މި ފޯރަމްގައި އިއާދަކުރަނިވި ހަކަތައާއި، މޫސުމީ ބަދަލުތަކަށް ވިލުންތެރި އުމްރާނީ ވަސީލަތްތަކުގެ އިތުރުން ނޫ އިގްތިސާދުގެ ދާއިރާއިން ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަށް މަގުފަހިކުރެވޭނެ ގޮތް ގިނަ މަަޝްވަރާތަކެއް ކުރާނެ އެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް ފައިނޭންސް ފޯރަމް 2026" އަންނަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
ދޫސިތުޑީ2 ފޭދޫ މޯލްޑިވްސްގައި ބާއްވާ މި އަހަރުގެ ފޯރަމްގެ މައިގަނޑު އަމާޒަކީ ތިމާވެއްޓާ ރައްޓެހި މާލީ ނިޒާމަކާއި ދިގުމުއްދަތުގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމެވެ. މި އަހަރުގެ ފޯރަމް ކުރިއަށްދާނީ "ގްރީން ފައިނޭންސް: ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއި މާލީ ރައްކާތެރިކަން ފަހިކޮށްދިނުން" މި ޝިއާރުގެ ދަށުންނެވެ.
މި ފޯރަމްގައި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މާލީ އިދާރާތަކާއި، އިންވެސްޓަރުންގެ އިތުރުން ރާއްޖެއާއި ބައިނަލްއަގުވާމީ ދާއިރާތަކުގެ ތަޖުރިބާކާރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ ރާއްޖޭގެ އިގްތިސާދީ އަދި މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ދިގުމުއްދަތުގެ ދެމެހެއްޓެނިވި ރައުސްމާލު ހޯދިދާނެ ގޮތްތަކާ މެދުގައެވެ.
މޫސުމީ ބަދަލުތަކުން ކުރިމަތިވާ ނުރައްކާތަކަކީ މާލީ ނުރައްކަލެއްގެ ގޮތުގައި މާލީ ދާއިރާއިން މިހާރު ދެކޭއިރު، ރާއްޖޭގައި އިތުބާރު ހުރި ގްރީން ފައިނޭންސް މާކެޓެއް ގާއިމުކުރުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން މި ފޯރަމްގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވޭނެ އެވެ. އަދި އިއާދަކުރަނިވި ހަކަތައާއި، މޫސުމީ ބަދަލުތަކަށް ވިލުންތެރި އުމްރާނީ ވަސީލަތްތަކުގެ އިތުރުން ނޫ އިގްތިސާދުގެ ދާއިރާއިން ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަށް މަގުފަހިކުރެވޭނެ ގޮތްތަކަށްވެސް ބައްދަލުވުމުގައި އަލިއަޅުވާލާނެއެވެ. މި މަޝްވަރާތައް ބިނާވެފައިވަނީ 2024 ވަނަ އަހަރު ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ތައާރަފުކުރި "މޯލްޑިވްސް ސަސްޓެއިނަބިލިޓީ ރިޕޯޓިން ފްރޭމްވޯކް" ގެ މައްޗަށެވެ.
ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރު އަދި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭ މައިގަނޑު އިދާރާގެ ހައިސިއްޔަތުން، ޕެންޝަން އޮފީހުން ދަނީ މި ދާއިރާއަށް ހާއްސަ އިސްކަމެއް ދެމުންނެވެ.
މިކަމާ ގުޅޭގޮތުން ޕެންޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު މުހައްމަދު ވިދާޅުވީ ޕެންޝަން ފައިސާއަކީ އެތައް އަހަރަކަށް އަމާޒުކޮށް އިންވެސްޓްކުރެވޭ އެއްޗަކަށްވުމާއެކު، ކުރިއަށް އޮތް ވިއްސަކަށް ނުވަތަ ތިރީހަކަށް އަހަރު ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާއި ފުރުސަތުތަކަކީ ޕެންޝަން ފަންޑުގެ ބައިވެރިންނާ ސީދާ ގުޅުންހުރި ކަންކަން ކަމަށެވެ.
"ގްރީން ފައިނޭންސްގެ އަސާސީ ބޭނުމަކީ އިތުރަށް ހަރުދަނާވެފައިވާ ވިލުންތެރި އިގްތިސާދަކަށް އިންވެސްޓްކުރުން. މި ފޯރަމަކީ އެ ފަލްސަފާ ރާއްޖޭގައި އަމަލީ ފުރުސަތުތަކަކަށް ބަދަލުކޮށްދެވޭނެ ފަރާތްތައް އެއްތަނަކުން ބައްދަލުވެ މަޝްވަރާކުރުމަށް ކުރިއަށްގެންދާ ފޯރަމެއް،" ޔަޒްމީދު ވިދާޅުވިއެވެ.
މިއީ 2012 ވަނަ އަހަރުން ފެށިގެން ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ފޯރަމްގެ 13 ވަނަ ބައްދަލުވުމެވެ. މޯލްޑިވްސް ފައިނޭންސް ފޯރަމަކީ ރާއްޖޭގެ މާލީ ދާއިރާގެ ކުރިމަގާއި، އެ ދާއިރާއަށް ކުރިމަތިވާ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ގާއިމުކޮށްފައިވާ ގައުމީ ފެންވަރުގެ އެންމެ މުހިންމު އެއް މަންސައެވެ.