މި ޕްރޮގްރާމަކީ ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް އެއްބާރުލުން ދިނުމަށާއި، ދިރިއުޅުމުގެ މުހިންމު ހުނަރުތަކާއި ދަތި ހާލަތްތަކާ ކުރިމަތިލާނެ ގޮތްތައް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ހިންގި ޕްރޮގްރާމެކެވެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "ބޭންކް ފަންޑު" ގެ އެހީތެރިކަމާއެކު، މޯލްޑިވިއަން ނާސަސް އެސޯސިއޭޝަން (އެމްއެންއޭ) އިން ހުޅުމާލެ ފޭސް 2 ގައި ކުރިއަށްގެންދިޔަ "ޒައިތޫން" ނަފްސާނީ ދުޅަހެޔޮކަމުގެ ރީހެބިލިޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
މި ޕްރޮގްރާމަކީ ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް އެއްބާރުލުން ދިނުމަށާއި، ދިރިއުޅުމުގެ މުހިންމު ހުނަރުތަކާއި ދަތި ހާލަތްތަކާ ކުރިމަތިލާނެ ގޮތްތައް ދަސްކޮށްދިނުމުގެ މަގުސަދުގައި ހިންގި ޕްރޮގްރާމެކެވެ.
ބީއެމްއެލް އިން ބުނީ އެފަދަ ފަރާތްތައް މުޖުތަމައަށް ނެރެ އަހުލުވެރި ކުރުވުމަށާއި، ނަފްސާނީ ބަލިތަކާމެދު މުޖުތަމައުގައި އޮންނަ ނޭދެވޭ ވިސްނުންތައް ބަދަލުކޮށް ހޭލުންތެރިކަން އިތުރުކުރުމަށް ވެސް މި ޕްރޮގްރާމުގެ ތެރެއިން ހާއްސަ އިސްކަމެއް ދީފައިވާ ކަމަށެވެ.
އެމްއެންއޭ އިން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގެ ދަށުން، ތަމްރީނު ސެޝަންތަކާއި، ދުޅަހެޔޮ ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން މުޖުތަމައު ހޭލުންތެރިކުރުވުމުގެ ތަފާތު ހަރަކާތްތައް ވަނީ ހިންގާފަ އެވެ. އަދި މި ހަރަކާތްތަކުގެ ޒަރީއާއިން ހުޅުމާލޭގެ ސަތޭކައަށްވުރެ ގިނަ ފަރާތްތަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ބީއެމްއެލް ބޭންކް ފަންޑުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމަޢަށް ފައިދާހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ މިފަދަ މުހިންމު އިޖުތިމާއީ މަޝްރޫއުތަކަށް އަބަދުވެސް އަންނަނީ މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.