އިންސާނީ ކަރާމާތަށްޓަކައި އެ ޒުވާނާގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވެދެއްވާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައި.

ސޯޝަލް މީޑިއާގައި އިސްލާމްދީނަށް ފުރައްސާރަކޮށްގެން، ސައޫދީ އަރަބިއްޔާގައި މަރުގެ އަދަބު ދިނުމަށް ހުކުމްކޮށްފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ އަނޯޖަން ސިވަރާސާގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސިވަރާސާގެ ދިފާއުގައި ކުރިއަށްގެންދާ މަސައްކަތުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، ސްރީލަންކާގެ ރައީސްގެ ގާނޫނީ ވަކީލުން ފައިޒަރު މުސްތަފާއާއި އުޕުލް ކުމާރައްޕެރުމާ ވަނީ ބުދަ ދުވަހު ރާއްޖޭގައި ނަޝީދާ ބައްދަލުކުރައްވައިފަ އެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ނެރުނު ބަޔާނުގައިވާ ގޮތުން، މުސްލިމް މުޖުތަމައަށް ސިވަރާސާ ކުރި ކޮމެންޓްތަކުގެ ނުރައްކާތެރިކަން ނަޝީދު ގަބޫލުކުރެއްވި ނަމަވެސް، އިންސާނީ ކަރާމާތަށްޓަކައި އެ ޒުވާނާގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވެދެއްވާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލައިގައި ސްރީލަންކާ ސަރުކާރުން ނިންމާފައިވަނީ މުސްތަފާއާއި ކުމާރައްޕެރުމާ ސައޫދީއަށް ހާއްސަ މަންދޫބުންގެ ގޮތުގައި ފޮނުވުމަށެވެ. މި ނިންމެވުން އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގައި އިއުލާން ކުރެއްވީ ހާރިޖީ ވަޒީރު ވިޖިތަ ހޭރަތު އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި، މި ދެ ވަކީލުން މި މަސައްކަތް ކުރިއަށްގެންދަވަނީ ސްރީލަންކާގެ ރައީސާއި ހާރިޖީ ވަޒީރުގެ އިސްނެންގެވުމުގެ މަތިންނެވެ. އަދި މި ދަތުރަށް ސަރުކާރުގެ ފައިސާ ބޭނުންކުރުމުގެ ބަދަލުގައި ހަރަދުކުރާނީ އެބޭފުޅުންގެ އަމިއްލަ ފައިސާ ކަމަށްވެސް ބުނެފައިވެ އެވެ.
ބައްދަލުވުމަށްފަހު ކުމާރައްޕެރުމާ ވިދާޅުވީ، ނަޝީދާއެކު ބޭއްވުނު ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށާއި، މި މައްސަލައިގައި ކުރިއަށް އޮތް ދުވަސްތަކުގައި ސައޫދީ އަރަބިއްޔާއަށް ދަތުރުކުރުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.