ވިއެޓްޖެޓުން ދަތުރު ފަށަނީ ޑިސެމްބަރު ފަސް ވަނަ ދުވަހު އެވެ. އެއެފަރު މޯލްޑިވްސްއަކީ މި އެއާލައިންގެ ޖެނެރެލް ސޭލްސް އެޖެންޓެވެ. މި ދަތުރުތަކާއެކު ދިވެހިންނަށް ގިނަ ފުރުސަތުތަކެއް ހުޅުވޭނެ އެވެ.

ލޯންޗުގައި ގަޑިއެއްހާއިރު ދުއްވުމަށްފަހު ލޯންޗް ގޮސް މި ވަނީ މުޅި ރާއްޖެއަށް މަޝްހޫރު "ވާއު އެޓޯލް" ނުވަތަ ވ.އަތޮޅު ފުލިދޫ ފަޅަށެވެ. ބަނދަރެއް ހެދިފައިނެތެއް ކަމަކު ރީތި ޖެޓީއަށް ލޯންޗް ބަނދެލައިފި އެވެ. މާލޭގެ ހަލަބޮލި ކޮންކްރިޓް ޖަންގަލިން ސަލާމަތްވާ އެންމެ ރަނގަޅު އެއް ރަށަކީ މިއެވެ. މި ދަތުރަށް އާނބަސް ބުނީ ވެސް އެހެންވެ އެވެ. މާލެއިން ނުކުމެގެން ގޮސް މަސައްކަތް ކޮށްލާނެ މާހައުލެއް ތަނަވަސް ކުރުމެވެ. އަނެއް ބޭނުމަކީ ދިވެހިންނަށް އަންނަ ފުރުސަތެއްގެ ވާހަކަ ގެނެސް ދިނުމެވެ. ހިތްގައިމު ފުރިހަމަ ވ. ފުލިދޫ ކިނާން ސެންޓްރަލް އައިސް މިހުރީ އެހެންވެ އެވެ. މި ގެސްޓްހައުސް ހިންގާ ކިނާން ހޯލްޑިންސްގެ ބައެއްގެ ގޮތުގައި އަލަށް ފެށި އޮއެފަރު އެވިއޭޝަން ސާވިސަސް އިން ދިވެހިންގެ ގިނަ ބަޔަކު ޗުއްޓީއަށް ދާން ބޭނުންވި ނަމަވެސް އާއްމުކޮށް ނުދެވޭ ގައުމަކަށް ދެވޭނެ ފުރުސަތެއް ފަހިކޮށްދޭން ދަނީ ތައްޔާރުވަމުންނެވެ.
ނޫސްވެރިންގެ ޓީމެއް މި ރަށަށް މި ކުރި "ފޭމް ޓްރިޕް" ގެ ބޭނުމަކީ ވެސް މިއެވެ. ނޫސްވެރިންގެ ނައިޓް ފިޝިން އަށް ގޮސް ވެސް ދެއްކީ ވެސް އެ ވާހަކަ އެވެ. ވިއެޓްނާމްއަކީ ރާއްޖޭގެ ބަޖެޓު ޓޫރިޒަމް ނުވަތަ ގެސްޓްހައުސްތަކުގެ ކޮޓަރިތަކުގެ ހުސްކަން ފަޅުފިލުވަން ރަނގަޅު މާކެޓެކެވެ. "އައުޓްބައުންޑް" ނުވަތަ ބޭރަށް ދަތުރުކުރާ ރަނގަޅު "ޖެންޒީ އާބާދީއެއް" އޮތް އަތްމަތި ތަނަސްވަސް މެދު ފަންތީގެ އާމްދަނީ ލިބޭ ރައްޔިތެއް ދިރިއުޅޭ ގައުމެކެވެ. އަދި މި ދަތުރު ރާއްޖެއަށް ފަށާ ވިއެޓްޖެޓްއަކީ ދެކުނު އިރުމަތީ އޭޝިއާއާއެކު ދުނިޔެ ގުޅުވައިދޭ އެއް އެއާލައިންއަށްވުމަކީ އެހެން ގައުމުތަކުންވެސް ޓޫރިސްޓުން ގެނެވޭނެ ސަބަބެކެވެ.
މި އަހަރު ޑިސެމްބަރު ފަސް ވަނަ ދުވަހު ރާއްޖެއަށް ދަތުރު ފަށާ ވިއެޓްނާމްގެ "ވިއެޓްޖެޓު" ގެ ޖެނެރަލް ސޭލްސް އެޖެންޓުގެ ހައިސިއްޔަތުން އޯފަރު އެވިއޭޝަން ސާވިސަސް އިން މި ގައުމަށް ދާން ބޭނުންވާ މީހަކަށް އެންމެ އަގުހެޔޮކޮށް ޓިކެޓު ފޯރުކޮށްދޭނެ އެވެ. އެ ކަމުގެ ޔަގީންކަން ދެއްވީ އޮއެފަރުގެ މާކެޓިން އަދި ޕީއާރު ހިންގުމުގައި އެންމެ އިސްކޮން ހުންނެވި ނިއުޝާދު ޝަރީފު އެވެ. ނިއުޝާދު ދެއްވި ޔަގީން ކަމަކީ ކުރިމަގުގައި ޕެކޭޖުތައް ހަދައި ދިވެހި އާއިލާތަކަށް ހާއްސަ ފުރުސަތު ތަކެއް ވިއެޓްނާމްއިން ހުޅުވާލާނެ އެވެ.
މ ދަތުރުގެ، އެންމެ ހާއްސަ ކަމަކީ ވިއެޓްނާމްގެ ހޯޗީމިން ސިޓީގެ ހަލަބޮލިކަމުގެ ތަޖުރިބާއާއެކު މަޑުމައިތިރި ގުދުރަތީ އަޖައިބުތަކުގެ މަންޒިލްތައް ބަލައިލަން އާއިލާތަކަށް ލިބޭނެ ފުރުސަތެވެ. ޝޮޕިން މޯލްތަކާއި މަގުމަތީ ބާޒާރުތަކުން ވިޔަފާރިކޮށްކަން ހުޅުވޭ ދޮރުތަކެވެ. މި ދަތުރު ކުރާ ވިއެޓްޖެޓްއަކީ ބަޖެޓު އެއާލައިން ނުވަތަ "ލޯކޮސްޓް ކެރިއާ" އެވެ. އެހެންވެ ދަތުރަށް އެރުމުގެ ކުރިން ސިކުނޑީގަ ބައްޓަން ޖެހޭ ކަމަކީ ޓިކެޓުގެ އަގުއެކި ދުވަސްވަރު ތަފާތުވާނެ އެވެ. "މިއަދާއި" "މާދަމާ" އަދި "އަނެއް ދުވަހު" ވެސް އަގު ތަފާތު ވެދާނެ އެވެ.

ބައިނަލްއަޤްވާމީ އަދި އެތެރޭގެ އުދުހުންތަކުގެ އަގާއި ޗުއްޓީ ދުވަސްވަރުގެ ހޮޓާ އަގުތަކަކީ ދަތުރުގެ ޖުމްލަ ހަރަދަށް އަސަރުކުރާނެ ކަންކަމެވެ. ވިސްނާން ޖެހޭ އެއް ޕޮއިންޓަކީމި އެވެ. ދިވެހިން ބޭރު ފައިސާގެ އިންތިޒާމުތަކާއި ކާޑުން ފައިސާ ދެއްކުމުގެ ކަންކަމާއި ދަތުރުގެ ކުރިން ދައްކަންޖެހޭ ޚަރަދުތަކަށް ދުރާލައި ތައްޔާރުވުމަކީ ވެސް މުހިންމު ކަމެކެވެ. މީގެ އިތުރުން، ވިސާގެ ކަންކަމާއި ޓްރެވަލް އިންޝުއަރެންސް އަދި އެއް ސިޓީން އަނެއް ސިޓީއަށް ދަތުރުކުރުމަށް ހިނގާނެ ޚަރަދުތައް ބަލައި، ދަތުރުގެ ތާވަލު ތައްޔާރުކުރުމަކީ ވެސް އެހާ ބޭނުންތެރި ކަމެކެވެ. ދުރާލައި ރަނގަޅަށް ރޭވުމުން، ބަޖެޓުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފި، ބޭނުންވާ މުހިންމު ތަޖުރިބާތަކަށް އުނިކަމެއް ނާންނާނެ އެވެ.
ވިއެޓް ޖެޓު ޑިސެމްބަރު ފަސް ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ދަތުރުތަކާއެކު މާލެ، ކޮލަމްބޯ އަދި ހޯޗީމިން ސިޓީއާ ދެމެދު ހަފުތާއަކު ތިން ދަތުރު އޮންނާނެ އެވެ. މި ދަތުރުގައި އެވްރެޖުކޮށް ލަގެޖަށް ލިބޭނީ 20 ކިލޯ އެވެ. އަދި އިތުރަށް ކިލޯ ބޭނުންނަމަ ގަނެގެން ލިބޭނެ އެވެ. މި ދަތުރު ރާވާފައިވަނީ މާލެ އިން ކޮލަމްބޯ އަށް ގޮސް އެ ގައުމުން ވިއެޓްނާމް އަށް ދަތުރު ކުރާ ގޮތަށެވެ. ކޮލަމްބޯ އަށް ދިޔަނަމަވެސް ބޯޓު ފައިބަން ފުރުސަތެއް ނުލިބޭނެ އެވެ. މިއީ ގާތްގަނޑަކަށް އެއް ގަޑިއިރުގެ ޓްރާންސިޓެކެވެ. ބޯޓުގެ މީލް ތަކަކީ ވެސް ވަކިން ގަންނަން ޖެހޭނެ އެއްޗިހިއްސެވެ. އެހެންވެ، އެބަޔަކު ބޭނުން ގޮތަކަށް އަގުތައް ހަަމަޖައްސަން ފުރުސަތު އޮންނާނެ އެވެ. އެވްރެޖު ޓިކެޓުގެ އަގަކީ މާލެ- ވިއެޓްނާމް ދެކޮޅު ގާތްގަނޑަކަށް 400 ޑޮލަރު ކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ. މިހެން ބުންޏަސް އަގުގައި ކުދިކުދި ވޭރިއޭޝަންތައް ހުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

ހަލޯންގް ބޭ - މިއީ ވިއެޓްނާމަށް ދާނަމަ ކޮންމެހެންވެސް ދާންޖެހޭ އެންމެ މަޝްހޫރު އެއް ތަނެވެ. ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސައިޓެއް ކަމަށްވާ މިތަނުގެ ފެހި ކުލައިގެ ސާފު މޫދާއި، މޫދު ތެރެއިން އުފުލިފައިވާ އުސް ފަރުބަދަތަކަކީ ބަލާލަން ވަރަށް ހިތްގައިމު މަންޒަރެކެވެ. މިތަނުގައި ކްރޫޒް ދަތުރުތައް ކުރުމާއި ކަޔަކް ކުރުން ވަރަށް މަޝްހޫރެވެ.
ހަނޯއީ - ވިއެޓްނާމްގެ ވެރިރަށް ކަމަށްވާ ހަނޯއީ އަކީ ތާރީޚީ އިމާރާތްތަކާއި، މަގުމަތީގެ މީރު ކާނާތަކަށް މަޝްހޫރު ސިޓީއެކެވެ. މި ސިޓީގެ އެންމެ މަޝްހޫރު އެއް ތަނަކީ ރޭލު ދަތުރުކުރާ މަގަކާ ވަރަށް ގާތުގައި ކެފޭތައް ހަދާފައިވާ "ޓްރެއިން ސްޓްރީޓް" އެވެ.
ހޮއި އާން - "ސިޓީ އޮފް ލެންޓާންސް" ނުވަތަ ބައްތީގެ ސިޓީގެ ނަމުން މަޝްހޫރުވެފައިވާ މި ރަށަކީ ރޭގަނޑު ވަރަށް ރީތިކޮށް ދިއްލާލާފައި އޮންނަ، ފޮޓޯ ނަގަން ވަރަށް ރީތި އާސާރީ ރަށެކެވެ.
ހޯ ޗި މިން ސިޓީ - ކުރިން "ސައިގޮން" ގެ ނަމުން ނަންދެވިފައިވާ މި ސިޓީއަކީ ވިއެޓްނާމްގެ އެންމެ ބޮޑު އަދި އެންމެ ހަލަބޮލި އެއް ސިޓީއެވެ. މިތަނުން ވިއެޓްނާމް ހަނގުރާމައިގެ ތާރީޚު އަންގައިދޭ ދާރުލްއާސާރުތަކާއި، ކޫ ޗީ ޓަނަލް ފަދަ ތަންތަން ބަލާލެވޭނެއެވެ.
ސާޕާ - މިއީ ވިއެޓްނާމްގެ އުތުރުގައި ފަރުބަދަމަތީގައި އޮންނަ ހިތްގައިމު އަދި ފިނި ސަރަޙައްދެކެވެ. މިތަން އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ފަރުބަދަތަކުގެ ބައްޓަމަށް ހަދާފައިވާ ރީތި ހަނޑޫ ދަނޑުތަކަށެވެ.
ޑާ ނަންގް އަދި ބާ ނާ ހިލްސް - ޑާ ނަންގް އަކީ ރީތި ގޮނޑުދޮށްތަކެއް އޮންނަ ހިތްފަސޭހަ ސިޓީއެކެވެ. މި ސިޓީއާ ކައިރީގައި އޮންނަ ބާ ނާ ހިލްސްގައި ހުންނަ "ގޯލްޑަން ބްރިޖް" (ބޮޑު ދެ އަތުގެ މަތީގައި އަޅާފައިވާ ބްރިޖް) އަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަޤުބޫލު ތަނެކެވެ.

ވިއެޓްނާމްއަކީ ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ބޮޑު "ފެކްޓަރީ ގައުމު" ގެ ގޮތުގައި ބަލާ ވިއެޓްނާމްއަކީ ގިނަ ފުރުސަތުތަކެއް ހުރި ގައުމެވެ. ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ފެކްޓަރީތައް ހުންނަނީ މި ގައުމުގަ އެވެ. އެެހެންވެ މިއީ ވިޔަފާރީގެ ގޮތުން ބަލާނަމަ "މާވަހަރެއް" ފަދަ ފުރުސަތުތައް އޮތް ގައުމެކެވެ. ވިއެޓްނާމަކީ އޭޝިއާގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް އިޤްތިސާދު ކަމަށްވުމާއެކު، ބޭރުގެ އިންވެސްޓަރުންނާއި ވިޔަފާރިވެރިންނަށް ތަފާތު އެކި ދާއިރާތަކުން ގިނަ ފުރުސަތުތަކެއް އެގައުމުގައި އެބަހުއްޓެވެ. މެނުފެކްޗަރިންގ އަދި އެކްސްޕޯޓް ހާއްސަކޮށް އަންނައުނު (ގާމެންޓްސް) ފައިވާނާއި ބޫޓު، އަދި އިލެކްޓްރޯނިކްސް ސާމާނު އުފެއްދުމަކީ ވިއެޓްނާމްގައި އެންމެ ފުޅާކޮށް ކުރާ އެއް މަސައްކަތެވެ. މަސައްކަތްތެރިންގެ މުސާރަ ނިސްބަތުން ކުޑަވުމާއި އުފެއްދުންތެރިކަން މަތިވުމުގެ ސަބަބުން މިއީ ފައިދާ ބޮޑު ދާއިރާއެކެވެ. އަމިއްލަ ބްރޭންޑެއް އުފަން ކުރަން ވިސްނި ނަމަވެސް އެ ގައުމަށް ގޮސް ބޭނުންވާ ގޮތަކަށް އެ ފަރުމާކޮށް ފެކްޓަރީ ލެވަލްގައި އުފެއްދުމުގެ ފުރުސަތު އޮންނާނެ އެވެ.
ވިއެޓްނާމްއަކީ ފުރުސަތު އޮތް ތަނެކެވެ. އޮއެފަރު ކުންފުނިން ދިވެހިންނަށް ހުޅުވާލަނީ އެ ދޮރެވެ. މިއަހަރުގެ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު ވިއެޓްޖެޓުން ފަށާ ދަތުރުތަކާއެކު މި ގައުމު ކުރިމަގުގައި ވެގެންދާނީ ދިވެހި އާއިލާތަކުގެ ޗުއްޓީގެ މަންޒިލަކަށެވެ.