ހުޅުމާލޭގެ ރުއްގަނޑު 2 ސަރަހައްދުގައި އޮތް ހުސްބިމުގައި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ހާއްސަކޮށްގެން ޒަމާނީ ފެންވަރުގެ ބޯލިން އެރީނާއަކާއި ގޭމިން އާކޭޑެއް ތަރައްގީކުރުމަށް ނިންމައިފި

ހުޅުމާލޭގެ ރުއްގަނޑު 2 ސަރަހައްދުގައި އޮތް ހުސްބިމުގައި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ހާއްސަކޮށްގެން ޒަމާނީ ފެންވަރުގެ ބޯލިން އެރީނާއަކާއި ގޭމިން އާކޭޑެއް ތަރައްގީކުރުމަށް ނިންމައިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނި ގޮތުގައި، މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ހުޅުމާލޭގައި ދިރިއުޅޭ އެކި އުމުރުފުރާގެ އާންމުންނާއި، ޒިޔާރާތްކުރާ ފަތުރުވެރިންނަށް ބޭނުންކުރެވޭނެ ފަދަ މަގުބޫލު މުނިފޫހިފިލުވުމުގެ ވަސީލަތްތަކެއް އެއްފުރާޅެއްގެ ދަށުން ގާއިމުކޮށްދިނުމެވެ.
މި މަޝްރޫޢުގެ ދަށުން ތަރައްގީކުރެވޭ ބައިތަކުގެ ތެރޭގައި، 10 ލޭނުގެ ބޯލިން އެލީއަކާއި، ޒަމާނީ ގޭމިން އާކޭޑެއްގެ އިތުރުން ޕާޓީތަކާއި އިޖުތިމާއީ ހަރަކާތްތަކަށް ހާއްސަ މަލްޓި-ޕާޕަސް ހޯލެއް ހިމެނެ އެވެ.

މީގެ އިތުރުން، ކުޅިވަރު ބަލަން ތިބެވޭނެ ފަދަ ގޮތަކަށް ސީޓިން އިންތިޒާމުތަކާއެކު، ލޮކަރު ރޫމް، އާންމު ފާހާނާ ބަރި، މޫދަށް އެރުމަށްފަހު ފެންވެރޭނެ އިންތިޒާމު އަދި ތަނަވަސް ޕާކިން ސަރަހައްދެއް ވެސް މި މަޝްރޫއުގެ ދަށުން ގާއިމުކުރެވޭނެކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނި ގޮތުގައި، މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ އެ ސަރަހައްދުގެ ތިމާވެއްޓަށާއި، އަތިރިމަތީގެ މާހައުލަށް އަދި މިހާރު ހުރި ގަސްގަހާގެއްސަށް އެއްވެސް ނޭދެވޭ އަސަރެއް ނުފޯރާނެ ފަދަ ތިމާވެއްޓާ ރައްޓެހި ޑިޒައިނަކަށެވެ.

މި އާ ވަސީލަތްތަކާއެކު ހުޅުމާލޭގެ ރަށްވެހިންނަށާއި، އާއިލާތަކަށް، ޒުވާނުންނަށް އަދި އެކި ރަށްރަށުންނާއި ބޭރުގައުމުތަކުން ޒިޔާރާތްކުރާ ފަތުރުވެރިންނަށް ވެސް ރައްކާތެރި، އުފާވެރި މާހައުލެއްގައި މުނިފޫހިފިލުވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.