"އެއްވެސް ވަރަކަށް މި މަޝްރޫއަށް ސޮވެރިން ގެރެންޓީއެއް ދީ ނުވަތަ ސަރުކާރުން ނަގާފައިވާ ލޯނެއް ނުވަތަ ޓެކްސް އިސްތިސްނާއެއް އެއްވެސް އެއްޗެއް ވެސް ނުދެން. ޑިއުޓީ އިސްތިސްނާއެއް ވެސް ނުދެން،" ރައީސް ވިދާޅުވި އެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުންޏާއެކު ރަސްމާލޭގައި ތަރައްގީ ކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ"ގެ ސަބަބުން އެތަނުން ދޭން ނިންމާފައިވާ އެއްވެސް ބޯހިޔާވަހިކަމެއް މަދުވެގެން ނުދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ބުނެފައި ވަނީ މި މަޝްރޫއު ފަރުމާ ކޮށްފައި ވަނީ ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމާއި ވޯޓަފްރަންޓް އަދި މެރީނާ މަޝްރޫއެއްގެ ގޮތުގައި ކަމަށާއި އޭގެ ތެރޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހިދުމަތްތަކާއި މަތީ ފަންތީގެ އަދި ބްރޭންޑެޑް ރެސިޑެންސްތައް ހިމެނޭ ކަމަށެވެ.
އެތަނުން ދޫކުރާ ބިންތަކާއި އިމާރާތްތައް ވިއްކުމަށް ހަމަޖެހިފައި ވަނީ 99 އަހަރަށެވެ. އަދި ވިއްކުމުގެ މުއާމަލާތަކުން ނުވަތަ ވާރުތަވުމުގެ ތެރެއިން މިލްކުވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު އަލުން 99 އަހަރުގެ ލީސްހޯލްޑް މުއްދަތެއް ފަށާނެ އެވެ.
"ނޭޝަނަލް ޗެޓް" ޕޮޑްކާސްޓްގައި ރޭ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އީގަލް ހިލްސް މަޝްރޫއަކީ އިގްތިސޯދީ ގޮތުންމާއި އުމްރާނީ ގޮތުން ވެސް މުޅި ގައުމުގެ ފެންވަރު މަތިކޮށްދޭނެ މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ޖީޑީޕީ އެހެން ލެވެލަކަށް ގެންދެވިގެންދާނެ ކަމަށާއި، ވަޒީފާތައް ވެސް އުފެދިގެންދާނެ ކަމަށް ވިދާޅުވި އެވެ.
"އެއްވެސް ވަރަކަށް މި މަޝްރޫއަށް ސޮވެރިން ގެރެންޓީއެއް ދީ ނުވަތަ ސަރުކާރުން ނަގާފައިވާ ލޯނެއް ނުވަތަ ޓެކްސް އިސްތިސްނާއެއް އެއްވެސް އެއްޗެއް ވެސް ނުދެން. ޑިއުޓީ އިސްތިސްނާއެއް ވެސް ނުދެން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރަސްމާލޭގައި އިގްތިސޯދީ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމި ނަމަވެސް، އެތަނުގައި ރައްޔިތުންނަށް ކަނޑައަޅާފައިވާ އެއްވެސް ގޯއްޗެއް، ނުވަތަ ފްލެޓް އެޅުމުގެ މަޝްރޫއެއް ކެންސަލް ވެގެން ނުދާނެ ކަމަށެވެ. އަދި އެއްވެސް ފަރާތެއްގެ ބޯހިޔާވަހިކަމުގެ ހައްގަށް ހުރަސް އެޅިގެން ނުދާނެ ކަމަށެވެ.
"އެންމެނަށް ގޯތި ހަމަޖައްސާ ވަރަށް ބިން އެބައޮތް. އެއްވެސް ގޯއްޗެއް ކެންސަލެއް ނުވާނެ. އަދި ފޯމުތައް ރިވިއުކުރަމުން މިހާރު އެ ގެންދަނީ. ގަބޫލުކުރެވޭ ވަރަށް ގިނަ ރައްޔިތުންނަށް ނުވަތަ ބައެއް ކެޓަގަރީތަކުން އެއްކޮށް ގޯތި ދެވޭނެ ވަރަށް ބިން އެބައޮތް. ފްލެޓް އަޅަން ޖެހޭ ސަރަހައްދުގައި ފްލެޓް އަޅާނެ ޖާގަވެސް ފުރިހަމައަށް އެބައޮތް،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ބުނެފައި ވަނީ އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން ދައުލަތަށް 11 ބިލިއަން ޑޮލަރަށް ވުރެ ގިނަ އާމްދަނީ ލިބި 54,000 އަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމަށެވެ. އަދި އީގަލް ހިލްސް ކުންފުނިން ހިންގާ 20 ބިލިއަން ޑޮލަރުގެ މި މަޝްރޫއަކީ ދައުލަތުން އެއްވެސް ދަރަންޏެއް ނުނަގައި އަދި ޓެކްސް އިނާޔަތްތަކެއް ނުދީ ހިންގާނެ މަޝްރޫއެއް ކަމަށެވެ.