ފުލުހުން މިއަދު ބުނީ މިގޮތަށް ފޮނުވާ އީމެއިލްތައް ފަރުމާކޮށްފައި ހުންނަނީ، ބަލާބެލުމަށް އިތުބާރުކުރެވޭ ރަސްމީ އިދާރާތަކުން ނުވަތަ ދަންނަ ފަރާތްތަކުން ފޮނުވާފައި ހުންނަ ސައްހަ އީމެއިލްތަކެއްގެ ގޮތުގައި، އޮޅޭފަދަ ގޮތަކަށް ކަމަށެވެ.

ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ މިގޮތަށް ފޮނުވާ އީމެއިލްތައް ފަރުމާކޮށްފައި ހުންނަނީ، ބަލާބެލުމަށް އިތުބާރުކުރެވޭ ރަސްމީ އިދާރާތަކުން ނުވަތަ ދަންނަ ފަރާތްތަކުން ފޮނުވާފައި ހުންނަ ސައްހަ އީމެއިލްތަކެއްގެ ގޮތުގައި، އޮޅޭފަދަ ގޮތަކަށް ކަމަށެވެ. ހަމަލާދޭ ފަރާތްތަކުން މި އީމެއިލްތަކުގައި ހިމަނާފައި ހުންނަ ނުރައްކާތެރި ލިންކުތަކާއި ފައިލްތައް ފޮނުވާފައި ހުންނަނީ ރަސްމީ އިންވިޓޭޝަނެއް، ލިޔެކިޔުންތަކެއް ނުވަތަ ފައިލް-ޝެއަރިން ލިންކުތަކެއްގެ ގޮތުގަ އެވެ.
މިފަދަ ނުރައްކާތެރި ލިންކުތަކަށް ވަދެވި ނުވަތަ ފައިލްތައް ހުޅުވިއްޖެނަމަ، އެ މީހެއްގެ ޔޫޒާނޭމް އަދި ޕާސްވޯޑް ފަދަ މުހިންމު މައުލޫމާތުތައް ހެކަރުންނަށް ލިބުމުގެ ފުރުސަތު ބޮޑު ކަމަށް ފުލުހުން ބުންޏެވެ. އަދި އޭގެ ސަބަބުން އިދާރާތަކުގެ ކޮމްޕިއުޓަރު ސިސްޓަމްތަކަށާއި ނެޓްވޯކަށް ހުއްދަނެތި ވަދެ، ސިސްޓަމްތައް ކޮމްޕްރޮމައިޒްވުމުގެ މަގު ފަހިވެގެންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެހެންކަމުން ސަރުކާރުގެ މުއައްސަސާތަކުންނާއި އާންމު ރައްޔިތުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ފުލުހުން ބުނީ މި އީމެއިލްތަކުގައި ބޭނުންކޮށްގައި ހުންނަ އުކުޅުތަކާއި ވަސީލަތްތަކަށް ބަލާއިރު، ސީސޮކުން ލަފާކުރާ ގޮތުގައި މިއީ ވަކި އަމާޒެއް ކަނޑައަޅައިގެން، ރޭވިގެން ކުރިއަށްގެންދާ ކެމްޕެއިނެއްގެ ބައެއްކަމަށް ބެލެވޭ ކަމަށެވެ. މިކަމާ ގުޅިގެން ފުލުހުންގެ ސީސޮކުން މި ހަރަކާތްތައް ވަރަށް ގާތުން މޮނީޓާ ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން، މި ހަމަލާތަކުން ރައްކާތެރިވުމަށް ބޭނުންވާ މައުލޫމާތު ހިއްސާކޮށް، ނުރައްކާތެރި ވެބްސައިޓްތަކާއި ނެޓްވޯކްތައް ބްލޮކް ކުރުމަށް ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރަމުންދާއިރު، މި މައްސަލައިގެ ތަހުގީގު އަދި ޓެކްނިކަލް އެނަލިސިސް މިހާރުވެސް ކުރިއަށްދާކަން ފުލުހުން ފާހަގަކުރި އެވެ.