ނާނާ ބޮލީވުޑަށް ތައާރަފުވެފައިވަނީ 1978 ވަނަ އަހަރު ނެރުނު ފިލްމު 'ގަމަން' އިންނެވެ. އޭގެ ފަހުން 2000 ގެ އަހަރުތަކުގެ ކުރީކޮޅު އޭނާ ކުޅެފައިވާ ފިލްމުތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ.

އިންޑިއާގެ ފިލްމީ ސިނާއަތުގެ މަޝްހޫރު އެކްޓަރު އަދި ފިލްމު އުފައްދާ ނާނާ ޕާޓޭކަރ ހިތްހުއްޓިގެން އުމުރުން 75 އަހަރުގައި މިއަދު މަރުވެއްޖެއެވެ.
އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން އޭނާ މަރުވެފައިވަނީ ގޯއާގައި ހުންނަ އޭނާގެ ގޭގައި ހުއްޓައި ހާޓް އެޓޭކެއް ޖެހިގެންނެވެ.
ހޮސްޕިޓަލުގެ މަސްދަރުތަކާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، އޭނާ ހޮސްޕިޓަލަށް ގެންދިޔުމާއެކު ޑޮކްޓަރުން ވަނީ ގާތްގަނޑަކަށް 45 މިނެޓު ވަންދެން ސީޕީއާރު ދީގެން އޭނާގެ ފުރާނަ ސަލާމަތްކުރެވޭ ތޯ މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެއްވެސް ކުރިއެރުމެއް ނުލިބުމުގެ ސަބަބުން، ފަތިހު 5:20 ހާއިރު އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ކަނޑައަޅާފައެވެ.
މި ހާދިސާ ހިނގިއިރު އޭނާގެ ފިރިހެން ދަރިފުޅު މަލްހާރު ޕާޓޭކަރު ހުރީ ޕޫނޭގައެވެ. ނަމަވެސް މަސްދަރުތަކުން ބުނާގޮތުގައި އޭނާ މިހާރު ވަނީ ގޯއާއަށް ދިޔުމަށް ފުރާފައެވެ.
ނާނާ ބޮލީވުޑަށް ތައާރަފުވެފައިވަނީ 1978 ވަނަ އަހަރު ނެރުނު ފިލްމު 'ގަމަން' އިންނެވެ. އޭގެ ފަހުން 2000 ގެ އަހަރުތަކުގެ ކުރީކޮޅު އޭނާ ކުޅެފައިވާ ފިލްމުތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ. މީގެ ތެރޭގައި 'ޝަކްތީ: ދަ ޕަވަރ' (2002)، 'އަބްތަކް ޗައްޕަން' (2004)، 'އަޕަހަރަން' (2005) އަދި 'ޓެކްސީ ނަންބަރު 9211' (2006) ފަދަ ފިލްމުތައް ހިމެނެއެވެ. މީގެ އިތުރުން 2007 ގައި ނެރުނު ކޮމެޑީ ފިލްމު 'ވެލްކަމް' އަދި 2015 ގައި ނެރުނު އޭގެ ސީކުއެލް 'ވެލްކަމް ބެކް' ގައި އޭނާ ކުޅެފައިވާ ގޭންގްސްޓަރ 'އުދޭ ޝެޓީ' ގެ ރޯލަށްވެސް އާންމުންގެ ބޮޑު މަގުބޫލުކަމެއް ލިބުނެވެ. އަދި ދާދި ފަހުން އޭނާ ވަނީ ކޮމެޑީ ތްރިލަރ 'ހައުސްފުލް 5' އިން ވެސް ފެނިގެންގޮސްފައެވެ.