"އަޅުގަނޑު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ނިންމައިފިން. އެމްޑީޕީގެ ލޮބުވެތި މެމްބަރުންގެ އިހުލާސްތެރި ތާއީދަށް އެދި ދެންނެވިން،"

ކުރިޔަށް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދަވަން އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން، ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް މިއަދު ރަސްމީކޮށް އިއުލާނު ކުރައްވައިފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާއެކު ފައިސަލް ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރިން ވެސް އޮތީ ހާމަވެފަ އެވެ. ނަމަވެސް އެކަން ރަސްމީކޮށް ކުރިން އިއުލާނު ކުރައްވާފައެއް ނުވެ އެވެ.
"އަޅުގަނޑު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ނިންމައިފިން. އެމްޑީޕީގެ ލޮބުވެތި މެމްބަރުންގެ އިހުލާސްތެރި ތާއީދަށް އެދި ދެންނެވިން،" ފައިސަލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވެ އެވެ.
ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލުމަށް ނިންމަވައި އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދަވުމުގެ ޝައުގުވެރިކަން ފާޅު ކުރެއްވުމަށްފަހު އިބޫ ވަނީ އެ ވިސްނުން ބަދަލުކުރައްވާފަ އެވެ. އެ ނިންމުން ނިންމެވީ ފައިސަލްއާއެކު މަޝްވަރާ ކުރެއްވުމަށްފަހުގައިކަން އެނގިފައިވެ އެވެ.
އެ މަޝްވަރާތަކަށް ފަހު އިބޫ ވަނީ ފަހަތަށް ޖެހިވަޑައިގަތުމަށް ނިންމަވައި ފައިސަލް އެންޑޯޒް ކުރަން ނިންމަވައިފަ އެވެ.
ފައިސަލްގެ އިތުރުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ވަނީ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅު ކުރައްވައިފަ އެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މީގެ ކުރިން ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް އޭނާގެ މިވަގުތުގެ ސްޓޭންޑަކީ ފައްޔާޒަށް ތާއީދު ކުރެއްވުމެވެ.
މީގެ އިތުރުން ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވެސް ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރައްވައިފަ އެވެ.
ފައިސަލް އަކީ އާ ގާނޫނުއަސާސީގެ ފަހުން ނައިބު ރައީސްގެ މަގާމުގައި ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި ފުރަތަމަ ބޭފުޅާ އެވެ.
އޭގެ އިތުރުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް އިބޫގެ ރަނިންމޭޓަކަށް ވުމަށް އޭނާ ޝައުގުވެރިވި ނަމަވެސް އިބޫ ހޮވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.