ޖުމްލަ އާމްދަނީ (ޕްރީމިއަމް) އަށް ބަލާއިރު ފުރަތަމަ ކުއާޓަރުގައި 829.7 މިލިއަން ރުފިޔާ ލިބިފައިވާއިރު، ދެވަނަ ކުއާޓަރުގައި ލިބިފައިވަނީ 582.9 މިލިއަން ރުފިޔާ އެވެ.

ރާއްޖޭގެ އިންޝުއަރެންސް ދާއިރާއިން މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި އިންޝުއަރެންސް ކުންފުނިތަކުން ކްލެއިމްސް ނުވަތަ ބަދަލުގެ ގޮތުގައި ދޫކުރި ފައިސާގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ހެލްތް އިންޝުއަރެންސެވެ.
އެމްއެމްއޭގެ އިންޝުއަރެންސް ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިންޝުއަރެންސް ކުންފުނިތަކުން ޖުމްލަ 183.3 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދޫކޮށްފައިވާއިރު، އޭގެ ތެރެއިން 101.2 މިލިއަން ރުފިޔާއަކީ ހެލްތް އިންޝުއަރެންސްގެ ކްލެއިމްސް އެވެ. މިއީ ފުރަތަމަ ކުއާޓަރުގައި ދޫކުރި ޖުމްލަ ކްލެއިމްސްގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު އަދަދެކެވެ.
ދެވަނަ ކުއާޓަރުގައި އިންޝުއަރެންސް ކުންފުނިތަކުން ބަދަލުގެ ގޮތުގައި ދޫކުރި ޖުމްލަ އަދަދު 151.4 މިލިއަން ރުފިޔާ އަށް ދަށްވެފައިވީ ނަމަވެސް، ހެލްތް އިންޝުއަރެންސުން ބަދަލު ހޯދި މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން ދެވަނަ ކުއާޓަރުގައި ސިއްހީ ފަރުވާއާ ގުޅޭގޮތުން 109.7 މިލިއަން ރުފިޔާގެ ކްލެއިމްސް ދޫކޮށްފައިވެ އެވެ.
މުޅި އިންޑަސްޓްރީން ބަދަލުދިން މިންވަރު ދެވަނަ ކުއާޓަރުގައި ދަށްވެފައިވަނީ، އެހެނިހެން ދާއިރާތަކުން ބަދަލު ހޯދި މިންވަރު ބޮޑުތަނުން ދަށްވުމާ ގުޅިގެންނެވެ. ފުރަތަމަ ކުއާޓަރުގައި ފަޔަރ އިންޝުއަރެންސްގެ ގޮތުގައި 34.6 މިލިއަން ރުފިޔާ ދޫކޮށްފައިވީ ނަމަވެސް، ދެވަނަ ކުއާޓަރުގައި އެ އަދަދު ވަނީ 20.2 މިލިއަން ރުފިޔާއަށް ދަށްވެފަ އެވެ. އަދި މެރިން ހަލް އިންޝުއަރެންސްގެ ބަދަލުވެސް ވަނީ 32.2 މިލިއަން ރުފިޔާ އިން 10.2 މިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ.
އިންޝުއަރެންސް ކުންފުނިތަކަށް ލިބުނު ޖުމްލަ އާމްދަނީ (ޕްރީމިއަމް) އަށް ބަލާއިރު ފުރަތަމަ ކުއާޓަރުގައި 829.7 މިލިއަން ރުފިޔާ ލިބިފައިވާއިރު، ދެވަނަ ކުއާޓަރުގައި ލިބިފައިވަނީ 582.9 މިލިއަން ރުފިޔާ އެވެ. މީގެ ތެރެއިންވެސް ބޮޑު ބައެއް ހިއްސާކުރަނީ ހެލްތް އިންޝުއަރެންސަށް ލިބުނު ޕްރީމިއަމް ފައިސާ އެވެ.