މޫޑީސް އިން ރާއްޖޭގެ ރޭޓިން މަތިކޮށްފި

މި ރޭޓިންގް މަތިވުމަކީ ބޭރު ފައިސާ ރާއްޖެއަށް ވަންނަ މިންވަރު އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ބާރެކެވެ.

މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ2 ގައި ހިފަހެއްޓިއިރު ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުން ބޭރު ފައިސާގެ ރިޒާވްގެ ހާލަތު ރަނގަޅުވާނެކަމަށް ބުނެފައިވޭ

މޫޑީސް އިންވެސްޓާސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން، 'ސީ.އޭ.އޭ-2' އިން 'ސީ.އޭ.އޭ-1' އަށް މަތިކޮށް، ރޭޓިންގްގެ އައުޓްލުކް 'ސްޓޭބަލް' ނުވަތަ ހަމަޖެހޭ ފެންވަރެއްގައި ހުރިކަމަށް ނިންމައިފި އެވެ.

މޫޑީސް އިން މި ބަދަލު ގެނައި ސަބަބަކީ ރާއްޖޭގެ މާލީ ނިޒާމަށް ބޭރު ފައިސާ ވަންނަ މިންވަރު އިތުރުކުރުމަކީ ރާއްޖޭގެ ބޭރުގެ މާލީ އިލްތިޒާމުތައް އަދާކުރުމަށާއި ރިޒާވް ވަރުގަދަކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ސަރުކާރުން ބޭރު ފައިސާއާ ގުޅޭގޮތުން އެޅި ފިޔަވަޅުތަކަކީ މޫޑީސްއިން ރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިންގް މަތިކުރުމަށް ނިންމި ނިންމުމުގައި ފާހަގަކޮށްފައިވާ މުހިންމު ކުރިއެރުމެކެވެ. 

މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިންގް 'ސީ.އޭ.އޭ-2' އިން 'ސީ.އޭ.އޭ-1' އަށް މަތިކޮށް، ރޭޓިންގްގެ އައުޓްލުކް 'ސްޓޭބަލް' ނުވަތަ ހަމަޖެހޭ ފެންވަރެއްގައި ހުރިކަމަށް ކަނޑައަޅާފައެވެ. 

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން ބުނި ގޮތުގައި މި ނިންމުމުގެ އަސްލަކީ ބޭރު ފައިސާގެ ރިޒާވް ވަރުގަދަވުމާއި، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ މިންވަރު އިތުރުވުމުގެ އިތުރުން، ދަރަނި އަދާކުރުމުގައި ހޯދާފައިވާ ކާމިޔާބީ އެވެ. އަދި މި ކުރިއެރުންތައް ހޯދުމުގައި ސަރުކާރުގެ ސިޔާސަތުތަކުގެ ހަރުދަނާކަން މޫޑީސްއިން ފާހަގަކޮށްފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މަތިވުމުން ވާނެ ގޮތް - މި ރޭޓިންގް މަތިވުމަކީ ބޭރު ފައިސާ ރާއްޖެއަށް ވަންނަ މިންވަރު އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ބާރެކެވެ. 2024 ވަނަ އަހަރުން ފެށިގެން ތައާރަފުކޮށް، 2026 ގައި އިތުރަށް ފުޅާކުރި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ރިޒާވްއާއި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ބޭރުގެ ފައިސާއިން އަދާކުރަންޖެހޭ އިލްތިޒާމުތައް ފުރިހަމަކުރުމުގެ ގާބިލުކަން އިތުރުވާނެ ކަމަށް ބެލެވެއެވެ.


އިމްޕޯޓަށާއި ފަތުރުވެރިކަމަށް ބަރޯސާވާ އިގްތިސާދަކަށް މިފަދަ ގާބިލުކަމަކީ ނުހަނު މުހިންމު ކަމެކެވެ. އަސާސީ މުދާ އެތެރެކުރުމަށާއި ބޭރުގެ ދަރަނި އަދާކުރުމަށް ބޭރު ފައިސާ ބޭނުންވެއެވެ. ރިޒާވް ވަރުގަދަކުރުމުގެ ސަބަބުން އިގްތިސާދީ ގޮތުން ދިމާވާ ދަތި އުނދަގޫ ދަނޑިވަޅުތަކުގައި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަގުފަހިވެގެންދެއެވެ. އެހެންކަމުން، ސަރުކާރުގެ ބޭރު ފައިސާގެ ސިޔާސަތަކީ މާލީ ދެމެހެއްޓެނިވިކަން އިތުރުކުރުމަށް ކުރެވޭ ފުޅާ މަސައްކަތުގެ މުހިންމު ބަޔެކެވެ. މީގެ މައިގަނޑު ބޭނުމަކީ އިލްތިޒާމުތައް އަދާކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމާއި، ބޮޑެތި ދަރަނިތައް އަދާކުރުމުގައި ކުރިމަތިވާ މާލީ ފިއްތުންތައް ކުޑަކުރުމެވެ.

މި ހިނގާ އަހަރުގެ ތެރޭގައި ދިވެހި ސަރުކާރުން ވަނީ 500 މިލިއަން ޑޮލަރުގެ ސުކޫކެއް އަދާކޮށް، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ހަމަޖައްސައި، މެއި އަދި ސެޕްޓެމްބަރު މަހު ޖުމްލަ 100 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލްތަކަށް ފައިސާ ދައްކާފައެވެ. މީގެ އިތުރުން، 100 މިލިއަން ޑޮލަރުގެ ޔޫރޯބޮންޑެއް ދެއްކުމުގެ މުއްދަތު 2031 އާ ހަމައަށް އިތުރުކުރުމަކީ ކުރިމަގުގައި ދަރަނި އަދާކުރުމަށް އޮތް ބުރަ ކުޑަވެގެންދިޔަ ކަމެކެވެ.


މި ފިޔަވަޅުތަކާއި މާލީ ރިޒާވް ވަރުގަދަވުމުގެ ސަބަބުން، ކުރިމަތިވެދާނެ މާލީ ނުރައްކާތައް ބޮޑުތަނުން ކުޑަވެފައިވާ ކަމަށް މޫޑީސްއިން ވަޒަންކޮށްފައިވާ ކަމަށް ފައިނޭންސް މިނިސްޓްރީން ފާހަގަކުރެއެވެ.


ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ލިބޭ އެހީތެރިކަމަކީވެސް ލިބޭ ބޮޑު ބާރެކެވެ. ވޯލްޑް ބޭންކާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި އޯޕެކް ފަންޑުން ޖުމްލަ 130 މިލިއަން ޑޮލަރުގެ އެހީ ސަރުކާރުން ވަނީ ކަށަވަރުކޮށްފައެވެ. އަދި ލުއި ގޮތްތަކެއްގެ މަތިން އިތުރު މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. ދެން އޮތް އެންމެ ބޮޑު މަސައްކަތަކީ މި ހޯދި ކުރިއެރުން ދެމެހެއްޓުމެވެ. ރާއްޖޭގެ މާލީ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ބޭރު ފައިސާ ވަންނަ މިންވަރު އިތުރުކުރުމާއި، ރިޒާވް ވަރުގަދަކުރުމުގެ އިތުރުން، ދަރަނި ބެލެހެއްޓުމުގެ ހަރުދަނާ ސިޔާސަތުތައް ދެމެހެއްޓުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.