"މި ގާނޫނަކީ ވަކި ޕްރޮޖެކްޓަކަށް އެކަނި ހާއްސަކޮށްގެން ހަދާނެ ގާނޫނެއް ނޫން. މުޅި ރާއްޖޭގައިވެސް މިފަދަ ރިއަލް އެސްޓޭޓް މަޝްރޫއުތައް ހިންގުމުގެ ފުރުސަތު ދޭސީ އަދި ބޭރުގެ ކުންފުނިތަކަށް މި ގާނޫނުގެ ދަށުން ލިބިގެންދާނެ،" އޭޖީ ވިދާޅުވި އެވެ.

ރަސްމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް މެރީނާ އެންޑް ވޯޓާފްރަންޓް" މަޝްރޫއަކީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކުރިއަށްދާނެ މަޝްރޫއެއް ކަމަށާއި، މިފަދަ ބޮޑެތި ރިއަލް އެސްޓޭޓް މަޝްރޫއުތައް ހިންގުމަށްޓަކައި ހާއްސަ ރިއަލް އެސްޓޭޓް ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަން ބަންޑާރަ ނައިބު އަހުމަދު އުޝާމް ހާމަކުރައްވައިފި އެވެ.
ރޭ ބޭއްވި އަހާ ފޯރަމްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭޖީ ވިދާޅުވި ގޮތުގައި، މި މަޝްރޫއާ ގުޅޭގޮތުން ސަރުކާރުން މިހާތަނަށް ސޮއިކޮށްފައިވަނީ 'ލެޓާ އޮފް އިންޓެންޓް' ނުވަތަ 'ކޮމާޝަލް ޓާމްސް އެގްރީމެންޓް' އެއްގަ އެވެ. މިއީ މަޝްރޫއުގެ އެންމެ އަސާސީ ވިޔަފާރި އުސޫލުތަކަށް އެއްބަސްވެވުނު އެއްބަސްވުމެކެވެ.
"އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ކޮންސްޓްރަކްޝަން މިނިސްޓްރީން ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނީ ލަފާ ހޯދާފައިވޭ. ދެން އޮތް މަރުހަލާއަކީ މި ކޮމާޝަލް ޓާމްސްގެ މައްޗަށް ބިނާކޮށް، އިތުރަށް މަޝްވަރާކުރުމަށްފަހު މާސްޓާ ޑިވެލޮޕްމެންޓް އެގްރީމެންޓްގައި ސޮއިކުރުން،" އޭޖީ ވިދާޅުވި އެވެ.
މާސްޓާ އެގްރީމެންޓްގައި ސޮއިކުރުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުން ބައެއް ގާނޫނުތަކަށް އިސްލާހު ގެންނަންޖެހޭއިރު، އާ ގާނޫނުތަކެއް ފާސްކުރަންޖެހޭކަންވެސް އޭޖީ ފާހަގަކުރެއްވި އެވެ.
އެގޮތުން، ރާއްޖޭގައި މިހާތަނަށް ނެތް ސިނާއަތެއް، ޓޫރިޒަމް ނޫން ރިއަލް އެސްޓޭޓް މާކެޓެއް އުފެއްދުމަށްޓަކައި "ރިއަލް އެސްޓޭޓް ގާނޫނު" އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
"މި ގާނޫނަކީ ވަކި ޕްރޮޖެކްޓަކަށް އެކަނި ހާއްސަކޮށްގެން ހަދާނެ ގާނޫނެއް ނޫން. މުޅި ރާއްޖޭގައިވެސް މިފަދަ ރިއަލް އެސްޓޭޓް މަޝްރޫއުތައް ހިންގުމުގެ ފުރުސަތު ދޭސީ އަދި ބޭރުގެ ކުންފުނިތަކަށް މި ގާނޫނުގެ ދަށުން ލިބިގެންދާނެ،" އޭޖީ ވިދާޅުވި އެވެ.
ރަސްމާލޭގައި 30،000 މީހުންގެ އާބާދީއެއް ވަޒަންވެރިކުރުވަނީ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން އޭޖީ ވިދާޅުވީ، މަޝްރޫއުގެ އެއްވެސް ކަމެއް ރާއްޖޭގެ ގާނޫނުތަކާއި ގަވާޢިދުތަކާ ހިލާފަށް ކުރިއަށް ނުދާނެ ކަމަށެވެ.
މި ފޯރަމްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު އެކުލެވިގެންވަނީ ހަމައެކަނި ފަތުރުވެރިކަމުގެ ސިނާއަތުގެ މައްޗަށް ކަމަށާއި، އެންމެ ސިނާއަތަކަށް އާދަޔާހިލާފަށް ބަރޯސާވުމަކީ ނުރައްކަލެއް ކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، 2040 ވަނަ އަހަރަށް އަންނައިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށްޓަކައި، އިގްތިސާދީ އާމްދަނީ އިތުރުކުރަންޖެހެނީ "އެކްސެލަރޭޓެޑް" ނުވަތަ އަވަސް ސްޕީޑެއްގަ އެވެ.
ކޯޕަރޭޓް ރެސިޑެންސް ވިސާއަކީ 2015 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ތައާރަފުކޮށް، އެކި ސަރުކާރުތަކުން ކުރިއަށް ގެންގޮސްފައިވާ ނިޒާމެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، 2013-2018 އާ ދެމެދު ރާއްޖޭގެ 53 ނުވަތަ 54 ރިސޯޓެއް މުއްދަތު އިތުރުކޮށް 99 އަހަރަށް ކުއްޔަށް ދީފައިވާކަން ފާހަގަކުރައްވައި، މިފަދަ ދިގު މުއްދަތުގެ ލީސް ދިނުމަކީ ރާއްޖޭގައި އަލަށް ކުރާ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން ތަރައްގީކުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ އަހަރަކު 4 އިން 5 މިލިއަން ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 1 ބިލިއަން ޑޮލަރަށްވުރެ ގިނައިން އިންވެސްޓްކޮށްގެން ހަދާފައިވާ ތަނެއްކަމުން، އެ އަމާޒަށް ދެވޭނީ މިފަދަ ބޮޑެތި މަޝްރޫތައް ގެނެސްގެން ކަމަށް ސައީދު ވިދާޅުވި އެވެ.
އަދި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އެކި ސިނާއަތްތައް ކުރިއަރައިގެންދާނެ އިރު، އޭގެ ތެރޭގައި އެއާޕޯޓާއި އޭވިއޭޝަން،
ކަނޑުދަތުރުފަތުރާއި މުދާ އުފުލާ އުޅަނދުތައް، މަސްވެރިކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތަކަށް އޮތް ޑިމާންޑާއި އެތަކެއް ހާސް އާ ވަޒީފާތައް އުފެދިގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ސައީދު ވިދާޅުވީ، މި މަޝްރޫއާ މެދު ސިޔާސީ ގޮތުންނާއި ދީނާއި ގައުމިއްޔަތާ ގުޅުވައިގެން ބިރުވެރިކަން އުފެއްދުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރި ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ އިސްލާމްދީނާއި ދިވެހިވަންތަކަމާއި ސަގާފަތް ނަގާލާނެ ސަރުކާރެއް ނޫން ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.