އާސަންދަ ނެތި ބޭސް ފަރުވާއަށްދާ ފަރާތްތަކަށް މިހާރު ވިއްކާ 1000 ޑޮލަރު ކޮންމެ ގައުމަކަށް ދިޔަޔަސް ލިބެ އެވެ. އެހެންވެ މި 1000 ޑޮލަރު ނަހަމަ ގޮތުގައި ގިނަ ބަޔަކު ދަނީ ބޭނުން ކުރަމުންނެވެ.

ގާތް މީހަކު ގުޅާފަ ބުނީ އޭނާ ޗުއްޓީއަކަށް ރާއްޖޭން ބޭރަށް އަށްދާން އުޅޭ ވާހަކަ ބުންޏެވެ. އޭނަ ދަނީ ފްރެންޗް ޕޮލިނީޝިއާގެ ޖަޒީރާ ގައުމެއް ކަމަށްވާ ބޯރާބޯރާ އަށެވެ. ބޭނުމަކީ ދިވެހިން ނުދާ ތަނަކަށް ދިއުމެވެ. މި ދަތުރަށް މ ދަތުރުގައިދާ ދެ މީހުން ޑޮލަރު ހޯދަން ރޭވި ރޮކެޓަކީ އެކޮޅުގެ ކްލިނިކަރުން އެޕޮއިންޓްމަންޓެއް ހޯދުމެވެ. އޭރުން ބޭސް ފަރުވާގެ ނަމުގައި މީހަކަށް 1،000 ޑޮލަރު ބޭނުންކުން ވިއްކަ އެވެ. އެހެންވެ ދެ މީހުންނަށް 2،000 ޑޮލަރު ލިބޭނެ އެވެ. މި 1000 ޑޮލަރަކީ އާސަންދަ ނެތި ބޭސްފަރުވާ އަށް ބޭރަށް ދާ މީހުންނަށް ވިއްކާ ޑޮލަރެވެ. ނަމަވެސް މިހާރު މި 1،000 ޑޮލަރު ގިނަ ބަޔަކު ބޭނުންކުރަނީ ނަހަމަ ގޮތުގަ އެވެ.
ސުވާލަކީ މި 1،000 ޑޮލަރު މި ވިއްކަނީ އެންމެ ރަނގަޅަށް ހެއްޔެވެ؟ މިއީ ރިޒާވުން ކުރާ ބޮޑު އިސްރާފެއް ނޫން ހެއްޔެވެ؟ މި ޑޮލަރު އެންމެ ބޭނުންވާ މީހާ ބަލައިގެން ވިއްކޭނެ އިންތިޒާމެއް ހަމަޖައްސަން ނުވޭ ހެއްޔެވެ؟
އެކަމަކު ހަގީގަތަކީ މިއީ މިހާރު މިކަންވާ ގޮތެވެ. މި އުސޫލު އިންނާތީ ބޭރުން ހޮސްޕިޓަލްތަކުގެ ޑޮކްޓަރުގެ އެޕޮއިންޓްމަންޓް ގެނެސްދެން ކޮންމެ މީހަކުވެސް ދަނީ 1،000 ޑޮލަރު ހިފައިގެންނެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ބޭސްފަރުވާގެ ބޭނުންތަކަށް -އާސަންދައާއި ޕްރައިވެޓް މެޑިކަލް ހިމެނޭހެން - ވިއްކާފައި ވަނީ 18.51 މިލިއަން ޑޮލަރެވެ. މިގޮތުން، 2026 ވަނަ އަހަރު ސެޕްޓެންބަރުގެ ނިޔަލަށް ބޭސްފަރުވާގެ ބޭނުންތަކަށް 41.1 މިލިއަން އެމެރިކާ ޑޮލަރު ވިއްކާފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު ތިން ގުނައިތުރު އަދަދެކެވެ.
މި އަދަދުގެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ޚަރަދުގައި ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ދާ ދިވެހީންނަށް ފޯރުކޮށްދީފައިވާ ބޭރުފައިސާއެވެ. 2025 ވަނަ އަހަރު އޮގަސްޓް މަހުން ފެށިގެން، އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރަށް ބޭސްފަރުވާ އަށް ދާ ދިވެހީންނަށް 1000 އެމެރިކާ ޑޮލަރު ވިއްކަން ފެށުމާއެކު، އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން ބޭސްފަރުވާއަށް ވިއްކި ޖުމުލަ އަދަދު ވަނީ ވަރަށް ބޮޑު ތަނުން އިތުރުވެފަ އެވެ. މިގޮތުން މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ދިވެހީންނަށް 29.2 މިލިއަން އެމެރިކާ ޑޮލަރު ވަނީ ވިއްކާފަ އެވެ.
މި ޑޮލަރު ވިއްކަންވީ ދިވެހިން އެންމެ ގިނައިންދާ ގައުމުތަކަށެވެ. ހާއްސަކޮށް ބޭސްފަރުވާއަށް ދާ ގައުމުތަކަށެވެ. ހަގީގަތުގައި މީގެ ބޭނުން ޖެހިފައިވާ ބަޔަކީމި އެވެ. ޔަގީނުން އެނގެން އޮތް ހަގީގަތަކީ އާސަންދައިގެ ދަށުން ބޭސް ފަރުވާ އަށް ދާއިރު ޑޮލަރު ފޯރުކޮށްދެ އެވެ. އަދި ދުރާލާ އިންތިޒުމުތައް ހަމަޖައްސައިގެން ގޮސް ބޭންކް އަށް އެދުމުން ކާޑު ލިމިޓު ވެސް އިތުރުކޮށްދެ އެވެ. އެހެންވީއިރު، ކޮންމެ ގައުމަށްދާން "ބޭސް ފަރުވާ" ގެ ނަމުގައި 1،000 ޑޮލަރު ވިއްކަން ޖެހޭ ހެއްޔެވެ؟