ޓޫރިސްޓުން ރާއްޖޭގައި އެވްރެޖްކޮށް މަޑުކުރި މުއްދަތު (އެވްރެޖް ޑިއުރޭޝަން އޮފް ސްޓޭ) ވަނީ އިތުރުވެފައެވެ. މި އަހަރު ޓޫރިސްޓުން މަޑުކުރާ މުއްދަތު 7.3 ދުވަހުގައި ހުރިއިރު، މިދިޔަ އަހަރު ހުރީ 6.9 ދުވަހުގަ އެވެ.

މި އަހަރުގެ މިހާތަަނަށް ޓޫރިޒަމް އޮކިއުޕެންސީ ފަސް ޕަސެންޓް ދަށްނަމަވެސް އާމްދަނީގެ ގޮތުގައި ތިން ބިލިއަން ޑޮލަރު ލިބިފައިވާނެ ކަމަށް އަންދާޒާ ކުރެވިއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ މައުލޫމާތުތައް ދައްކާ ގޮތުން މި އަހަރު މިދިޔަ މަހުގެ ނިޔަލަށް ރާއްޖެއަށް 1,42 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. ނަމަވެސް މި އަދަދަކީ ކުރީ އަހަރު އައި މީހުންނާ އަޅާބަލާއިރު 4.3 ޕަސެންޓުގެ ދަށްވުމެކެވެ. އަދި މި މުއްދަތުގައި ޓޫރިސްޓުން ވަނީ ރާއްޖޭގައި 9,278,669 މިލިއަން ރޭ މަޑުކޮށްފަ އެވެ.
މި އަދަދަކީ މިދިޔަ އަހަރުގެ ޓޫރިސްޓުން ހޭދަކުރި ރޭގެ މިންވަރު ހުރި 9,193,898 މިލިއަންއާ ބަލާއިރު 0.9 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މިއީ އެވްރެޖު އާމްދަނީގެ އަންދާޒާއަކުން ބަލާނަމަ ގާތްގަނޑަކަށް ތިން ބިލިއަން ޑޮލަރުގެ އާމްދަނީ އެވެ.
މި ހިސާބުތައް ދައްކާ ގޮތުން 2025 ވަނަ އަހަރާ އަޅާބަލާއިރު 2026 ވަނަ އަހަރު އޮކިއުޕަންސީ ރޭޓް (އެނދުތައް ފުރޭ ނިސްބަތް) ވަނީ ދަށަށް ގޮސްފައެވެ. މިދިޔަ އަހަރު އޮކިއުޕެންސީ 59.6 ޕަސެންޓުގައި ހުރިނަމަވެސް މި އަހަރު ވަނީ 2026 ވަނަ އަހަރުގެ އެވްރެޖް އޮކިއުޕެންސީ 56.6 އަށް ދަށްވެފަ އެވެ. މިއީ ފަސް ޕަސެންޓުގެ ދަށްވުމެކެވެ. އަދި 2025 ވަނަ އަހަރާ އަޅާބަލާއިރު 2026 ވަނަ އަހަރު ޓޫރިސްޓުން ރާއްޖޭގައި އެވްރެޖްކޮށް މަޑުކުރި މުއްދަތު (އެވްރެޖް ޑިއުރޭޝަން އޮފް ސްޓޭ) ވަނީ އިތުރުވެފައެވެ. މި އަހަރު ޓޫރިސްޓުން މަޑުކުރާ މުއްދަތު 7.3 ދުވަހުގައި ހުރިއިރު، މިދިޔަ އަހަރު ހުރީ 6.9 ދުވަހުގަ އެވެ.