އަރުހަމްގެ މައްޗަށް އުފުލި ހަނގުރާމައަށް ދާން އުޅުމުގެ ދައުވާ ސާބިތުވެފައިވާއިރު، އަދަބެއްގެ ގޮތުން އިއްވާފައި ވަނީ ފަސް އަހަރުގެ ޖަލު އަދަބެވެ. އެހެންކަމުން އަރުހަމް ފިޔަވައި އެހެން އެންމެން ވަނީ މިނިވަންވެފަ އެވެ.

މީގެ ފަސް އަހަރު ކުރިން، ޓެރަރިޒަމްގެ ހަމަލައެއް ދޭން އުޅޭ ކަމުގެ ތުހުމަތަށް ތ. ތިމަރަފުށިން ހައްޔަރުކޮށް ކުރި ގިނަ ދައުވާތައް ސާބިތު ނުވާކަމަށް ކަނޑައަޅައި، އެކަކު ފިޔަވައި އެންމެން މިނިވަން ވެއްޖެ އެވެ.
ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސްއާ ގުޅުން އޮންނަ ހަރުކަށި ފިކުރުގެ 8 މީހަކަށް މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ ފެބްރުއަރީ 8، 2021 ގައެވެ.
އެއީ، ތ. ތިމަރަފުށި، ކެނެރީގެ، އަލީ މުނީޒާއި
އެރަށު އަސުރުމާގެ، މުހައްމަދު އާސިރާއި އެރަށު ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފް އާއި
އެރަށު އަސްރަފީވިލާ، އަހުސަން މުހައްމަދާއި އެރަށު ސައިމާ، ޝަމާހު ޝަރީފްގެ އިތުރުން
ރ. މަޑުއްވަރި، ބީޗްހައުސް، އަބްދުﷲ އިމާދާއި
ނ. ކުޑަފަރި، ރޯޒްމީޑު ޢިބްރާހިމް ލޫތު އަދި
ރ. ކަނދޮޅުދޫ، އަލީ އަރުހަމް މުހައްމަދެވެ.
އެމީހުންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ އާއި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ދައުވާގެ އިތުރުން ހަނގުރާމައަށް ދާން އުޅުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުން ދައުވާ އަދި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ އެވެ.
މި މައްސަލައިގައި ކުށް ސާބިތުވެފައި ވަނީ އިމާދާއި މުނީޒާއި އަރުހަމްގެ އިތުރުން އިބްރާހިމް ލޫތުގެ މައްޗަށެވެ.
އިމާދާއި މުނީޒު އަދި އަރުހަމްގެ މައްޗަށް ޓަރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވެފައިވާއިރު، އެ ކުށުގެ އަދަބެއްގެ ގޮތުން އިމާދާއި އަރުހަމަށް ތިން އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. އެކަމަކު އިމާދު ޖަލުގައި ހުރި މުއްދަތު އުނިކުރުމުން އިތުރަށް ތަންފީޒުކުރާނެ އަދަބެއް ނެތެވެ.
އަދި، މުނީޒުގެ މައްޗަށް އެއް އަހަރާއި ނުވަ މަހާއި އެއް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ޖަލުގައި ހުރި މުއްދަތު އުނިކުރުމުން އޭނާ ވެސް ތަންފީޒު ކުރާނެ އަދަބެއް ނެތެވެ.
އިމާދާއި ލޫތުގެ މައްޗަށް އުފުލާފައިވާ އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ ވެސް ވަނީ ސާބުތުވެފަ އެވެ. އޭގެ އަދަބެއްގެ ގޮތުން އިއްވާފައި ވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ. ނަމަވެސް އެ ދެ މީހުން ޖަލުގައި ހުރި މުއްދަތު އުނިކުރުމުން ތަންފީޒުކުރާނެ އަދަބެއް ނެތެވެ.
އަރުހަމްގެ މައްޗަށް އުފުލި ހަނގުރާމައަށް ދާން އުޅުމުގެ ދައުވާ ސާބިތުވެފައިވާއިރު، އަދަބެއްގެ ގޮތުން އިއްވާފައި ވަނީ ފަސް އަހަރުގެ ޖަލު އަދަބެވެ. އެހެންކަމުން އަރުހަމް ފިޔަވައި އެހެން އެންމެން ވަނީ މިނިވަންވެފަ އެވެ.
މި މައްސަލައިގައި ދެން އުފުލާފައިވާ ދައުވާތައް ސާބިތު ނުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އެގޮތަށް ނިންމީ މައްސަލާގައި ހުށަހަޅާފައިވާ މޮބައިލް ފޯނަކުން ނެގިފައިވާ ޑާޓާގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދިގެންނެވެ. ސާބިތު ނުވާ ދައުވާތައް އިސްތިއުނާފް ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ.