އެގޮތުގެ މަތިން ޝިފާއު ގޭބަންދަށް ދޫކޮށްފައި ހުރީ އެއް މަސް ދުވަހަށް ބޭސްފަރުވާ ކުރުމަށް ކަމަށް އިހުސާން ވިދާޅުވި އެވެ.

ބޭރު ގައުމުތަކުގެ ކުންފުނިތަކަށް ފޭކް ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ގިނަ އަދަދެއްގެ މުދާ އެތެރެ ކޮށްފައިވާ ކަމުގެ ކުށް ސާބިތުވެ، 109 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ މއ. ހަނީކާސްލް 1، މާލެ، ހުސެއިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
ޝިފާއު މި ކުށުގެ އަމަލު ހިންގާފައިވަނީ ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުން ގަނެފައިވާ ތަކެއްޗަށް ފައިސާ ދިންކަމަށް ދެއްކުމުގެ ގޮތުން ސައްހަ ނޫން ލިޔުން އުފައްދައި ހުށަހަޅައިގެންނެވެ. މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަކީ 123،844.54 އެމެރިކާ ޑޮލަރު ކަމަށެވެ. އެއީ ދިވެހި ރުފިޔާއިންނަމަ 1.9 މިލިއަން ރުފިޔާ އެވެ.
މި މައްސަލައިގައި ޝިފާއުގެ މައްޗަށް އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާ އާއި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ހަތް ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގެ ހަތް ދައުވާ ހިމެނޭހެން ޖުމްލަ 23 ދައުވާ ވަނީ އުފުލާފަ އެވެ. އެ ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނާ 109 އަހަރަށް ޖަލަށްލާފައި ވަނީ ޑިސެމްބަރު 18، 2025 ގައެވެ.
ޝިފާއު ގެއަށް ބަދަލުކުރިތޯ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ޖަލުތަކާ ބެހޭ ގާނޫނުގެ ދަށުން ވަގުތީ ގޮތުން މީހަކު ގެއަށް ބަދަލު ކުރެވިދާނެ ކަމަށެވެ.
އޭގެ ތެރޭގައި ޖަލުގައި އޮވެގެން ބޭސްފަރުވާ ނުކުރެވޭނެ ފަދަ ހާލަތްތަކާއި ޑޮކްޓަރެއް ވަކި ތަނަކަށް ގެންގޮސްގެން ފަރުވާ ދިނުމަށް ލަފާދޭ ނަމަ އެކަން އެގޮތަކަށް ކުރުން އޮންނަކަން އިހުސާން ފާހަގަކުރެއްވި އެވެ.
އެގޮތުގެ މަތިން ޝިފާއު ގޭބަންދަށް ދޫކޮށްފައި ހުރީ އެއް މަސް ދުވަހަށް ބޭސްފަރުވާ ކުރުމަށް ކަމަށް އިހުސާން ވިދާޅުވި އެވެ. އެ މުއްދަތުގައި އޭނާގެ ހާލަތު ރަނގަޅު ނޫންނަމަ، ގޭބަންދުގެ މުއްދަތު ދެ މަސް ދުވަހަށް އިތުރުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ އޭނާ ގޭބަންދަށް ބަދަލުކުރުމަށް ކޮށްފައިވާ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބަލާނެ ކަމަށާއި، އެ ކަންކަމާ ހިލާފުވެއްޖެ ނަމަ ވަގުތުން ޖަލަށް ބަދަލުކުރާނެ ކަމަށެވެ.