ހިލޭ ޑިގްރީ ޕްރޮގްރާމްގެ އޮޑިޓް | ކިޔެވުން ހުއްޓާލި 790 ދަރިވަރުންނަށް 19 މިލިއަން ދޫކުރި

ސްކީމުގެ މަގުސަދާ ހިލާފަށް ކުރިން ޑިގްރީ ހާސިލްކޮށްފައިވާ 271 ދަރިވަރަކަށް ސްކީމްގެ ދަށުން ފައިސާ ހަރަދުކޮށްފައިވާކަން ވެސް ވަނީ ހާމަވެފަ އެވެ. މިކަމަށް ދައުލަތުން 9,3 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ރާއްޖޭގެ ގައުމީ ޔުނިވާސިޓީ

އެމްޑީޕީ ސަރުކާރުން ފެށި "ހިލޭ ޑިގްރީ ޕްރޮގްރާމް" ކިޔަވަން ފަށައި، ނަމަވެސް ފަހުން ކިޔެވުން ހުއްޓާލާފައިވާ 790 ދަރިވަރުންނަށް 19 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ދޫކޮށްފައިވާކަން ހާމަވެއްޖެ އެވެ.

އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީ ނެރުއްވި ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީ އަށް ކިޔަވައިދިނުމު ސްކީމުގެ 2019 އިން 2024 ގެ އޮޑިޓްގައިވާ ގޮތުން މި މުއްދަތުގައި މި ސްކީމުން ޖުމްލަ 835 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި މި މުއްދަތުގެ ތެރޭގައި 16,388 ދަރިވަރުން މި ސްކީމްގައި ބައިވެރިވެފައިވެ އެވެ. އެހެންނަމަވެސް، ޕްރޮގްރާމް ފުރިހަމަކޮށް ފުރަތަމަ ޑިގްރީ ހާސިލުކުރި ދަރިވަރުންގެ އަދަދު އެނގޭނެހެން މައުލޫމާތު ބަލަހައްޓަމުން ގޮސްފައިނުވާކަން އޮޑިޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން އެންމެ ކަންބޮޑުވާ ކަމަށް މި ސްކީމުން ފާހަގަވަނީ ކިޔެވުން ހުއްޓާލި 790 ދަރިވަރަކަށް 19 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އަދި މި ފައިސާ އަނބުރާ ދައުލަތަށް ހޯދޭނެ ނިޒާމެއް ގާއިމްކުރެވިފައި ނެތްކަންވެސް ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން ސްކީމުގެ މަގުސަދާ ހިލާފަށް ކުރިން ޑިގްރީ ހާސިލްކޮށްފައިވާ 271 ދަރިވަރަކަށް ސްކީމްގެ ދަށުން ފައިސާ ހަރަދުކޮށްފައިވާކަން ވެސް ވަނީ ހާމަވެފަ އެވެ. މިކަމަށް ދައުލަތުން 9,3 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

"މިއީ ސްކީމަށް ހުށަހަޅާ ފަރާތްތަކަކީ ފުރަތަމަ ފަހަރަށް ޑިގްރީ ހަދާ ކުދިންކަން ކަށަވަރުކުރެވޭނެ މަރުކަޒީ ނިޒާމެއް ނެތުމުގެ ސަބަބުން ދިމާވެފައިވާ މައްސަލައެއް،" އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

އޮޑިޓްގައިވާ ގޮތުން އަމިއްލަ މަރުކަޒުތަކުން ކޯސް ފީ ބޮޑުކުރުމުގެ ސަބަބުން، ދަރިވަރުން އަމިއްލަ ޖީބުން ކުރަންޖެހޭ ހަރަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި 2019 ވަނަ އަހަރު ދަރިވަރުން އަމިއްލަ އަށް ދައްކަންޖެހުނީ ފީގެ 15 ޕަސެންޓް ކަމަށްވިޔަސް، 2024 ވަނަ އަހަރު މި ނިސްބަތް ވަނީ 46 ޕަސެންޓަށް ބޮޑުވެފަ އެވެ. އަދި ބައެއް ޕްރޮގްރާމްތަކަށް 60,000 އަށްވުރެ ގިނަ ރުފިޔާ ދަރިވަރުން އަމިއްލަ އަށް ދައްކަންޖެހިފައިވާކަން ވެސް އޮޑިޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

މި މައްސަލަތައް ހައްލުކުރުމަށްޓަކައި ކިޔަވައިދޭ މަރުކަޒުތަކާ ގުޅިގެން ދަރިވަރުންގެ ކިޔެވުން މޮނިޓާ ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމަށް އޮޑިޓަ ޖެނެރަލް ވަނީ ލަފާދެއްވާފަ އެވެ. އަދި ދައުލަތުގެ ޔުނިވާސިޓީތަކުން ހިންގާ ޕްރޮގްރާމްތަކަށް އިސްކަންދެވޭނެ އުސޫލެއް ގާއިމުކުރުމަށާއި ގައުމަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށް އިސްކަންދިނުމަށް ވަނީ ލަފާދެއްވާފަ އެވެ.   

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.