ބުރިޖު މަތިން ފުންމާލައި، ބުރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮތް ބިދޭސީ މީހަކު އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ސަލާމަތްކޮށްފަ އެވެ. ސަލާމަތް ކުރުމަށްފަހު އެމްއެންޑީއެފުން ވަނީ އެމީހާ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު ސިނަމާލެ ބުރިޖުމަތިން ފުންމާލި ބިދޭސީ މީހާއަށް ނަފުސާނީ އެހީ ފޯރުކޮށްދޭން ކްރިމިނަލް ކޯޓުން ފުލުހުންނަށް އަމުރުކޮށްފި އެވެ.
ބުރިޖު މަތިން ފުންމާލައި، ބުރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮތް ބިދޭސީ މީހަކު އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ސަލާމަތްކޮށްފަ އެވެ. ސަލާމަތް ކުރުމަށްފަހު އެމްއެންޑީއެފުން ވަނީ އެމީހާ ފުލުހުންނާ ހަވާލުކޮށްފަ އެވެ.
ފުލުހުން ފުރަތަމަ އޭނާ ގެންގޮސްފައި ވަނީ ހޮސްޕިޓަލަށެވެ. އޭނާއަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނިކޮށް ފުލުހުން ވަނީ، އަމިއްލަ ނަފްސަށް ގެއްލުން ދޭން އުޅުނުކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްފަ އެވެެ. އެއީ 31 އަހަރުގެ ފިރިހެނެކެވެ.
އެ މީހާ ހޮސްޕިޓަލުގައި އޮއްވައި ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ބަންދުގެ ގޮތުގައި ފަސް ދުވަސް ޖެހި އެވެ. އެކަމަކު އޭނާގެ ބަލި ހާލަތު ރަނގަޅުވުމުން 24 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހާޒިރުކުރުމަށް އެ އަމުރުގައިވެ އެވެ.
ހޮސްޕިޓަލުން އޭނާ ދޫކޮށްލުމުން ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ފުލުހުން ވަނީ އޭނާ ކޯޓަށް ގެންގޮސްފަ އެވެ. ކޯޓުން ކަނޑައަޅާފައި ވަނީ އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެގޮތަށް ނިންމީ އޭނާ ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއް ހުށަހެޅިފައި ނުވާތީ އާއި ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތުމުން ކަމަށް ކޯޓު އަމުރުގައިވެ އެވެ.
އަދި ކަމާ ގުޅުން ހުރި ފަރާތްތަކަށް ހުށަހަޅައިގެން އެމީހާއަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަމުރުކޮށްފައިވެ އެވެ. އެކަމަކު އޭނާ ރާއްޖެއިން ފުރުވާލުމަށް އިމިގްރޭޝަނާ ހަވާލުކުރުމަށް ފުރިހަމަކުރަންޖެހޭ އިޖުރާތްތައް ފުރިހަމަކުރުމަށް ފުލުހުންނަށް ހުރަހެއް ނެތް ކަމަށްވެސް ކޯޓު އަމުރުގައިވެ އެވެ.