ސައޫދީ އިން 12 މީހުން މަރު، ރިޔާދު އެއާޕޯޓަށް ސްރީލަންކަން ދަތުރުތައް ހުއްޓާލައިފި

މި ހަމަލާއާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީގޮތުން މެދުކަނޑާލައި، ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ރިޔާދު އެއާޕޯޓަށް ހަމަލާ އަރައި ގެއްލުން ވެފައި

ރިޔާދުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އިއްޔެ ދިން ހަމަލާގެ ސަބަބުން 12 މީހުން މަރުވެ ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ. މިއާއެކު ކޮޅުނބުން ރިޔާދު އަށް ކުރާ ހުރިހާ އެއާލައިންތަކެއްގެ ދަތުރުތައް ހުއްޓާލިއިރު މީގެ ތެރޭގައި ސްރީލަންކަން ކުރަމުން ގެންދާ ދަތުރުތައް ވެސް ހިމެނެ އެވެ. 

ސައުދީގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަނުން މައުލޫމާތު ދޭގޮތުގައި މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސައުދީގެ 4 ރައްޔިތުންނާއި ބަންގްލަދޭޝްގެ 2 މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީނު އަދި ސޫދާނަށް ނިސްބަތްވާ މީހުން ހިމެނެ އެވެ. އަދި ޒަޚަމްވި ބައެއް މީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ހަމަލާއާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީގޮތުން މެދުކަނޑާލައި، ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިއީ ފާއިތުވި ހަފްތާގެ ތެރޭގައި ސައުދީގެ އެއާޕޯޓުތަކަށް އަމާޒުކޮށް ދިން މިފަދަ އެހެން ހަމަލާތަކަކާ ގުޅިގެން އައި ހަމަލާއެކެވެ. މީގެ ކުރިން ކިންގް ޚާލިދު އެއާޕޯޓަށް ދިން ހަމަލާއެއްގައި ސައުދީގެ 3 ރައްޔިތުން ވަނީ މަރުވެފައެވެ.

ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ޖަމާއަތުން ވަނީ މި ހަމަލާގެ ޒިންމާ ނަގާފަ އެވެ. ހޫތީންގެ އިސް އޮފިޝަލެއްކަމަށްވާ މުހައްމަދު އަލް-ބުޚައިތީ ނިއުޔޯކް ޓައިމްސް އަށް މައުލޫމާތު ދެމުން ބުނީ، މިއީ ސައުދީން ޔަމަނަށް ދެމުންދާ ވައިގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށެވެ. ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ވެސް ވަނީ މިކަމުގައި ހޫތީން ކުށްވެރިކޮށް، ހަމަލާ އަމާޒުކޮށްފައިވަނީ ޕަސެންޖާ ޓާމިނަލަށް ކަމަށް ބުނެފައެވެ.

މި ނުރައްކާތެރި ހާދިސާއާ ގުޅިގެން އެމެރިކާ އާއި އިނގިރޭސިވިލާތުން ވަނީ ސައުދީ އަށް ދަތުރުކުރުމުގައި ސަމާލުވުމަށް އަންގައި ޓްރެވަލް އެޑްވައިޒަރީތައް އާދާކޮށްފަ އެވެ. އިނގިރޭސިވިލާތުން ވަނީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި ރިޔާޟަށް ދަތުރުނުކުރުމަށާއި، އެއާޕޯޓަށް ނުދިއުމަށް އެ ގައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ. އަދި މިފަދަ އިތުރު ހަމަލާތަކެއް ދިނުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށްވެސް އެ ގައުމުން ވަނީ ބުނެފައެވެ.

މި ހަމަލާ ދީފައި މިވަނީ، ރިޔާޟްގައި ބައިނަލްއަގުވާމީ ބޮޑެތި އިވެންޓުތަކެއް ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގަ އެވެ. މީގެ ތެރޭގައި އަންނަ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޑަބްލިއުޑަބްލިއުއީ ކްރައުން ޖުވެލް، އޮކްޓޯބަރު 11-15 އަށް ބާއްވާ 25 ވަނަ ޑަބްލިއުޕީސީ އެނަރޖީ ކޮންގްރެސް، އޮކްޓޯބަރު 21-24 އަށް ބާއްވާ ސިކްސް ކިންގްސް ސްލޭމް ޓެނިސް މުބާރާތް އަދި އޮކްޓޯބަރު 26-29 އަށް ބާއްވާ 10 ވަނަ ފިއުޗާ އިންވެސްޓްމަންޓް އިނިޝިއޭޓިވް ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.