ބޭންކުގެ ރައުސްމާލާއި ލިކިއުޑިޓީގެ ތަނަވަސްކަން ވަރުގަދަކޮށް ހުރިއިރު، ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރުގެ ސަބަބުން ބޭންކުގެ ބެލެންސް ޝީޓް ދަނީ ކުރިއަރަމުންނެވެ.
ބީއެމްއެލް ކަސްޓަމަރުން އެ ބޭންކްއާމެދު އޮތް އިތުބާރު ބޮޑުވެ، ބޭންކުގައި ބަހައްޓާ ފައިސާގެ މިންވަރު 14 ޕަސެންޓް އިތުރު ވެއްޖެ އެވެ.
ބީއެމްއެލްގެ މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން ކަސްޓަމަރުން ބޭންކުގައި ބަހައްޓާފައިވާ ޑިޕޮސިޓް 42.36 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ ނިޔަލަށް ހުރި 37.19 ބިލިއަން ރުފިޔާއަށް ވުރެ %14 އިތުރު އަދަދެކެވެ.
އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ މުއްދަތުގައި އަލަށް ދޫކުރި ލޯނުތަކުގެ ޖުމްލަ އަދަދު ވަނީ 12.1 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މުޅި 2025 ވަނަ އަހަރު ދޫކުރި ޖުމްލަ ލޯނަށްވުރެ ވެސް އިތުރު އަދަދެކެވެ.
މި ނަތީޖާއާ ބެހޭ ގޮތުން ސީއީއޯ / އެމްޑީ މުހައްމަދު ޝަރީފު ވިދާޅުވީ މި އަހަރަކީ ބޭންކުގެ ތާރީހުގައި އެންމެ ކާމިޔާބު އަހަރަށް ވެގެންދާނެއެވެ. ބޭންކުގެ ރައުސްމާލާއި ލިކިއުޑިޓީގެ ތަނަވަސްކަން ވަރުގަދަކޮށް ހުރިއިރު، ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރުގެ ސަބަބުން ބޭންކުގެ ބެލެންސް ޝީޓް ދަނީ ކުރިއަރަމުންނެވެ.
ބީއެމްއެލް އަކީ ސަރަހައްދީ ފެންވަރުގައިވެސް އެންމެ ރަނގަޅަށް ރައުސްމާލު ބަލަހައްޓާ އެއް ބޭންކެވެ. ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ 38% ގައި ހުރިއިރު މިއީ ރެގިއުލޭޓަރީ ގޮތުން ބަހައްޓަންޖެހޭ އެންމެ ދަށް މިންގަނޑު ކަމަށްވާ %12 އަށްވުރެ މަތީ އަދަދެކެވެ. މީގެ ސަބަބުން އިގްތިސާދީ ގޮތުން ކުރިމަތިވެދާނެ ލޮޅުންތަކުން އަރައިގަތުމުގެ ގާބިލުކަން ބޭންކަށް ލިބިގެންދެއެވެ. 31 ޑިސެންބަރު 2025 އާ އަޅައިބަލާއިރު މި ރޭޝިއޯއަށް އައި ބަދަލަކީ، ބޭންކުގެ ކެޕިޓަލް މެނޭޖްމަންޓް ސްޓްރެޓެޖީއާ އެއްގޮތަށް، އަލަށް ލޯނު ދޫކުރުމާއި އިންވެސްޓަމަންޓް ތަކުގެ ސަބަބުން އައި ބަދަލެކެވެ.
ލިކިއުޑިޓީ
ބޭންކުގެ ލިކިއުޑިޓީ ހާލަތު ހުރީ ވަރަށް ބޮޑަށް ތަނަވަސްކޮށެވެ. ރެގިއުލޭޓަރީ ހުރިހާ މިންގަނޑުތަކަކަށް ބޭންކުން ދަނީ ފުރިހަމައަށް އަމަލުކުރަމުންނެވެ. ބޭންކުގެ ލިކުއިޑިޓީ ދުވަހުން ދުވަހަށް މޮނިޓަރކޮށް، ކަމާބެހޭ ކޮމިޓީތަކުން ދަނީ ގަވާއިދުން މުރާޖައާ ކުރަމުންނެވެ.
• ކަސްޓަމަރުންގެ ޑިޕޮސިޓްގެ %36.5 ރަމްޒުކޮށްދެނީ ލިކިއުޑް އެސްޓް އެވެ.
• ލޯން-ޓު-ޑިޕޮސިޓް ރޭޝިއޯ ހުރީ %77.6 ގައެވެ. (ބޭންކުން އިންޓަރނަލީ ހިފަހައްޓާ މިންގަނޑަކީ %90)
ބޭންކުގެ ލިކިއުޑިޓީއަށް ބަލާއިރު ހާއްސަކޮށް ދިވެހި ރުފިޔާގެ ލިކިއުޑިޓީ ވަރަށް ވަރުގަދައެވެ. ބޭންކުގެ ލިކިއުޑިޓީ ކޮންމެ ދުވަހަކު ޓްރެޜަރީން މޮނިޓަރ ކުރަމުންދާއިރު، އެސެޓް އެންޑް ލައބިލިޓީ ކޮމިޓީއާއި ބޯޑު ރިސްކް ކޮމިޓީން އެކަން ގަވާއިދުން މުރާޖައާ ކުރެއެވެ. މިކަން ކުރިއަށް ގެންދަނީ ކަނޑައެޅިފައިވާ މިންގަނޑުތަކާއި، ކުރިއާލައި އަންގައިދޭ އިންޑިކޭޓަރތަކާއި، އަދި ކުއްލި ހާލަތްތަކުގައި ފައިސާ ހޯދުމަށް ކަނޑައެޅިފައިވާ އިންތިޒާމުތައް ހިމެނޭ ހަރުދަނާ އޮނިގަނޑެއްގެ ދަށުންނެވެ.