ބޭރު ފައިސާއާބެހޭ ގާނޫނަށް އައި އިސްލާހުގައި ހިމެނޭ އެންމެ ބޮޑު އެއް ބަދަލަކީ މާރުކުރާ ސުންގަޑިއަށް އައި ބަދަލެވެ. މި ސެޕްޓެންބަރުގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ މާރުކުރަންޖެހޭ އިންސައްތަ އޮކްޓޫބަރު މަހު 28ގެ ކުރިން މާރުކުރަން ޖެހެ އެވެ.

ބޭރު ފައިސާއާބެހޭ ގާނޫނަށް މި ފަހުން ވަނީ އިސްލާހުތަކެއް ގެނެސްފަ އެވެ. އެ ގޮތުން، މިމަހުގެ އެއްވަނަ ދުވަހު ގެޒެޓްކޮށްފައިވާ ބޭރު ފައިސާއާބެހޭ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގައި ބޭރު ފައިސާ މާރުކުރުމާއި، މާރުކުރާ ސުންގަޑިތަކާއި ކެޓަގަރީ ސީގެ ޝަރުތުތަކަށް ވެސް ބަދަލު އައިސްފައިވެ އެވެ.
ފައިސާ މާރުކުރުމުގައި ކެޓަގަރީ އޭއާއި ކެޓަގަރީ ސީއަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. ނަމަވެސް، މާރުކުރުމުގައި ކެޓަގަރީ ބީއިން މާރުކުރަންޖެހޭ އަދަދަށް ބަދަލެއް އައިސްފައި ނުވެ އެވެ.
ކެޓަގަރީ އޭ - މިހާރު މާރުކުރަން ޖެހެނީ ކޮންމެ މަހަކު ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 ޕަސެންޓެވެ. ކުރިން އޮންނަ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރުމުގެ އިޚްތިޔާރު ގާނޫނަށް އައި އިސްލާހުގައި ވަނީ އުނިކުރެވިފަ އެވެ.
ކެޓަގަރީ ބީ - މި ކެޓަގަރީގައި މާރުކުރަންޖެހޭ އަދަދަށް ބަދަލެއް އައިސްފައިނުވެ އެވެ.
ކެޓަގަރީ ސީ - ކުރިން މި ކެޓަގަރީގައި ހިމެނެނީ ޓޫރިޒަމް ދާއިރާއާއި މާލީ އިދާރާތައް ނޫން ވިޔަފާރިތަކުގެ ތެރެއިން 15 މިލިއަން އެމެރިކާ ޑޮލަރު އަހަރެއްގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބޭ ފަރާތްތަކެވެ. ނަމަވެސް، އިސްލާހުކުރެވުނު ގާނޫނުގައި ވާ ގޮތުން، ސީ ކެޓަގަރީގެ ގޮތުގައި ބަލާނީ 25 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބޭ ޓޫރިޒަމާއި މާލީ އިދާރާތައް ނޫން ވިޔަފާރިތަކެވެ.
ސީ ކެޓަގަރީގައި ހިމެނޭ ވިޔަފާރިތަކުން މިހާރު މާރުކުރަން ޖެހެނީ 40 ޕަސެންޓެވެ. ނަމަވެސް، އެ ވިޔަފާރިތަކަކީ 100 ޕަސެންޓް ދިވެހީން ހިއްސާވާ ވިޔަފާރިތަކެއް ނަމަ އެ ތަންތަނުން މާރުކުރަންޖެހޭ އަދަދަކީ 7 ޕަސެންޓެވެ.
ބޭރު ފައިސާއާބެހޭ ގާނޫނަށް އައި އިސްލާހުގައި ހިމެނޭ އެންމެ ބޮޑު އެއް ބަދަލަކީ މާރުކުރާ ސުންގަޑި އަށް އައި ބަދަލެވެ. ކުރިން މާރުކުރުމަށް 3 މަސްދުވަސް ލިބުނަސް މިހާރު އޮންނަ ގޮތުންނަމަ ކޮންމެ މީލާދީ މަހެއްގައި ލިބޭ ބޭރު ފައިސާއިން މާރުކުރަންޖެހޭ އަދަދު ޖެހިގެން އަންނަ މަހުގެ 28ގެ ކުރިން މާރުކުރަން ވާނެ އެވެ. މާނައަކީ މި ސެޕްޓެންބަރުގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ މާރުކުރަންޖެހޭ ޕަސެންޓް އޮކްޓޫބަރު މަހު 28ގެ ކުރިން މާރުކުރަންޖެހޭނެ އެވެ.
ބޭރު ފައިސާ ގަނެވިއްކުމުގައި އަމަލުކުރާނެ ޚާއްސަ އުސޫލުތަކެއް ކަނޑައެޅުމަށް އިސްލާހު ގެނެވުނު ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. މީގެ ކުރިން، ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރަމުން ގޮސްފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނުގެ ދަށުން އެ އޮތޯރިޓީއަށް ލިބިފައިވާ ބާރުގެ ދަށުންނެވެ.
މި ގާނުނުގެ ދަށުން އެ އޮތޯރިޓީން އެކުލަވާލަންޖެހޭ ގަވާއިދުގައި ފައިސާ މާރުކުރުމުގެ ވިޔަފާރި ރެގިއުލޭޓްކޮށް ސްޕަވައިޒްކުރުމާގުޅޭ ކަންކަން ބަޔާންކުރަންވާނެ އެވެ. އަދި ލައިސަންސް ދިނުމުގެ އުސޫލުތަކާއި ލައިސަންސް ލިބިފައިވާ ފަރާތްތަކުން އަމަލުކުރަންވީ ކަންތައްތަކުގެ އިތުރުން، މި އިސްލާހު އައުމުގެ ކުރިން ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސެއް ލިބިފައިވާ ފަރާތްތަކުން އަމަލުކުރާނެ އުސޫލުތައް ބަޔާންކުރަން ވާނެ އެވެ. މި ދެންނެވި ގަވާއިދު އަދި އެ އޮތޯރިޓީން ގެޒެޓްކޮށްފައި ނުވެ އެވެ.
މި ގާނޫނުގެ 4 ވަނަ މާއްދާގައި ބައެއް އިލްތިޒާމުތައް އަދާކުރުމުގައި ބޭރު ފައިސާއިން މުއާމަލާތްކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. އެހެން ނަމަވެސް، ބޭރު ފައިސައިން އާމްދަނީ ލިބޭ ވިޔަފާރިއަކުން ގަންނަ މުދަލާއި ހޯދާ ހިދުމަތުގެ އަގު، ބޭރު ފައިސާއިން އަދާކުރުމަށް އެ ވިޔަފާރިއަކުން ބޭނުންވާނަމަ ބޭރު ފައިސާއިން އަގު އަދާކުރުމުގައި އެމްއެމްއޭގެ ހުއްދައަށް އެދެންވާނެ އެވެ.
މި ގާނޫނުގެ ދަށުން ބޭންކު އެކައުންޓްތަކަށް ފައިސާ ޖަމާކުރާ ފަރާތްތަކުން ފައިސާ ޖަމާކުރަންވާނީ، އެމްއެމްއޭ އިން ލައިސަންސް ލިބިގެން ހިންގާ ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށެވެ. އަދި އެ އެކައުންޓުގެ މައުލޫމާތު އެމްއެމްއޭއިން ކަނޑައަޅާ ގޮތެއްގެ މަތީން އެ އެތޯރިޓީއަށް ދޭންވާނެ އެވެ.
ޖުމްލަކޮށް ބަލާއިރު، ބޭރު ފައިސާއާބެހޭ ގާނޫނަށް ގެނެވުނު މި އިސްލާހުތަކުން ބޭރު ފައިސާ ލިބޭ ވިޔަފާރިތަކުން މާރުކުރަންޖެހޭ މިންވަރާއި، އެ ފައިސާ މާރުކުރާ ސުންގަޑިއާއި، ބޭރު ފައިސާއިން މުއާމަލާތްކުރުމާ ގުޅޭ އުސޫލުތަކަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވެ އެވެ. އެހެންވެ، މި ގާނޫނުގެ ދަށުން ޒިންމާތައް ކަނޑައެޅިފައިވާ ވިޔަފާރިތަކުން އައު ޝަރުތުތަކާއި ސުންގަޑިތަކާ ގުޅޭ މައުލޫމާތު ރަނގަޅަށް ބަލައި، ގާނޫނާއި އެއާ ގުޅިގެން ނެރޭ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުން މުހިންމެވެ.