މިނިސްޓަރު އިއްޔެ އާންމު ކުރެއްވި ލިޔުމެއްގައި ވަނީ އެފަދަ އެއްވެސް ފުރުސަތެއް އިޒްރޭލް ރައްޔިތަކަށް ނޯންނާނެ ކަމުގެ ޔަގީން ކަން ދެއްވައިފަ އެވެ.

އެގޮތުން މިދިޔަ އަހަރު އޭޕްރިލް މަހުން ފެށިގެން ރާއްޖެ އަށް އިޒްރޭލްގެ ރައްޔިތުންނަށް ނާދެވޭ ގޮތަށް ޕާސްޕޯޓު މަނާ ކުރަން ނިންމާފައިވާ ނިންމުމަށް އީގަލްސް ހިލްސް ކުންފުނިން ފުރިހަމަ އަށް އެއްބާރުލުން ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އުސޫލެއްގެ ގޮތުން އިޒްރޭލް ޕާސްޕޯޓު މަނާ ވިޔަސް އެންމެ ބޮޑު އެއް ލޫޕްހޯލަކީ އިޒްރޭލްގެ ކޮންމެ 10 މީހުންގެ ތެރެއިން އެކަކަކީ އެހެން ގައުމެއްގެ ޑުއަލް ސިޓިޒެންޝިޕް އޮންނަ ފަރާތަކަށްވުމެވެ. އެހެންވެ އެ މީހުންގެ އަތުގައި އޮންނަ ދެވަނަ ޕާސްޕޯޓު ބޭނުން ކޮށްގެން މަނާ ގައުމުތަކަށް ވެސް ވަނުމުގެ ފުރުސަތު އޮވެ އެވެ. އިމިގްރޭޝަނަށް ޑުއަލް ސިޓިޒެންޝިޕް ވެރިފައި ނުކުރެވޭތީ ރާއްޖެ އަށް ވެސް އެ މީހުން ބައެއް ފަހަރު ވަދެ އެވެ.

ނަމަވެސް މުއްތަލިބް ވިދާޅުވި ގޮތުގައި ރަސްމާލެ އިންވެސްޓު ކުރާ އިރު ބަލާނީ ހަމައެކަނި ޕާސްޕޯޓަކަށް ނޫނެވެ. އެ މީހުން ނިސްބަތްވާ އަދި ސިޓިޒެންޝިޕް އޮންނަ ހުރިހާ ގައުމެއްގެ އިތުރުން އިޒްރޭލާ ނުސީދާ ގުޅުމެއް އޮތްތޯ ވެސް ބަލާނެ އެވެ. އަދި ރަސްމާލެ އަށް އިންވެސްޓު ކޮށްގެން ނުސީދާ ގޮތެއްގައި އިޒްރޭލުގެ މީހަކަށް މާލީ މަންފާވޭތޯ އެ މިންވަރަށް ވެސް ބަލައި ވެރިފައި ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އަޅަން ނިންމާފައިވާ ހަރުކަށި ނިންމުންތައް

- އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް ނުވަތަ އިޒްރޭލްގެ ކޮންޓްރޯލް އޮންނަ ކުންފުންޏަކަށް ރަސްމާލެ އަށް އިންވެސްޓެއް ނުކުރެވެނެ އެވެ. އޭގެ އިތުރުން އެ ގައުމާ ގުޅުން އޮންނަ ފަރާތަކަށް ނުސީދާ ގޮތުން މަންފާ ލިބުމާއި ހިއްސާދާރަކަށްވުމާއި ޕްރޮޕަޓީއަކަށް ފައިނޭންސް ކުރުން ނުވަތަ ސޭލްސް އެޖަންޓަކަށް ވުމުގެ ފުރުސަތެއް ވެސް ނޯންނާނެ އެވެ.

- ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަރާތަކާއި ނުވަތަ އޭގެން މަންފާވާ ފަރާތްތަކެއް ނިސްބަތްވާ ހުރިހާ ގައުމެއް ހާމަ ކުރަން މަޖުބޫރު ވާނެ އެވެ. އެހެންކަމުން އިޒްރޭލްގެ ރައްޔިތަކު އެހެން ގައުމެއްގެ ސިޓިޒެންޝިޕެއް ބޭނުން ކޮށްގެން ޕްރޮޕަޓީއެއް ގަތުމުގެ ފުރުސަތެއް ނޯންނާނެ އެވެ. އޮޅުވާލައިގެން ވިޔަސް އެކަން ކޮށްފި ނަމަ ވަގުތުން ތަން އަތުލައި ދައުލަތަށް ނެގޭނެ އެވެ.

- ރަސްމާލެ މަޝްރޫއަށް އިންވެސްޓް ކުރާ ފަރާތްތަކަށް ލިބޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކުލަވައިލި ކޯޕަރޭޓް ރެސިޑެންސް ވިސާ އެވެ. ކުރިން އިޒްރޭލްގެ ރައްޔިތުންނަށް އެ ވިސާ ހޯދަން ހުރަހެއް ނެތް ނަމަވެސް މި ސަރުކާރުން ނިންމާފައި ވަނީ އިޒްރޭލް ރައްޔިތުންނަށް އެ ވިސާ ނުދިނުމަށެވެ. އެ ވިސާ ހޯދާ ފަރާތްތަކުގެ ޕާސްޕޯޓު ބެލުމުގެ އިތުރުން ނޭޝަނަލިޓީ ސްކްރީން ކުރާނެ އެވެ. ރާއްޖޭގެ ދާއިމީ ސިޓިޒެންޝިޕެއް އެފަދަ އެއްވެސް ފަރާތަކަށް ނުލިބޭނެ އެވެ.

- ކޮންމެ އެއް ގައުމަކަށް ޕްރޮޕަޓީ ޔުނިޓުތައް ގަނެވޭނެ އަދަދު ވަނީ ލިމިޓު ކޮށްފައި އެވެ. އެ ޔުނިޓުތައް ވިއްކުމުގައި ދިވެހިންނަށް އިސްކަން ދޭއިރު ދިވެހިންނަށް އެ ލިމިޓެއް ނޯންނާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.