ބޭންކުގެ ތާރީހުގައި އެންމެ ކާމިޔާބު 9 މަސްދުވަސް | ފައިދާ 1.93 ބިލިއަން

މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ލިބުނު 1.53 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު %26 އިތުރު އަދަދެކެވެ.

ބީއެމްއެލްގެ މައި ބްރާންޗް --ފޮޓޯ: ބީއެމްއެލް

މިދިޔަ ތިންވަނަ ކުއާޓަރާ ހަމައަށް މި އަހަރު ވޭތުވެދިޔަ 9 މަސް ދުވަހަކީ ބޭންކުގެ ތާރީހުގައި އެންމެ ކާމިޔާބު ދުވަސްތަކެވެ. މީގެ މައިގަނޑު އެއް ސަބަބަކީ އެ ކުންފުނީގެ ސާފު ފައިދާ މިދިޔަ ކުއާޓަރުގައި 1.93 ބިލިއަން ދިވެހި ރުފިޔާ ލިބިފައިވެއެވެ. މިއީ ބޭންކުގެ ތާރީހުގައި ވެސް ނުވަ މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ފަހަރެވެ. އަދި މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ލިބުނު 1.53 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު %26 އިތުރު އަދަދެކެވެ.

ބީއެމްއެލްގެ މިދިޔަ ކުއާޓަރުގެ ރިޕޯޓް ދައްކާ ގޮތުން ތިންވަނަ ކުއާޓަރުގެ ސާފު ފައިދާއަކީ 647.2 މިލިއަން ރުފިޔާއެވެ. މިއީ 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު 475.4 މިލިއަން ރުފިޔާއާ އަޅައިބަލާއިރު %36 އިތުރު އަދަދެކެވެ.

މިދިޔަ ކުއާޓަރުގައި ބޭންކުގެ ރައުސްމާލު ވަނީ ވަރުގަދަ ކުރެވިފައެވެ. 30 ސެޕްޓެންބަރު 2026 އާ ހަމައަށް ކެޕިޓަލް އެޑިކުއެސީ ރޭޝިއޯ ހުރީ %38 ގައެވެ. މިއީ ރެގިއުލޭޓަރީ މިންގަނޑުން ލާޒިމުކުރާ %12 އަށްވުރެ ތިން ގުނަ އިތުރު އަދަދެކެވެ.

މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ބޭންކުން ވަނީ މިހާތަނަށް ހޯދި އެންމެ ރަނގަޅު މާލީ ނަތީޖާ ހާސިލްކޮށްފައެވެ. މި މުއްދަތުގައި ޓެކުހަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 1.53 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު %26 ގެ ކުރިއެރުމެކެވެ. 2025 ވަނަ އަހަރުގެ މުޅި އަހަރު ބޭންކަށް ލިބިފައިވަނީ 2.47 ބިލިއަން ރުފިޔާގެ ސާފު ފައިދާއެވެ.  

މި ކުރިއެރުން ތިންވަނަ ކުއާޓަރުގައިވެސް ވަނީ ދަމަހައްޓާފައެވެ. 2026 ގެ ތިންވަނަ ކުއާޓަރުގެ ސާފު ފައިދާއަކީ 647.2 މިލިއަން ރުފިޔާއެވެ. މިއީ 2025 ގެ ތިންވަނަ ކުއާޓަރަށްވުރެ %36 އިތުރު އަދަދެކެވެ. މި ކުއާޓަރުގައި ނެޓް އިންޓަރެސްޓް އިންކަމްގެ ގޮތުގައި 874.8 މިލިއަން ރުފިޔާ (2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރު: 729.7 މިލިއަން ރުފިޔާ) ލިބިފައިވާއިރު، އިންޓަރެސްޓް ނޫން އާމްދަނީގެ ގޮތުގައި 377.53 މިލިއަން ރުފިޔާ (2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރު: 355.9 މިލިއަން ރުފިޔާ) ލިބިފައިވެއެވެ.  

މި ނަތީޖާ ހާސިލުކުރެވުނީ އިގްތިސާދުގެ މުހިންމު ދާއިރާތަކަށް ދޫކުރާ ލޯނު އިތުރުވުމާއި، ޑިޕޮސިޓް ބޭސް ފުޅާވުމާއި، ޑިޖިޓަލް މުއާމަލާތްތައް އިތުރުވުމުގެ ސަބަބުންނެވެ. ބޭންކުގެ ކޮސްޓް-ޓު-އިންކަމް ރޭޝިއޯ %28 ގައި ހުރިއިރު، މިއީ ސަރަހައްދީ ފެންވަރުގައިވެސް އެންމެ އެފިޝެންޓް އެއް ނަތީޖާއެވެ. ރިޓާން އޮން އިކުއިޓީ ހުރީ %14 ގައެވެ. 

ބޭންކުގެ ބެލެންސް ޝީޓްވެސް ވަނީ ފުޅާވެފައެވެ. 30 ސެޕްޓެންބަރު 2026 ގައި ޖުމްލަ އެސެޓްސް ހުރީ 65.6 ބިލިއަން ރުފިޔާގައެވެ. ނެޓް ލޯންސް އެންޑް އެޑްވާންސަސް 32.9 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކަސްޓަމަރުންގެ ޑިޕޮސިޓް ވަނީ 42.4 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އެސެޓް ކޮލިޓީވެސް ރަނގަޅުވެ، ސްޓޭޖް 3 ލޯނު ރޭޝިއޯ ވަނީ 31 ޑިސެމްބަރު 2025 ގައި ހުރި %6.0 އިން 30 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް %4.8 އަށް ދަށްކުރެވިފައެވެ. އަދި މި މުއްދަތުގައި ޕްރޮވިޝަން ކަވަރޭޖް ވަނީ %100 ގައި ދެމެހެއްޓިފައެވެ.


މެދުއިރުމަތީގެ ހަނގުރާމައާއި ދުނިޔޭގެ ޖިއޯޕޮލިޓިކަލް މަސްރަޙަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވި ނޭދެވޭ އަސަރުތަކާއެކުވެސް، މިފަދަ ގޮންޖެހުންތައް ބޮޑު މާޙައުލެއްގައި މި ނަތީޖާ ޙާޞިލުކުރެވިފައިވުމަކީ ކުރިއަށްއޮތް ތަނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުންމީދެކެވެ.

ތިންވަނަ ކުއާޓަރުގެ މާލީ ނަތީޖާއާއި ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ މި އަހަރަކީ ބޭންކުގެ ތާރީހުގައި އެންމެ ކާމިޔާބު އަހަރަށް ވެގެންދާނެއެވެ. ބޭންކުގެ ރައުސްމާލާއި ލިކިއުޑިޓީގެ ތަނަވަސްކަން ވަރުގަދަކޮށް ހުރިއިރު، ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރުގެ ސަބަބުން ބޭންކުގެ ބެލެންސް ޝީޓް ދަނީ ކުރިއަރަމުންނެވެ.

މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު އެކަނިވެސް އަމިއްލަ ފަރުދުންނަށާއި ވިޔަފާރިތަކަށް 720 މިލިއަނަށްވުރެ ގިނަ ޑޮލަރު ފޯރުކޮށްދީފައިވެއެވެ. އަދި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް 2.86 ބިލިއަން ޑޮލަރުގެ ބޭރުގެ މުއާމަލާތްތައް މިވަނީ ފުރިހަމަކޮށްދީފައެވެ. މިއީ ދިވެހި އިގްތިސާދަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަކޮށްދޭ އެންމެ އަލިގަދަ ހެއްކެވެ.

ސެޕްޓެންބަރު މަހަކީ ބޭރު ފައިސާ ލިބުން އެންމެ މަދު މަސް ކަމުގައިވީނަމަވެސް، އަޅުގަނޑުމެން ދަނީ ޒިންމާދާރުކަމާއެކު ބޭރު ފައިސާ މެނޭޖްކުރަމުންނެވެ. އަޅުގަނޑުމެންގެ އިސްކަމަކީ ދިވެހި އާއިލާތަކާއި ވިޔަފާރިތަކަށް އެންމެ މުހިންމު ކަންކަމުގައި އެހީތެރިވުމެވެ."

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.