ހާދިސާ އަށް ދެ އަހަރު ވާން ކައިރިވެފައި ވަނިކޮށް ފުލުހުން ވަނީ މަދު ބައެއް ފުޓޭޖްތައް އާންމުކޮށްފަ އެވެ. އަދި އަލިފާން ރޯވި ކަމަށް ބެލެވޭ ކަރަންޓު ނަރުތަކުގެ ފޮޓޯތައް ވެސް ފުލުހުން ދެއްކި އެވެ.

ހައުސިން މިނިސްޓްރީ ހިމެނޭ ގޮތަށް ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާގެ ބައެއް ވީޑިއޯ ފުޓޭޖްތަކާއި ފޮޓޯތައް ފުލުހުން އާންމު ކޮށްފި އެވެ.
ޑިސެމްބަރު 12، 2024 ގައި ހިނގި މި އަލިފާނުގެ ހާދިސާ އަށް ދެ އަހަރު ވާން ކައިރިވެފައިވާ އިރު އެ ހާދިސާ އާ ގުޅޭ މައުލޫމާތުތައް ހާމަ ނުކުރާ މައްސަލާގައި ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.
މީގެ އިތުރުން މިނިސްޓްރީތަކުގައި ރޯވި ހާދިސާއަކީ ގަސްތުގައި ބަޔަކު ކުރި ކަމެއް ކަމަށާއި އޭގެ ހަގީގަތް ފުލުހުންނަށް އެނގޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
އެކަމާ ގުޅިގެން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެ ހާދިސާ ހިނގުމުގެ ކުރިން އެ ރޭ މެންދަމުގެ ވަގުތާއި އެ ދުވަހު ހެނދުނުގެ ވަގުތު އެ ސަރަހައްދުގައި ހިނގަމުން ދިޔަ ކަންކަން ފެންނަ ސީސީޓީވީ ފުޓޭޖްތައް އާންމު ކޮށްފަ އެވެ.
އޭގެ އިތުރުން އެ ހާދިސާ ރިޕޯޓު ކުރުމަށް ފަހު ހައުސިން މިނިސްޓްރީ ތެރެއަށް ވަތް ފުލުހެއްގެ ބޮޑީ ކެމް ފުޓޭޖްތަކެއް ވެސް ވަނީ ދައްކައިފަ އެވެ.
އެ ފުޓޭޖްތަކުން ފުރަތަމަ ފެންނަނީ އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ކަން އެތަނުގެ ސެކިއުރިޓީ ގާޑަށް ފެނިގެން އޭނާ ކަމާގުޅޭ މުއައްސަސާތަކަށް ނުގުޅިގެން މަގުމަތީ ދެކޮޅަށް ހިނގާ މަންޒަރެވެ. ފުލުހުން ބުނީ އެއީ އޭނާގެ ފޯނުގައި ބެލެންސް ނެތުމާއި އެފަދަ ހާދިސާއެއް ހިނގުމުން ކަންތައް ކުރާނެ ގޮތެއް ނޭނގިގެން އޭނާ ހަރަކާތްތެރިވާ މަންޒަރު ކަމަށެވެ.
އެއަށް ފަހު މަގުމަތިން އެވަގުތު ސައިކަލެއްގައި ދިޔަ މީހަކު ހުއްޓުވައި އެ ސެކިއުރިޓީ ގާޑު އެހީއަށް އެދުނެވެ. އެ މީހާއަކީ އޮފް ޑިއުޓީގައި ހުރި ސިފައިންގެ މީހެކެވެ. އޭނާ އެ ތަނަށް ވަދެ ބެލުމަށް ފަހު ފޯނުން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އަށް ރިޕޯޓު ކުރަން ގުޅައިގެން އުޅޭ މަންޒަރު ވެސް ފުޓޭޖްތަކުން ފެނެ އެވެ.
ސެކިއުރިޓީއަކަށް ހުރި ބިދޭސީ މީހާ ވަނީ ފެން ޖަހައި އެ އަލިފާންގަނޑު ނިއްވާލައިފަ އެވެ.
އޭގެ ބައި ގަޑިއެއްހާ އިރު ފަހުން އެމްއެންޑީއެފްގެ ވެހިކަލް އައިސް ހަރަކާތްތެރިވާން ފަށަ އެވެ. އަދި އޭނާ އެ އަލިފާން ނިއްވާލިޔަަސް ގްރިން ބިލްޑިން އާއި ހައުސިން އިމާރާތް ތެރެއިން ދުން އަރައި ދުންގަނޑު ބޯވަމުންދާތީ އެތަން ހޯދަން މަސައްކަތް ކުރެ އެވެ.
ފުލުހުން ބުނި ގޮތުގައި ގިނަ ވަގުތު ހޭދަވީ އަލިފާން ރޯވެގެން އުޅުނު ސީދާ ތަން ނުފެނިގެންނެވެ. އެތަން ލޮކޭޓް ކުރެވުނު ހިސާބު ފެންނަ ވީޑިއޯއެއް ވެސް ފުލުހުން ދެއްކި އެވެ. އަދި ސީލިންގުގެ ތެރޭގައި ހުރި ކަރަންޓު ވަޔަރެއްގައި ރޯވެ އަނދާފައި އޮތް މަންޒަރުގެ ފޮޓޯއެއް ވެސް ދެއްކި އެވެ.
އެކަމާ ގުޅޭ ގޮތުން ގިނަ ސީސީޓީވީ ފުޓޭޖްތަކާއި އެތައް ބަޔަކާ ސުވާލު ކުރުމަށް ފަހު އަދި އިންޑިއާގެ ފުލުހުންގެ ތަހުގީގަށް ވެސް ރިއާޔަތް ކުރުމަށް ފަހު ފުލުހުން ނިންމާފައި ވަނީ އަލިފާން ހިނގީ ކަރަންޓު ޝޯޓް ވެގެންނެވެ.
އަލިފާން ހިނގި ސަބަބު ދެނެގަނެވުން ނަމަވެސް އަދިވެސް ތަހުގީގު ނުނިމޭ ކަމަށް ފުލުހުން ބުންޏެވެ. މިހާރު ކުރިޔަށް ދަނީ އިދާރީ ބައެއް މަސައްކަތްތައް ކަމަށް ވެސް ފުލުހުން ބުންޏެވެ.