ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް މި މުއްދަތުގެ ތެރޭގައި ޗައިނާއިން 308,913 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ ރާއްޖެއަށް އައި ޖުމްލަ ޓޫރިޒަމްގެ %19.3އެވެ.

ޗައިނާ ޓޫރިސްޓުންގެ އަދަދު ބޮޑުތަނުން އިތުރުވެ، ރާއްޖޭގެ ޓޫރިޒަމް މާކެޓްގެ އެންމެ ކުރި ޗައިނާއިން ހޯދައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިމަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް މި މުއްދަތުގެ ތެރޭގައި ޗައިނާއިން 308,913 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ ރާއްޖެއަށް އައި ޖުމްލަ ޓޫރިޒަމްގެ %19.3އެވެ.
މިހާރު ޗައިނާ ޓޫރިސްޓުން އަންނަ މިންވަރަށް އަތުވެއްޖެނަމަ މި އަހަރަކީ ޗައިނާ ޓޫރިސްޓުން އެންމެ ގިނައިން އަންނަ އެއް އަހަރަށްވާނެ އެވެ. މިހާތަނަށް އެންމެ ގިނައިން ޗައިނާ ޓޫރިސްޓުން އެއް އަހަރެއްގައި އައިސްފައިވަނީ 2014 ވަނަ އަހަރު އެވެ. އެ އަހަރު ޗައިނާ އިން ޖުމްލަ 363,626 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.
ލިސްޓުގެ ދެވަނައިގައި އޮތީ ރަޝިޔާއެވެ. ރަޝިޔާ އިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 232,676 ޓޫރިސްޓުންނެވެ. މިއީ ޓޫރިޒަމް މާކެޓްގެ %14.6 އެވެ. ތިންވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. އެ ގައުމުން 121,239 ޓޫރިސްޓން ޒިޔާރަތްކޮށްފައިވާއިރު، މިއީ ޖުމްލަ ޓޫރިސްޓުންގެ %7.6 އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ރާއްޖެއަށް މިހާތަނށް ޖުމްލަ 1,6 މިލިއަން މީހުން ޒިޔާރަތްކޮށްފައިވެއެވެ. ޓޫރިސްޓުން އެންމެ ގިނައިން ޗުއްޓީ ހޭދަކުރުމަށް ޚިޔާރުކުރަނީ ރިސޯޓުތަކެވެ. އެގޮތުން ރިސޯޓުތަކަށް 1,17 މިލިއަން މީހުން ގޮސްފައިވާއިރު، ގެސްޓްހައުސްތަކަށް 349,861 މީހުން ވަނީ ގޮސްފަ އެވެ.