ފުރަތަމަ 2025 ވަނަ އަހަރު ހުޅުވުމަށް ތާވަލުކުރި މި ރިސޯޓު ހުޅުވުން އެއް އަހަރަށް ލަސްވެފައިވީ ނަމަވެސް، މިއީ ޓޫރިސްޓުންނާއި ދުނިޔޭގެ ނަން މަޝްހޫރު މަޖައްލާތަކުން ވަރަށް ބޮޑަށް އިންތިޒާރުކުރަމުން އަންނަ ރިސޯޓެކެވެ.

ދުނިޔޭގެ މަޝްހޫރު ލަގްޒަރީ އަދި ޖުވެލަރީ ބްރޭންޑް "ބުލްގަރީ" އިން ރާއްޖޭގެ ރ. އަތޮޅުގައި ތަރައްގީކުރާ "ބުލްގަރީ ރިސޯޓު ރަންފުށި" މި އަހަރު ހުޅުވާނެކަން އިއުލާނުކޮށްފި އެވެ.
ފުރަތަމަ 2025 ވަނަ އަހަރު ހުޅުވުމަށް ތާވަލުކުރި މި ރިސޯޓު ހުޅުވުން އެއް އަހަރަށް ލަސްވެފައިވީ ނަމަވެސް، މިއީ ޓޫރިސްޓުންނާއި ދުނިޔޭގެ ނަން މަޝްހޫރު މަޖައްލާތަކުން ވަރަށް ބޮޑަށް އިންތިޒާރުކުރަމުން އަންނަ ރިސޯޓެކެވެ. އެގޮތުން މަޝްހޫރު 'ވޯގް' މަޖައްލާ އިން ވެސް ވަނީ މިއީ ދުނިޔޭގައި ހުޅުވޭނެ އެންމެ ފާހަގަކޮށްލެވޭ އެއް ހޮޓަލުގެ ގޮތުގައި ސިފަކޮށްފަ އެވެ.
ގާތްގަނޑަކަށް 50 އޭކަރުގެ ބިމެއްގައި ތަރައްޤީކުރާ މި ރިސޯޓުގައި ޖުމްލަ 54 ވިލާ ހުންނާނެ އެވެ. މީގެ ތެރޭގައި އަމިއްލަ ސްވިމިންގ ޕޫލާއެކު ހަދާފައިވާ 33 ބީޗް ވިލާ އާއި މޫދު ވިލާތައް ހިމެނެއެވެ. މީގެ އިތުރުން ރިސޯޓާ ވަކިން އޮންނަ ކުޑަ ރަށެއްގައި (ޕްރައިވެޓް އައިލެންޑެއްގައި) ހާއްސަ 55 ވަނަ ވިލާއެއް ވެސް ހުންނާނެއެވެ.
އިޓަލީގެ އޭސީޕީވީ އާކިޓެކްޓްސް އިން ފަރުމާކޮށްފައިވާ މި ރިސޯޓަކީ ބުލްގަރީ ބްރޭންޑުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުޅުވާ 10 ވަނަ ހޮޓަލެވެ. މީގެ ކުރިން އެ ބްރޭންޑުން ވަނީ ދުބާއީ، ބާލީ އަދި ޓޯކިޔޯ ފަދަ ސިޓީތަކުގައި ހޮޓާތައް ހުޅުވާފަ އެވެ.
މީގެ އިތުރުން މަތީ ފަންތީގެ ވެލްނެސް ސްޕާއަކާއި ބުލްގަރީގެ އުފެއްދުންތައް ވިއްކާ ބުޓީކެއް ވެސް ރަންފުށީގައި ހުންނާނެ އެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ސީޕްލޭންގައި 45 މިނެޓުން ދެވޭ މި ރިސޯޓުގެ ރޭޓުތައް އަދި ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މިއީ ރެޔަކަށް އެތައް ހާސް ޑޮލަރެއް ޚަރަދުވާނެ، ވަރަށް މަތީ ފަންތީގެ އަގުބޮޑު ރިސޯޓަކަށް ވާނެކަމަށް ބެލެވެ އެވެ.