އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް: 3 އަހަރު، ހިޔާނާތުގެ ހާއްޔެއް!

އެ މައްސަލަތަކާ ގުޅިގެން މުވައްޒަފުންނަށް ފިޔަވަޅު އެޅުމާއި އޭސީސީ އަށް ބައެއް މައްސަލަތައް ހުށަހަޅަން އޮޑިޓް އޮފީހުން ލަފާ ދިން.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ހިޔާނާތަށް ތުހުމަތު ކުރެވޭ މުއާމަލާތްތަކާއި މާލިއްޔަތު ގާނޫނާ ހިލާފަށް އެތައް އަމަލެއް ހިންގި ކަން ހާމަވެއްޖެ އެވެ.

މާލިއްޔަތު ގާނޫނާއި ގަވާއިދުގައިވާ ގޮތުން ދައުލަތުގެ ފައިސާ ހޭދަ ކުރެވޭނީ ވާދަވެރި މާހައުލެއްގެ ތެރެއިން އިގްތިސާދީ ގޮތުން އެންމެ ފައިދާ ހުރި އަދި ހާމަކަން ބޮޑު ގޮތަކަށެވެ. ނަމަވެސް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ 2022-2024 ގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެ ހޮސްޕިޓަލުން އެތައް މުއާމަލާތްތައް ހިންގާފައި ހުރީ އެއާ މުޅިން ހިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށެވެ.

އެގޮތުން ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް ރޭޓާއި ސަރުކާރުގެ އެހެން ހޮސްޕިޓަލްތަކުން ގަންނަ ވަރަށް ވުރެ އެތައް މިލިއަން ރުފިޔާ އަގު ބޮޑުކޮށް ގަނެފައިވާ ކަމަށާއި ބައެއް ތަކެތި ގަތުމާއި އެއް ކުންފުންޏަކަށް ފައިދާ ވާގޮތަށް މަސައްކަތްތައް ހަވާލު ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

ބައެއް މަސައްކަތްތައް ކުރުމަށް ކުޑަ އަގެއް ހުށަހަޅާ ފަރާތްތަކުގެ ހުށަހެޅުން ރަނގަޅު ސަބަބެއް ނެތި ބާތިލް ކުރުމަށް ފަހު ބޮޑު އަގު ހުށަހަޅާފައިވާ ވަކި ފަރާތްތަކަކަށް މަސައްކަތް ހަވާލު ކުރާ މައްސަލަ ވެސް އޮޓިޑް އޮފީހުން ވަނީ ފާހަގަ ކޮށްފަ އެވެ. އަދި ބޮޑު އަގުގައި އެ ފަރާތްތަކަށް މަސައްކަތް ހަވާލު ކުރި ނަމަވެސް އެކަށީގެންވާ ގޮތަށް އެ ހިދުމަތް އެ ކުންފުންޏަށް ފޯރުކޮށް ނުދެވޭ މައްސަލަ ވެސް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ބޭނުން ނުވާ އުޅަނދުތައް ގަތުމާއި ބޭނުން ނުކުރާ ކޮޓަރިތައް ކުއްޔަށް ހިފުމުގައި ބޮޑެތި ހަރަދުތަކެއް ކުރުމާއި މާލިއްޔަތު ގަވާއިދާ ކަނޑައެޅިގެން ހިލާފަށް އެތައް ކަމެއް ކޮށްފައިވާ ކަން އެ އޮޑިޓު ރިޕޯޓުން ވަނީ ހާމަވެފަ އެވެ.

އޮޑިޓުން ހާމަވި ބައެއް މައްސަލަތައް

- ހޮސްޕިޓަލަށް ގަނެފައިވާ މެޑިކަލް ކޮންސިއުމަބަލްގެ ތެރެއިން އޮޑިޓުގައި ސާމްޕަލްގެ ގޮތުގައި ބަލާފައިވާ 3،083،388ރ. ގެ ތަކެތި ގަނެފައި ވަނީ ދައުލަތުގެ އެހެން އިދާރާތަކަށް ގަނެފައިވާ އަގާއި މާކެޓު ރޭޓަށް ވުރެ 2،083،966ރ. ބޮޑުކޮށް ދައުލަތަށް ގެއްލުންވާ ގޮތަށެވެ.

- އެ މުއާމަލާތް ހިންގި ކުންފުންޏަށް މަންފާވާ ގޮތަށް އެހެން ޕްރޮކިއުމަންޓުތަކުގައި ވެސް އެ ހޮސްޕިޓަލުން އަމަލު ކޮށްފައިވާ ކަން ވަނީ ފާހަގަ ކުރެވިފައި. ކުންފުނީގެ ތަފްސީލެއް ހާމައެއް ނުކުރޭ.

- ހޮސްޕިޓަލުގެ ކިއު ސިސްޓަމަށް ބޭނުންވާ 76 މިލިމީޓަރުގެ 400 ޕްރިންޓް ރޯލް ސަޕްލައި ކޮށްދިނުމަށް 4838 ރުފިޔާ އަށް އެ ކުންފުންޏަށް ހަވާލު ކޮށްފައި ވަނީ 3200ރ. އަށް އެ މަސައްކަތް ކުރަން ހުށަހަޅާފައި ވަނިކޮށް.

- ހޮސްޕިޓަލް ރޫމެއްގެ އޭސީ ޑަކްޓް މަރާމާތު ކުރުމަށް 767،789ރ. އަށް ބަޔަކާ ހަވާލު ކޮށްފައި ވަނީ ބަޖެޓަށް ވުރެ 173،189ރ. ބޮޑުކޮށް ދިނީ.

- ހޮސްޕިޓަލް ވޭން ގަތް މުއާމަލާތް ހިންގާފައި ވަނީ އުސޫލުތަކާ ހިލާފަށް އަދި 583,000ރ. ބޮޑުކޮށް

- އޯތޯޑޮންޓިކް އަދި ޑެންޓަލް ތަކެތި ހޯދާފައި ވަނީ ފިނޭންސް މިނިސްޓްރީގެ ބިޑު ކޮމިޓީން އަންގާފައިވާ އެންގުމާ ހިލާފަށް.

- އައިޓީ ސިސްޓަމް ގާއިމުކުރާ ޓީމު ތިބުމަށް ހަތަރު މަހަށް ތިން ކޮޓަރި ކުއްޔަށް ނެގި. ނަމަވެސް އެ ޓީމުތައް ނާންނާތީ، އެތަން ބޭނުންނުކޮށް 165,000ރ. ވަނީ ގެއްލުންވެފައި.

- ހަތަރު ޑަޔަލިސިސް މެޝިން އަދި ކޮންސިއުމަބަލްސް ފަސް އަހަރު ދުވަހަށް ކުއްޔަށް ނެގުމަށް 11,790,720 ރުފިޔާގެ އެއްބަސްވުމެއް ހެދި. އެއީ އަގަކީ ފަސް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަގަކަށްވުމުން ނޭޝަނަލް ޓެންޑާ ބޯޑުގެ ހުއްދަ ހޯދަންޖެހޭ ނަމަވެސް އެކަން ނިންމީ ހޮސްޕިޓަލުގެ އަމިއްލަ ބިޑު ކޮމިޓީން

މިކަމާ ގުޅިގެން އޮޑިޓް އޮފީހުން ވަނީ ވަކިވަކި މައްސަލަތަކާ ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާއި މުވައްޒަފުންނާ މެދު ފިޔަވަޅު އެޅުމަށް ލަފާ ދީފަ އެވެ. އަދި ވަކި ބަޔަކަށް މަންފާ ހޯދައިދީފައިވާ މައްސަލަތައް ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް ވެސް އޮޑިޓް އޮފީހުން ލަފާ ދިނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.