މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އަންހެން މީހާ ވަނީ އޭގެ ފަސް ދުވަސް ފަހުން މަރުވެފަ އެވެ.

ސޯސަން މަގުގައި މިދިޔަ މަހުގެ 20 ވަނަ ދުވަހު ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
އެރޭ ދަންވަރު 01:12 އެހައިކަންހާއިރު މި އެކްސިޑެންޓް ހިނގާފައި ވަނީ ދެ ސައިކަލު ޖެހިގެންނެވެ. އެއް ސައިކަލުގައި ތިބީ 22 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ އަންހެނެކެވެ. އަނެއް ސައިކަލުގައި އިނީ މި މައްސަލައިގައި ހައްޔަރު ކުރި 21 އަހަރުގެ ފިރިހެން މީހާ އެވެ.
ތިން މީހުންނަށްވެސް މި އެކްސިޑެންޓްގައި އަނިޔާވި އެވެ. މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އަންހެން މީހާ ވަނީ އޭގެ ފަސް ދުވަސް ފަހުން މަރުވެފަ އެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހާއަކީ ލައިސަންސް އޮތް މީހެއް ނޫނެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެންމެ ފުރަތަމަ ދިނީ 15 ދުވަހުގެ މުއްދަތެކެވެ.
ފުލުހުން މިއަދު ބުނީ، ދެވަނަ ފަހަރަށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެމީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ވަނަވަރު ފުލުހުން މިހާތަނަށް އާންމުކޮށްފައެއް ނުވެ އެވެ.