2028 ގައި އިބޫ ވާދަ ނުކުރަން ނިންމަވައި، ފައިސަލް އަށް ތާއީދު!

އިބޫ ފައިސަލް އަށް ތާއީދު ކުރަން ނިންމާފައިވާ އިރު ފައިސަލްގެ ރަނިންމޭޓަކަށް ވަނީ މާލޭގެ މޭޔަރު އާދަމް އާޒިމެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް --

ކުރިޔަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލުމަށް ނިންމަވައި އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދަވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ އިބޫ އެ ވިސްނުން ބަދަލު ކުރެއްވީ މިދިޔަ ހަފްތާގެ ތެރޭގައި އޭނާގެ ރިޔާސީ ދައުރުގައި ނައިބު ރައީސް ކަން ކުރެއްވި ފައިސަލް ނަސީމް އާއެކު މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.

އެ މަޝްވަރާތަކަށް ފަހު އިބޫ ވަނީ ފަހަތަށް ޖެހިވަޑައިގަތުމަށް ނިންމަވައި ފައިސަލް އެންޑޯޒް ކުރަން ނިންމަވައިފަ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން މިހާތަނަށް އިބޫ އަދި ފައިސަލްގެ ފަރާތުން ރަސްމީކޮށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

ދެ ބޭފުޅުންގެ ރަސްމީ ކޮންޓެއް އަދި ނުކުރި ނަމަވެސް އިބޫގެ ކޮއްކޮ އަދި ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް އިއްޔެ ވަނީ ފައިސަލް ނަސީމްގެ ފޮޓޯއެއް "އެކްސް" ގައި ޕޯސްޓު ކުރައްވައިފަ އެވެ. މީގެ އިތުރުން އިބޫ ވާދަ ނުކުރައްވާނެ ކަމަށް ބުނާ ހަބަރެއް ވެސް އޭނާ މިއަދު ރީޕޯސްޓު ކުރި އެވެ.

އެނގިފައިވާ ގޮތުގައި ފައިސަލްގެ ރަނިންމޭޓަކީ މާލޭގެ މޭޔަރު އާދަމް އާޒިމެވެ.

ފައިސަލްގެ އިތުރުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ވަނީ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅު ކުރައްވައިފަ އެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މީގެ ކުރިން ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް އޭނާގެ މިވަގުތުގެ ސްޓޭންޑަކީ ފައްޔާޒަށް ތާއީދު ކުރެއްވުމެވެ.

މީގެ އިތުރުން ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވެސް ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރައްވައިފަ އެވެ.

ފައިސަލް އަކީ އާ ގާނޫނުއަސާސީގެ ފަހުން ނައިބު ރައީސްގެ މަގާމުގައި ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި ފުރަތަމަ ބޭފުޅާ އެވެ.

އޭގެ އިތުރުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް އިބޫގެ ރަނިންމޭޓަކަށް ވުމަށް އޭނާ ޝައުގުވެރިވި ނަމަވެސް އިބޫ ހޮވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.