ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އަންހެން ކުދިން ބާރުވެރި ކުރުވައި މުސްތަގުބަލުގައި ލީޑަރުންނަށް ހެދުމަށް ސަރުކާރުން އިސްކަން ދީގެން މަސައްކަތް ކުރާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ އަންހެން ކުދިންގެ ދުވަހާ ގުޅިގެން ރައީސް "އެކްސް" ގައި ވިދާޅުވީ އަންހެން ކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުންދާ މަސައްކަތްތަކުގައި ރާއްޖެއިން ބައިވެރިވާ ކަމަށާއި އަންހެން ކުދިންނާއި ޒުވާން އަންހެނުން ގާބިލް ކަން ދައްކުވައިދީ މުސްތަގުބަލުގެ ލީޑަރުންގެ ގޮތުގައި ބައްޓަންކުރުމަށް ސަރުކާރުން އިސްކަން ދޭ ކަމަށެވެ.
އެގޮތުން ރައްކާތެރި އަދި އެއްބާރުލުން ލިބޭ މާހައުލެއް ގާއިމް ކުރުމާއި ގައުމީ ތަރައްގީގައި އެ ކުދިންނަށް އަމަލީގޮތުން ބައިވެރިވެވޭނެ ގޮތަށް ސިޔާސަތުތައް ބައްޓަން ކޮށް ފުރުސަތުތައް ފަހިކޮށްދިނުމަށް މި ސަރުކާރުން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެފަދަ އަމާޒުތަކަށް ވާސިލުވެވޭނީ މުޅި މުޖުތަމައު ގުޅިގެން ކުރެވޭ މަސައްކަތުންނެވެ. އެގޮތުން އާއިލާތަކާއި މުޖުތަމައުގެ ފަރުދުންގެ އިތުރުން ކަމާބެހޭ އެންމެހާ ފަރާތްތަކުގެ އެއްބާރުލުން މިކަމަށް ބޭނުންވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.