މޯލްޑިވިއަން އިން ދަނީ މި އަހަރުގެ ފަހުކޮޅު ދެވަނަ ވައިޑް ބޮޑީ ބޯޓެއް ގެނެސް ރަޝިޔާ އަދި ދެކުނު ކޮރެއާ އަށް ދަތުރުތައް ފެށުމަށް ތައްުޔާރު ވަމުންނެވެ.

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ އޮޕަރޭޝަން ފުޅާކުރަން އެއާބަސް އޭ220-300 މަރުކާގެ ދެ ބޯޓު ހޯދަން އިއުލާނުކޮށްފި އެވެ.
ގައުމީ އެއާލައިން އުދުއްސާ މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން އޭ220-300 މަރުކާގެ ދެ ބޯޓު ގެންނަނީ އޮޕަރޭޓިން ލީސްގެ ދަށުންނެވެ.
މި ބޯޓުތައް ގެންނަން އަމާޒުކޮށްފައިވަނީ 2027 ވަނަ އަހަރުގެ ފަހު ކުއާޓަރާއި 2028 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭސްކުރާގޮތަށް ގެންނަ މި ބޯޓުތައް ކުއްޔަށް ހިފުމަށް ހަމަޖެހިފައިވަނީ 6 އަހަރާއި 12 އަހަރާ ދެމެދުގެ މުއްދަތަކަށެވެ.
އޭ220-300 މަރުކާގެ ބޯޓުތަކަކީ މޯލްޑިވިއަންގެ ނެރޯބޮޑީ ފްލީޓަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. މީގެ ކުރިން ބައިނަލްއަޤްވާމީ ދަތުރުތަކުގައި މޯލްޑިވިއަން އިން ބޭނުންކުރަމުން އައީ އެއަރބަސް އޭ 320 މަރުކާގެ ބޯޓެވެ. މިއީ އެ ކުންފުނީގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކޮށް، ފަސިންޖަރުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރިއަށްގެންދާ ފްލީޓް އާކުރުމުގެ ސްޓްރެޓެޖީގެ ދަށުން ނިންމި ނިންމުމެކެވެ.
ބޯޓު ހޯދަން ކުރި ބީލަމުގެ ލިޔެކިޔުންތަކުގައިވާ ގޮތުން، މި ބޯޓުތަކުގައި ހުންނަންވާނީ 8 ބިޒްނަސް ކްލާސް ސީޓާއި 130 އިކޮނޮމީ ކްލާސް ސީޓު ހިމެނޭހެން ޖުމްލަ 138 ސީޓެވެ. އަދި ބޯޓުތައް ގެންނަންވާނީ މޯލްޑިވިއަންގެ ލިވަރީ (ކުލަތަކުގައި) ކަމަށާއި، ބޯޓު ގެންނަތާ 24 މަސް ދުވަސް ނުވަތަ 5,000 ފްލައިޓް ގަޑިއިރު، ނުވަތަ 3,000 ފްލައިޓް ސައިކަލް ވަންދެން ބޮޑު މެއިންޓެނެންސެއް (މޭޖާ މެއިންޓެނެންސް އިވެންޓެއް) ހަދަން ނުޖެހޭނެ ފެންވަރުގައި ހުންނަންވާނެކަމަށް ބަޔާންކޮށްފައިވެ އެވެ.
ގާތްގަނޑަކަށް 3,400 ނޯޓިކަލް މޭލަށް ދަތުރުކުރުމުގެ ޤާބިލުކަން ލިބިފައިވާ މި ބޯޓުތައް މޯލްޑިވިއަންގެ ރީޖަނަލް ނެޓްވޯކާ ވަރަށް ބޮޑަށް ގުޅެއެވެ. މޯލްޑިވިއަން އިން މިހާރުވެސް އިންޑިއާ، ބަންގްލަދޭޝް، ޗައިނާ އަދި އޮސްޓްރޭލިއާ ހިމެނޭހެން 4 ޤައުމެއްގެ 7 މަންޒިލަކަށް ދަތުރުކުރެއެވެ.
މޯލްޑިވިއަން އިން ދަނީ އެ ކުންފުނީގެ ފްލީޓް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ފުރަތަމަ ވައިޑް-ބޮޑީ (އެއަރބަސް އޭ330-200) ބޯޓެއް ގެނެސްފައިވާއިރު، މި އަހަރުގެ ފަހުކޮޅު ދެވަނަ ވައިޑް ބޮޑީ ބޯޓެއް ގެނެސް ރަޝިޔާ އަދި ދެކުނު ކޮރެއާ އަށް ދަތުރުތައް ފެށުމަށް ވަނީ ޕްލޭންކޮށްފަ އެވެ.