ރަސްމާލެ މަޝްރޫއާ ޔާމީން ދެކޮޅުވުމުން އަބްދުއްރަހީމްގެ ރައްދެއް

ޔާމީނުގެ ވެރިކަމުގައި އެމްޑީޕީން ޣައްދާރުވި ގޮތާއި މިހާރު އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތުގެ އެއްވެސް ތަފާތެއް ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވި

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ --

މޯލްޑިވްސް ވޯޓަފްރަންޓް އެންޑް މެރީނާ މަޝްރޫއާ ދެކޮޅަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރައްދު ދެއްވައިފި އެވެ.

ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ ޔާމީނުގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއު ހުއްޓުވަން އެމްޑީޕީ ކުރި މަސައްކަތާއި ރަސްމާލެ މަޝްރޫއު ހުއްޓުވަން ޔާމީން އެމްޑީޕީ އާ ގުޅިގެން ކުރަމުންދާ މަސައްކަތުގެ ތަފާތަކީ ކޮބާތޯ ސުވާލު އުފެއްދެވި އެވެ.

އޭރު އެމްޑީޕީން އެކަން ކުރީ ވެރިކަމުގެ ދަހިވެތިކަމުގައި ކަމަށާއި އެއީ ގައުމާއި ރައްޔިތުންނަށް ޣައްދާރުވުން ކަމަށް ސިފަ ކުރެއްވި އިރު މިއަދު ޔާމީން ވެސް އުޅުއްވަނީ އެ ދަހިވެތިކަމުގައި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"މިއަދު ހަމަ އެ ދަހިވެތިކަމުގައި އެ މަނިކުފާނަށް އެ ޣައްދާރުވެވެނީ ގައުމާ ރައްޔިތުންނަށް ނޫންތޯ؟ ވެރިކަމުގެ ދަހިވެތިކަމުގައި ތިމާއަށް ކުރެވޭ ނުކުރެވޭކަމެއް ދެއްކޭ ނުދެއްކޭ ވާހަކައެއް އެނގިވަޑައި ނުގަންނަ ހިސާބަށް ދިޔައީތޯ؟" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ދިވެހިންނަކީ ބަޔަކު ޖަހާހާ ބެރަކަށް ނަށާވަރަށްވުރެ މާ ބޮޑަށް ތަސައްރުފު ފުދިފައި ތިބި ހަރުދަނާ ބައެއް ކަމަށެވެ. ގައުމާ މެދު ވިސްނާ ފިކުރުކޮށް ރަނގަޅާ ނުބައި ވަކިކުރަން ދިވެހިން ދަންނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރަސްމާލޭގެ މަޝްރޫއު ނުހުއްޓުވޭނެ ކަމަށާއި ލަހެއް ނުވެ މަޝްރޫއު ފެށޭނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އެ މަޝްރޫއު ކުރިއަށްދާނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތީން ކަމަށާއި ކުރިޔަށް އޮތްތަނުގައި އޭގެ ފުރިހަމަ ފައިދާ ދިވެހީންނަށް ލިބޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީއެންއެފްގެ ފްރަންޓް އޮފީސް ޖަލްސާތަކުގެ އިތުރުން އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެސް ޔާމީން ވަނީ ރަސްމާލެ މަޝްރޫއާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. ރަސްމާލެ މަޝްރޫއު އެ މަނިކުފާނު ސިފަ ކުރައްވަނީ ރާއްޖޭގައި ޔަހޫދީ އާބާދީއެއް ގާއިމް ކުރުމަށް ކުރާ ކަމެއް ގޮތުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.