އެމްޕީއެލްގެ ސީއީއޯ ޝަފީޤު ވިދާޅުވީ ބަނދަރު އޮޕަރޭޓްކުރުމުގެ އިތުރުން، މެރިޓައިމް ސިނާއަތުގެ ސަލާމަތާއި ރައްކާތެރިކަމާއި، މީހުން ބިނާކުރުމަށް ޕޯޓް ޓްރެއިނިންގ ސެންޓަރ (ޕީޓީސީ) މެދުވެރިކޮށް އެ ކުންފުނިން މުހިންމު މަސައްކަތެއް ކަމަށެވެ.

މާލެ، 5 އޮކްޓޫބަރ 2026: މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އިން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026" މިއަދު ފަށައިފިއެވެ.
ވިލާ ނޯޓިކާގައި އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވީ އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރ އޮނަރަބަލް މުޙައްމަދު ސަޢީދުއެވެ. މި ރަސްމިއްޔާތުގައި ހެލްތު އެންޑް ފެމިލީ މިނިސްޓަރ އޮނަރަބަލް ޤީލާ ޢަލީގެ އިތުރުން ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސަޢީދު ވަނީ ރާއްޖޭގެ އިޤްތިޞާދުގައި އެމް.ޕީ.އެލް އިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި، ބަނދަރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެ ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.
އެމް.ޕީ.އެލްގެ ސީއީއޯ ކެޕްޓަން ޙުސައިން ޝަފީޤު ވިދާޅުވީ، ބަނދަރު އޮޕަރޭޓްކުރުމުގެ އިތުރުން، މެރިޓައިމް ސިނާއަތުގެ ސަލާމަތާއި ރައްކާތެރިކަމާއި، މީހުން ބިނާކުރުމަށް ޕޯޓް ޓްރެއިނިންގ ސެންޓަރ (ޕީޓީސީ) މެދުވެރިކޮށް އެ ކުންފުނިން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢަށް އަލިއަޅުއްވާލައްވައި ޝަފީޤު ވިދާޅުވީ، އެ މަޝްރޫޢު ކާމިޔާބުވާނީ ހަމައެކަނި ޢުމްރާނީ ވަސީލަތްތަކުން ނޫން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް 2.0" ގެ ތަސައްވުރާ އެއްގޮތަށް، އޭ.އައި އާއި ސްމާޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށެވެ.
މިއަހަރުގެ ކޮންފަރެންސްގެ ތީމަކީ ކަނޑުތައް ހިމާޔަތްކޮށް، މުސްތަޤުބަލް ރައްކާތެރިކުރުން އެވެ. މި ތީމުގެ ދަށުން މުހިންމު ފަސް ދާއިރާއަކަށް ކޮންފަރެންސްގައި މަޝްވަރާކުރާނެއެވެ.
މެރިޓައިމް ދާއިރާގެ ކުރިއެރުމާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް ބާއްވާ މި ކޮންފަރެންސްގައި މިއަހަރު ޖުމްލަ 200 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އަދި ކޮންފަރެންސްގެ ޕެނަލިސްޓުންގެ ގޮތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ 14 ތަޖުރިބާކާރުން ބައިވެރިވެވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ޔޫއެންގެ އަންކްޓަޑް އާއި ވޯލްޑް މެރިޓައިމް ޔުނިވަރސިޓީ ފަދަ ބައިނަލްއަޤްވާމީ މުއައްސަސާތަކުގެ ބޭފުޅުން ހިމެނެއެވެ.
މި އިވެންޓުގެ ހޯސްޓިންގ ޕާޓްނަރަކީ ވިލާ ޝިޕިންގ އެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. މީގެ އިތުރުން އެލައިޑް އިންޝުއަރަންސް، ޕީއެސްއެމް، އެމްއެސްއެސް ފަދަ ކުންފުނިތަކުން ވަނީ އެކި ގޮތްގޮތުން ކޮންފަރެންސް ސްޕޮންސަރ ކޮށްފައެވެ. ކޮންފަރެންސްގެ ޕާޓްނަރުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީ، އެމްއެންޑީއެފް، ފުލުހުންގެ އިތުރުން ޤައުމީ ޔުނިވަރސިޓީ ހިމެނެއެވެ.