އެކްސިޑެންޓްތައް ތަހުގީގު ކުރަން "ސްމާޓް ޑްރޯ" ބޭނުންކުރަން ފަށައިފި

މަގުމަތީގެ އެކްސިޑެންޓްތައް ތަހުގީގުކުރުމުގައި ޓެކްނޮލޮޖީގެ އެހީގައި ބޮޑު ކުރިއެރުމެއް ހޯދައި، ތަހުގީގީ ރިޕޯޓުތަކުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންގެ ޓްރެފިކް އިންވެސްޓިގޭޝަނުން "ސްމާޓް ޑްރޯ" ސޮފްޓްވެއާ ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓުގައި މިއަދު އާންމުކޮށްފައިވާ ގޮތުގައި، މި ޒަމާނީ ސޮފްޓްވެއާ ބޭނުންކުރަން ފަށާފައިވަނީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓްގެ ދަށުން ހިންގާ ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަނުންނެވެ. މި ބަދަލާއެކު ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާވެ، އަވަސްވެގެންދާނެ ކަމަށް ފުލުހުން ބުނެއެވެ. އަދި މިއީ ތަހުގީގުތަކުގެ ފަންނީ މިންގަނޑުތައް މަތިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

"ސްމާޓް ޑްރޯ" އަކީ އެކްސިޑެންޓް ހިނގާ ސަރަހައްދުތަކުގެ ޑައިގްރާމްތަކާއި ސްކެޗްތައް ފަސޭހަކަމާއެކު ކުރެހުމަށް ޚާއްޞަކޮށްފައިވާ ޔޫޒަރ-ފްރެންޑްލީ ސޮފްޓްވެއާއެކެވެ. މި ސޮފްޓްވެއާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފަޔަކީ ގޫގުލް މެޕްސް އާއި ސެޓެލައިޓް އިމޭޖްތައް ސޮފްޓްވެއާއަށް އަޅައިގެން، އެކްސިޑެންޓް ހިނގި ސަރަހައްދުގެ މަންޒަރު އެންމެ ފުރިހަމައަށް އަދި ސައްހަކޮށް ކުރެހުމުގެ ފުރުސަތު ލިބިގެންދިއުމެވެ.

މީގެ އިތުރުން، އިންޓަސެކްޝަން، ޓީ-ޖަންކްޝަން އަދި ސީދާ މަގުތައް ހިމެނޭހެން ތަފާތު މަގުތަކުގެ ލޭއައުޓްތައް މި ސޮފްޓްވެއާގައި ކުރީބައިގައި ފަރުމާކޮށްފައި ހުރެއެވެ. އަދި އެކި ބާވަތުގެ އުޅަނދުފަހަރާއި ޓްރެފިކް ނިޝާންތަކުގެ އިތުރުން މަގުބައްތިތަކާއި ތަހުގީގަށް ބޭނުންވާ މުހިންމު އެލިމެންޓްތަކުގެ ރެޑީމޭޑް ސިމްބަލްތައްވެސް ހިމެނެއެވެ.

ފުލުހުން ފާހަގަކުރާ ގޮތުގައި މިއީ ތަހުގީގުކުރުމުގެ މަރުހަލާތައް ޒަމާނީކޮށް، ހެކި ޑޮކިއުމެންޓްކުރުން ވަރުގަދަކޮށް، އޮޕަރޭޝަނަލް ހިންގުން އަވަސްކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މިއީ މުޅި ރާއްޖޭގައި ފޯރުކޮށްދޭ ފުލުހުންގެ ޚިދުމަތްތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބައެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.