މިކަންކަން ހަމަޖެއްސުމަށް ދީފައިވާ އެޗްޑީސީން ދީފައިވާ މުއްދަތު ހަމަވާނީ 10 ނޮވެމްބަރަށެވެ.

ހުޅުމާލޭގައި އިމާރާތްކުރުމުގެ މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން، އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކާ ގުޅޭ ގަވާއިދާ އެއްގޮތަށް ކަންކަން އިސްލާހުކުރުމަށް ހުޅުމާލެ: ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން އަންގައިފި އެވެ.
މިކަންކަން ހަމަޖެއްސުމަށް ދީފައިވާ އެޗްޑީސީން ދީފައިވާ މުއްދަތު ހަމަވާނީ 10 ނޮވެމްބަރަށެވެ.
އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނީ، ރާއްޖޭގައި އިމާރާތްކުރުމުގެ މަސައްކަތްތައް ކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކާ ގުޅޭގޮތުން، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އިން އެކުލަވާލާފައިވާ ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެވިފައިވާ ކަމަށެވެ.
މި ގަވާއިދަކީ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާއިރު ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދެވެ.
މި ގަވާއިދަށް ހުޅުމާލޭގައި މަސައްކަތްކުރާ ކޮންސްޓްރަކްޝަން ސައިޓުތަކުން ފުރިހަމަވާން ޖެހޭނެކަމަށް އެޗްޑީސީން ވަނީ އަންގައިފަ އެވެ.
އެގޮތުން، ހުޅުމާލޭގައި މިހާރު އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ އަދި އަލަށް މަސައްކަތް ފަށާ ހުރިހާ ފަރާތްތަކުން، އަންނަ ނޮވެމްބަރު 10 ގެ ނިޔަލަށް، ގަވާއިދުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަންކަން އިސްލާހުކުރުމަށް ވަނީ އަންގައިފަ އެވެ.
މި މުއްދަތު ހަމަވުމަށްފަހު ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހުކަމަށްވެސް އެޗްޑީސީން ބުންޏެވެ.
މިއީ އިމާރާތްކުރުމުގެ ސައިޓުތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި އާންމުންގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް އެޗްޑީސީން ވަނީ ފާހަގަކޮށްފަ އެވެ.