ވަގަށް ބޭރުކުރަން އުޅުނު މިލިއަނެއްހާ ބޭރު ފައިސާ އަތުލައިގެންފި

ކަސްޓަމްސް އިން މައުލޫމާތު ދިން ގޮތުގައި، މި ފައިސާ އަތުލައިގަތީ މިދިޔަ ބުދަ ދުވަހު ރާއްޖެއިން ފުރަން ދިޔަ އިންޑިއާގެ ރައްޔިތެއްގެ އަތުންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 900،000 އަށް ވުރެ ގިނަ ރުފިޔާއާ އެއްވަރުގެ ބޭރު ފައިސާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން (ވީއައިއޭ) އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން މައުލޫމާތު ދިން ގޮތުގައި، މި ފައިސާ އަތުލައިގަތީ މިދިޔަ ބުދަ ދުވަހު ރާއްޖެއިން ފުރަން ދިޔަ އިންޑިއާގެ ރައްޔިތެއްގެ އަތުންނެވެ. އޭނާ ފުރަން އުޅުނީ ކަސްޓަމްސްގެ ގަވާއިދާ އެއްގޮތަށް ޑިކްލެއާ ނުކޮށް ކަމަށާއި، އަތުލައިގަތް ފައިސާގެ ތެރޭގައި އެކި ގައުމުތަކުގެ ފައިސާ ހިމެނޭ ގޮތަށް ޖުމްލަ 900،000 އަށް ވުރެ ގިނަ ދިވެހި ރުފިޔާގެ އަދަދެއް ހިމެނޭ ކަމަށް އެ އިދާރާއިން ބުންޏެވެ.

ރާއްޖޭން ބޭރު ފައިސާ ވަގަށް ބޭރުކުރަން އުޅުމުގެ މައްސަލަތައް އިތުރުވަމުން އަންނައިރު، މިދިޔަ މަހު ވެސް ވީއައިއޭ އިން ވަނީ ގާތްގަނޑަކަށް 3.8 މިލިއަން ރުފިޔާގެ ބޭރު ފައިސާ ބޭރުކުރަން އުޅުނު ބަންގްލަދޭޝްގެ 6 މީހަކު ހުއްޓުވައިފަ އެވެ. 

އެ މީހުން ފުރަން ގޮސް ތިއްބާ އަތުލައިގަތް ފައިސާގެ ތެރޭގައި 174,161 އެމެރިކާ ޑޮލަރާއި، 56,760 ޔޫރޯ އަދި 1,815 ސްޓާލިން ޕައުންޑް ހިމެނޭހެން 18 ގައުމެއްގެ ފައިސާ ފެނިފައިވެ އެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އެ 6 މީހުންގެ ބަންދަށް ކޯޓުން ވަނީ 30 ދުވަސް ޖަހައިދީފަ އެވެ.

ރާއްޖޭގައި ޑޮލަރުގެ ކަޅުބާޒާރު ހުއްޓުވައި މާލީ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން މިހާރު އަންނަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. 

މިގޮތުން، ބޭރު ފައިސާއާ ބެހޭ ގަވާއިދަށް ދާދި ފަހުން ގެނައި އިސްލާހުގެ ދަށުން، ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން ވަނީ ލާޒިމުކޮށްފަ އެވެ. މީގެ އިތުރުން، ހުއްދަ ނެތި ޑޮލަރުގެ މުއާމަލާތްކޮށް ވިއްކާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ކަމާބެހޭ އިދާރާތަކުން ދީފައިވާއިރު، މި ވިޔަފާރީގައި އުޅުނު ގިނަ އަދަދެއްގެ ބިދޭސީންތަކެއް ވެސް މި ފަހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.