މި އަހަރު 1،500އަށް ވުރެ ގިނަ ސްކޭމް، ގެއްލުނު އަދަދު 15 މިލިއަންގައި

"ބުކިން ކެންސަލޭޝަން ރީފަންޑް ސްކޭމް" ގެ ނަމުގައި މުޅިން އާ ބާވަތެއްގެ ސްކޭމެއް މުޖުތަމައު ތެރޭގައި އާންމުވަމުންދާކަން އޭނާ ފާހަގަކުރެއްވި.

ސްކޭމް ކޯލުތަކަށް ސަމާލުވާން ހަދާފައިވާ ފޮޓޯއެއް

މިއަހަރުގެ މިހާތަނަށް ސްކޭމްގެ 1,584 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށާއި، މި މައްސަލަތަކުގައި 15 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރައްޔިތުންގެ އަތުން ގެއްލިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ހެޑް އާދަމް ނަވީދު ވިދާޅުވީ، ގެއްލުނު ފައިސާގެ ތެރެއިން 6.6 މިލިއަން ރުފިޔާ އަނބުރާ ހޯދިފައިވާ ކަމަށެވެ.

ނަވީދު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި އެންމެ އާންމުކޮށް ހިންގަނީ އޮންލައިން ވިޔަފާރީގެ ނަމުގައި ހިންގާ ސްކޭމްތަކެވެ. އެގޮތުން ރިޕޯޓުކުރެވުނު މައްސަލަތަކުގެ ތެރެއިން 821 މައްސަލައަކީ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތަކެވެ. 

ދެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ، ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި ސްކޭމްތަކުގެ 240 މައްސަލަ އާއި، ޝަހުސު އޮޅުވާލައިގެން ފައިސާ ހޯދުމުގެ 213 މައްސަލަ އެވެ.

މީގެއިތުރުން، "ބުކިން ކެންސަލޭޝަން ރީފަންޑް ސްކޭމް" ގެ ނަމުގައި މުޅިން އާ ބާވަތެއްގެ ސްކޭމެއް މުޖުތަމައު ތެރޭގައި އާންމުވަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ. 

މިފަދަ މައްސަލަތައް ފާހަގަވުމާއެކު، މީޑިއާ މެދުވެރިކޮށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނަވީދު ވިދާޅުވި އެވެ.

ސްކޭމްތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، 2,803 އެކައުންޓް 48 ގަޑިއިރަށް ފްރީޒްކުރެވުނު ކަމަށާއި، 530 އެކައުންޓް ކޯޓު އަމުރެއްގެ ދަށުން އިތުރު ތިން މަސްދުވަހަށް ފްރީޒްކުރެވުނު ކަން އޭނާ ހާމަކުރެއްވި އެވެ.

މީގެއިތުރުން، ސްކޭމް ނެޓްވޯކްތަކުގައި އުޅޭކަން ފާހަގަކުރެވިގެން 53 މީހަކު ހައްޔަރުކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ހައްޔަރުކުރެވުނު މީހުންގެ ތެރެއިން 25 މައްސަލައެއްގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާއިރު، މީގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް މިހާތަނަށް ވަނީ ދައުވާކޮށްފަ އެވެ.

ސްކޭމްގެ ޝިކާރައަކަށް އެންމެ ގިނައިން ވަނީ މާލެ، އައްޑޫ ސިޓީ، ރ. އަތޮޅު އަދި ހދ. ކުޅުދުއްފުށިންކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. 

ނަވީދު އިތުރަށް ވިދާޅުވީ، ކުށްވެރިންނަށް ބޭންކްތައް މެދުވެރިކޮށް ފައިސާ ނެގުމުގެ ފުރުސަތު ލިބެނީ ބޭންކް އެކައުންޓްތައް ކުއްޔަށްދޭ މަދު ބަޔަކު މުޖުތަމައުގައި ތިބުމުގެ ސަބަބުން ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.