މިދިޔަ އަހަރުގެ ރެކޯޑު އަދަދާ އެއްވަރަށް މި އަހަރު ޓޫރިސްޓުން އަންނާނެކަމަށް ލަފާކުރެވޭ: އަމީން

މިނިސްޓަރު އިތުރަށް ވިދާޅުވީ، ތިން މަސް ދުވަހުގެ ބޮޑު ވެއްޓުމަކަށް ފަހު ދާއިރާ އަލުން ކޮޅަށް ޖެހި، މިދިޔަ އަހަރާ އެއް މިންވަރަކަށް އަދަދުތައް ހިފެހެއްޓިއްޖެ ނަމަ އެއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ރޭ ބޭއްވި އަހާ ފޯރަމްގައި މިނިސްޓަރު އަމީން މައުލޫމާތު ދެއްވަނީ. --ފޮޓޯ: ރޮއިޓަރސް

ދުނިޔޭގެ މަސްރަހަށް އައި ލޮޅުންތަކުގެ ސަބަބުން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ކުރިމަތިވި ދަތިތަކުން އަރައިގަނެ، މި އަހަރު ނިމޭއިރު ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ ރެކޯޑު އަދަދާ އެއްވަރު ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި "އަހާ" ފޯރަމްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އަމީން ވިދާޅުވީ، މިއަހަރުގެ ފެށުން ދިޔައީ މިދިޔަ އަހަރަށް ވުރެ ވެސް މާ އުއްމީދީކޮށް ކަމަށެވެ. އެގޮތުން ޖެނުއަރީ މަހު ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ފަސް ޕަސެންޓް އަދި ފެބްރުއަރީ މަހު 18 ޕަސެންޓް އިތުރުވި ނަމަވެސް، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ޖެހިގެން އައި ތިން މަހު ފަތުރުވެރިން އައި މިންވަރު ވަނީ 24 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ.

ނަމަވެސް، ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއި އިންޑަސްޓްރީގެ މަސައްކަތުން މިހާރު އެ ދަށްވުން 1.3 ޕަސެންޓަށް ކުޑަކުރެވިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ވަރަށް ބޮޑަށް ޝުކުރުވެރިކަން މުޅި އިންޑަސްޓްރީއަށް. އަދި ހާއްސަކޮށް ސަރުކާރުން ގެނައި ބަދަލުތަކާ ކުރެވުނު މަސައްކަތުން މިހާރުގެ ފޯކާސްޓަކީ އިރާދަކުރެއްވިއްޔާ، މިދިޔަ އަހަރާ ގާތްގަނޑަކަށް އަރާ ހަމަކުރެވޭނެ މިއަހަރު ނިމޭއިރު. ނޫނީ އެއަށް ވުރެ ކުޑަ ތަންކޮޅެއް ވިއްޔާ ވާނީ ރަނގަޅު،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ތިން މަސް ދުވަހުގެ ބޮޑު ވެއްޓުމަކަށް ފަހު ދާއިރާ އަލުން ކޮޅަށް ޖެހި، މިދިޔަ އަހަރާ އެއް މިންވަރަކަށް އަދަދުތައް ހިފެހެއްޓިއްޖެ ނަމަ އެއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މިދިޔަ އަހަރު ރާއްޖެއަށް ރެކޯޑު އަދަދެއް ކަމަށްވާ 2.2 މިލިއަން ޓޫރިސްޓުން އައިސްފައިވާއިރު، މި އަހަރުގެ މިހާތަނަށް އައިސްފައިވަނީ 1.6 މިލިއަން ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ ޓާގެޓާ ހަމަކުރުމަށްޓަކައި އޮކްޓޫބަރު މަސް ހިމެނޭހެން އަހަރުގެ ބާކީ އޮތް ތިން މަހު މަދުވެގެން ހަ ލައްކަ ޓޫރިސްޓުން ގެންނަން ޖެހެ އެވެ. އެއީ މަހަކު ގާތްގަނޑަކަށް ދެ ލައްކަ އެވެ. މިދިޔަ އަހަރުގެ ފަހު ތިން މަހު ވެސް ރާއްޖެއަށް 603،000 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.

ކުރިއަށް އޮތް ތިން މަހު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރަން ޖެހޭއިރު، ފަހުގެ ހިސާބުތަކުން ދައްކަނީ ކުޑަ ދަށްވުމެކެވެ. އެގޮތުން ސެޕްޓެމްބަރު މަހު 0.2 ޕަސެންޓުގެ ދަށްވުމެއް ފާހަގަކުރެވުނުއިރު، މި މަހުގެ ފުރަތަމަ 10 ދުވަހު އައި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 3.6 ޕަސެންޓް ދަށްވެފަ އެވެ.

މިދިޔަ އަހަރުގެ ތާރީހީ ރެކޯޑާ ބެހޭ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެ އަހަރު 2.2 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނެވުނީ ރާއްޖޭގެ އޭވިއޭޝަން ސޭފްޓީ ސްޓޭންޑާޑްތައް ހަރުދަނާކޮށް، ގިނަ އެއާލައިންތަކެއް އޮޕަރޭޓް ކުރަން ފެށުމުން ކަމަށެވެ. 

ހާއްސަކޮށް އައިކާއޯގެ އެންމެ ފަހުގެ އޮޑިޓުން ރާއްޖޭގެ އޭވިއޭޝަން ސޭފްޓީއަށް 79 ޕަސެންޓް ލިބުމާ ގުޅިގެން ޔޫރަޕުގެ ގިނަ އެއާލައިންތަކެއްގެ ދަތުރުތައް ފެށިގެން ދިޔުމަކީ އެ ރެކޯޑު ހާސިލުކުރެވުނު މައިގަނޑު ސަބަބު ކަމަށް އަމީން ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.