އަދި މި އަހަރުގެ ނިޔަލަށް ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ޑްރޯން ބޭނުންކޮށްގެން އަލިފާން ނިއްވުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

މާލޭ ސަރަހައްދުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އުސް އިމާރާތްތަކުން އަލިފާން ނިއްވުމަށް ޑްރޯން ބޭނުންކުރަން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަކަން ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ހާމަކުރައްވައިފި އެވެ.
މިނިސްޓަރު ހަސަން މިކަން ހާމަކުރެއްވީ ރޭ ބޭއްވި 'އަހާ' ފޯރަމްގައި، އަލިފާނުގެ ހާދިސާތައް އިތުރުވަމުންދާ މައްސަލަ ހައްލުކުރުމަށް މިނިސްޓްރީން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، މާލޭގެ މަގުތައް ހަނިވުމުގެ ސަބަބުން އަލިފާން ނިއްވާ ޓްރަކްތަކަށް ވަދެނުކުތުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އަދި ހުޅުމާލެ ފަދަ ސަރަހައްދުތަކުގައި ވަރަށް އުސްކޮށް އިމާރާތްތައް ބިނާކޮށްފައިވާއިރު، މިހާރު ބޭނުންކުރާ ވަސީލަތްތަކަކީ އެފަދަ ތަންތަނުގައި ރޯވާ އަލިފާން ނިއްވުމަށް އެންމެ އެކަށީގެންވާ ވަސީލަތްތަކެއް ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ.
ޑްރޯން ބޭނުންކުރުމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، އުސް އިމާރާތްތަކުގައި އަލިފާން ނިއްވުމަށް ޑްރޯން ބޭނުންކުރުމުގެ ތަޖުރިބާ އެއްކޮށް، އެކަން ކާމިޔާބުކަމާއެކު ސާމްޕަލް ކުރެވިފައިވާ ކަމަށެވެ.
އަދި މި އަހަރުގެ ނިޔަލަށް ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ޑްރޯން ބޭނުންކޮށްގެން އަލިފާން ނިއްވުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެއިތުރުން، އަލިފާނުގެ ހާދިސާތައް އާދަޔާ ހިލާފަށް އިތުރުވަމުންދާ މައިގަނޑު ސަބަބަކީ ދިރިއުޅުމުގެ ހާލަތާއި އާދަކާދަ ހުރިގޮތް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އެގޮތުން އަލިފާނުގެ ހާދިސާތައް މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ތޮއްޖެހިގެން ކުދިކުދި ޖާގަތަކުގައި ދިރިއުޅެން ޖެހުމާއި، ކަރަންޓު ވަޔަރިން ކުރުމުގައި ފަރުވާކުޑަކުރުމާއި، ގޭސް ރެގިއުލޭޓަރުތަކަށް ދިމާވާ މައްސަލަތައް ހިމެނެ އެވެ.
ގޭސް ރެގިއުލޭޓަރުތަކުގެ ރައްކާތެރިކަމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، ބާޒާރުގައި ވިއްކަން ހުންނަ ތަފާތު ގޭސް ރެގިއުލޭޓަރުތަކަކީ ސަލާމަތީ މިންގަނޑުތަކަށް ފެތޭ އެއްޗެހިތޯ ޔަގީންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި ވަކި މިންގަނޑުތަކަކަށް ނުފެތޭ ރެގިއުލޭޓަރުތައް ބާޒާރުގައި ވިއްކުން މަނާކުރެވޭނެ އުސޫލެއް އެކުލަވާލުމަށް މަޝްވަރާކުރެވެމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.