ފުލުހުން ބުނީ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ، އެއް ސައިކަލުގައި ތިން މީހުން އަރައިގެން ވަންވޭއާ ހިލާފަށް ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވީ ތިން މީހުން އަރައިގެން ގަވާއިދާ ހިލާފަށް ކަމަށް ފުލުހުން ބުނެފި އެވެ.
ރޭ ދަންވަރު 2:55 ހާއިރު ހުޅުމާލެ ނިރޮޅު މަގުގައި ދެ ސައިކަލު ޖެހި ހިނގި މި ހާދިސާގައި ފަސް މީހަކަށް ވަނީ އަނިޔާވެފަ އެވެ. އެއީ ގަވާއިދާ ހިލާފަށް ދުއްވި ސައިކަލުގައި ތިބި ތިން މީހުންނަށާއި، އަނެއް ސައިކަލުގައި ތިބި ދެ މީހުންނަށެވެ.
ފުލުހުން މިއަދު ބުނީ މި ހާދިސާގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސް ކަމަށެވެ. އަނިޔާވި މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފަ އެވެ.
ފުލުހުން ބުނީ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ، އެއް ސައިކަލުގައި ތިން މީހުން އަރައިގެން ވަންވޭއާ ހިލާފަށް ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ.
އަދި އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭއިރު، އެ ސައިކަލު ދުއްވަން އިނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫން ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.