"އަންނަ އަހަރުން ފެށިގެން އަމިއްލަ ޖީބުން ހަރަދުކުރަން ޖެހިވަޑައިނުގެން، އެހެންނަމަވެސް ހަރުދަނާ ނިޒާމެއްގެ ތެރެއިން މެޑިކަލް ޗެކްއަޕްގެ ފުރުސަތު ލިބިގެންދާނެ،" ފިރުޒުލް ވިދާޅުވި އެވެ.

އަންނަ އަހަރުން ފެށިގެން ހައްޖުގެ އަޅުކަން އަދާކުރުމާ ދާ މީހުން މެޑިކަލް ޗެކްއަޕް ހިލޭ ހެދޭނެ ގޮތް ސަރުކާރުން ހަމަޖައްސައިފި އެވެ.
ހައްޖުވެރިންގެ މެޑިކަލް ޗެކްއަޕަކީ ހައްޖުގެ އަޅުކަމަށް ފުރުމުގެ ކުރިންނާއި، އެނބުރި އައުމަށްފަހު ސިއްހީ ހާލަތު ދެނެގަތުމަށާއި ސައުދީ އަރަބިއްޔާގެ ޓްރެވަލް ރިކުއާމަންޓްތައް ފުރިހަމަކުރުމަށް ހަދަންޖެހޭ މުހިންމު ޓެސްޓުތަކެކެވެ. މި ޓެސްޓްތައް މިހާރު ހަދަނީ އެފަރާތްތަކުން އަމިއްލައަށް ފައިސާ ދައްކައިގެންނެވެ.
ޕީއެސްއެމް އިން ގެނެސްދޭ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރުޒުލް ވިދާޅުވީ ހުރިހާ ހައްޖުވެރިން ވެސް މެޑިކަލް ޗެކްއަޕް ހެދުމަކީ ލާޒިމް ކަމަކަށްވާއިރު، އެކަމުގެ އިންތިޒާމްތައް ހިލޭ ފޯރުކޮށްދުމުގެ މަސައްކަތް އެ ކޯޕަރޭޝަނުންނާއި ހެލްތު މިނިސްޓްރީ އަދި އާސަންދައިން ގުޅިގެން ކުރަމުންދާ ކަމަށެވެ.
"އަންނަ އަހަރުން ފެށިގެން އަމިއްލަ ޖީބުން ހަރަދުކުރަން ޖެހިވަޑައިނުގެން، އެހެންނަމަވެސް ހަރުދަނާ ނިޒާމެއްގެ ތެރެއިން މެޑިކަލް ޗެކްއަޕްގެ ފުރުސަތު ލިބިގެންދާނެ،" ފިރުޒުލް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެ އިންތިޒާމްތައް ސަރުކާރުގެ ފަރާތުން ހަމަޖެހިގެންދާއިރު، މިހާރަށްވުރެ ހަރުދަނާކޮށް އެމަސައްކަތް ބައްޓަންވެގެންދާނެ ކަމަށެވެ. އަދި ހައްޖަށް ދާ މީހުންގެ ހާލަތު ރަނގަޅަށް އެނގުމަކީ، އިދާރީ އިންތިޒާމުތަކަށް ދުރާލާ ތައްޔާރުވުމަށާއި، ދިމާވެދާނެ ސިއްހީ ހާލަތަކަށް ތައްޔާރުވުމަށް ކުރާ މުހިންމު ކަމެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ހައްޖުވެރިންގެ މެޑިކަލް ޗެކްއަޕް ހިލޭ ހެދޭނެ ގޮތް ހަމަޖެހިގެންދާއިރު، ހައްޖަށް ދާއިރު ޖަހާ ވެކްސިނާއި ދިވެހިން ހައްޖަށް ގޮސް ތިބޭއިރު ޑޮކްޓަރަށް ދެއްކުމަށްފަހު ނަގާ ބޭސް ވެސް ހިލޭ ލިބޭނެ އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ.
އެގޮތުން އެމީހެއްގެ ރަށުގައި ތިބެގެން ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.