އިމާރް ކުންފުނިން އިއުލާނެއް ކުރާނީ ލައްކަ ދިރާސާކޮށްފަ އެވެ. އެމީހުންގެ ޓެކްސް އެޑްވައިޒަރުންގެ ލަފާވެސް ހޯދައިގެންނެވެ. އެމީހުންނަށް ރާއްޖޭގެ ޑެސްޓިނޭޝަން ޕްރިންސިޕަލް ގެނެސް ބޭންކިން ނިޒާމަށް 40 ޕަސެންޓް މާރުކުރަން އުޅޭކަން އެނގޭނެ އެވެ.

މީގެ ހަފުތާޢެއްގެ ކުރި އެވެ. ރާއްޖޭގައި އިންވެސްޓްކޮށްފައިވާ ދިވެހި ލޭހިނގާ "ދިވެހި ކުންފުންޏެއް" ދުނިޔެ އަށް އިއުލާނުކުރީ ދެން ދުވަހަކު ވެސް ރާއްޖޭގައި އިންވެސްޓް ނުކުރާނެ ވާހަކަ އެކެވެ. އެކަން ކުރަން އެ ކުންފުނީގެ ބޯޑް ލެވަލްގައި ނިންމިކަން އިއުލާނު ކުރީ ވެސް ދިވެއްސެކެވެ. އޭގެ ހަފުތާއެއް ފަހެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ޕްރޮޕަޓީ ބްރޭންޑް އަދި ދުބާއީގެ މަލަމަތިން ފެންނަ "އިމާރް" ކުންފުނި ނިސްބަތްވާ އީގަލްހިލްސް ކުންފުނީގެ ބާނީ އަދި ދުނިޔޭގެ ނުފޫޒުގަދަ ވިޔަފާރިވެރިޔާ މުހައްމަދު އަލައްބާރު އެ ވާހަކައާ އިނދިކޮޅު އިއުލާނެއް ކޮށްފަ އެވެ. މިވާހަކަ އިއުލާނު ކުރުމާއެކު "ބްލޫމްބާގް" އާއި "ފައިނޭންޝަލް ޓައިމްސް" ފަދަ ވިޔަފާރި ނޫސްތަކުގައި ހޫނުގުޅަ ވިކޭކެހެން ރާއްޖޭގެ މި ވާހަކަ ވިކެން ފަށައިފި އެވެ. މިކަން ވެގެންދާނީ ރާއްޖޭގެ އިންވެސްޓްމަންޓް "ތިމާވެށި" ބަދަލުވާނެ ކަމަށެވެ. ސުވާލަކީ މި ވާހަކަ އެހާބޮޑު ވެގެން މި އުޅެނީ ކީއްވެގެން ހެއްޔެވެ؟ ކުރިންވެސް ސަރުކާރުން މިފަދަ "ސުރުހީތައް" ހެދިނޫން ހެއްޔެވެ؟ އެހެންވީއިރު މިފަހަރު ވަކިން ތަފާތަކީ ކޮބައި ހެއްޔެވެ؟
މި ފަހަރުގެ "ސުރުހީ" ތައް ކޮންމެހެން މުހިންމުވަނީ އީގަލްހިލްސް އިން އިންވެސްޓް ކުރަން އުޅޭ އަދަދުގެ ވާހަކައަކުން ނޫނެވެ. އެކަމަށް ކުރަން އިއުލާނުކުރި އެ ކުންފުނީގެ ޒާތުންނެވެ. މިފަދަ އިއުލާނެއް "އިމާރް" ފަދަ ބްރޭންޑްއަކުން ކުރާނީ ޔަގީނުން ވެސް "ޓެކްސް އެޑްވައިޒަރު" ން ގެ ލަފާ ހޯދައިގެންނެވެ. އެ މީހުންނަށް ރާއްޖޭން "ޑެސްޓިނޭޝަން ޕްރިންސިޕަލް" ގެންނަން އުޅޭކަން އެނގޭނެ އެވެ. އެ މީހުންނަށް ރާއްޖޭން 40 ޕަސެންޓް ބޭންކިން ނިޒާމަށް މާރުކުރަން ފަށާނެކަން އަދި މާރަނގަޅަށް ސާފުވެ އެވެ. ނަމަވެސް މި އިއުލާނާއެކު ދެންވާނެ ގޮތަކީ ރާއްޖެ އަށް އިންވެސްޓް ކުރަން ބޭނުންވެ ނަމަވެސް އެއްފައި މަތީގަ މަޑުކޮށްލައިގެން ތިބި ދުނިޔޭގެ ބްރޭންޑްތަކުން ދެމައި މައްޗަށް ހަމަޖެހިލުމެވެ.
ޔަގީނުން ވެސް މިކަން ވެގެންދާނެ ރާއްޖެ އަށް ވަރަށް ޕޮޒިޓިވް ނިއުސް އަކަށް އަކަށެވެ. ސަބަބުތައް ގިނަ އެވެ. މައިގަނޑު ސަބަބަކީ އީގަލް ހިލްސް އަކީ އާދައިގެ ކުންފުންޏަކަށް ނުވުމެވެ. އަދި މި ވާހަކަ އިއުލާނު އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރުއަކީ ދުނިޔޭގައި ވެއިޓްހުރި ލީޑަރަކަށްވުމެވެ. ދުނިޔޭގެ ކޮންމެ ލީޑެއްގެ ފޯނަށް ވެސް މެސެޖު ކުރެވޭ ވަރުގެ ނުފޫޒު ގަދަ ބޭފުޅަކަށްވުމެވެ. އަލައްބާރުގެ އަޑަކީ ޔަގީނުންވެސް ދުނިޔޭގެ ހިއްސާގެ ބާޒާރުތަކަށް އަސަރު ކުރާ ވަރުގެ ގަދަ އަޑެކެވެ. މިކަމާ ދެކޮޅު ހަދާނެ ދެބަސް ވާނެ ބަޔަކު ދުނިޔެއަކު ނުތިބޭނެ އެވެ.
އީގަލް ހިލްސް އިން އިންވެސްޓް ކުރަން އިއުލާނު ކުރީ ރާއްޖޭގެ އެންމެ އަގުބޮޑު ބިމުގަ އެވެ. ރާއްޖޭގައި ހިއްކާ ބިންތައް އަގު ކުރާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 45 މިނެޓުގެ ރާސްތާގައި ހުންނަ ބިން ތަނަކީ ބިލިއަން ޑޮލަރުގެ ބިން ތަކެވެ. މި ކުންފުނިން އިންވެސްޓް ކުރަނީ ރާއްޖޭގެ ތާރީހުގައި ހިއްކާ އެންމެ ބޮޑު ބިމުގަ އެވެ. ބޮޑުމިނުގައި 1،000 އެތައް ހެކްޓަރެއްގެ ރަސްމާލޭގެ ބައެއްގައި އީގަލްހިލްސް އިން ކުރަން އިއުލާނުކޮށްފައިވަނީ 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ސަރުކާރުގެ ހަބަރުތަކުން އިއުލާނުކޮށްފައިވެ އެވެ. ނަމަވެސް ބައެއް ބޭރުގެ ނޫސްތަކުގައި 12 ބިލިއަން ޑޮލަރު ކަމަށް ބުނެފައިވެ އެވެ. ނަމަވެސް މި ކަމުގައި މުހިންމު ވަނީ އިންވެސްޓް ކުރާ "ނަމްބަރެއް" ނޫނެވެ. މިކަމުން ތަފާތު ދައްކާނީ އީގަލް ހިލްސް އިން ރާއްޖެއަށް ބަލަން ފެށި ނަޒަރިއްޔާ އެވެ. މީގެ ތަފާތަކީމި އެވެ. އަދި އަލައްބާރުގެ ބަހުރުވަ އެވެ.

މިކަން އިއުލާނު ކުރަން ދުބާއީގައި އޮތް ރަސްމިއްޔާތުގައި އެމިރޭޓީ ވިޔަފާރިވެރިޔާ އަދި އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރު ވަނީ ވަރުގަދަ މެސެޖެއް ދެއްވާފަ އެވެ. އަލައްބާރު ވިދާޅުވެފައިވާ ގޮތުގައި ދިވެހި މި ފަސްގަނޑަށް އަންނަ ކޮންމެ މަޝްރޫއަކީ ވެސް ނުހަނު ހާއްސަ އަހައްމިއްޔަތު ކަމެއް ދޭން ޖެހޭ މަޝްރޫއެކެވެ.
"މުޅި ދުނިޔެ އަށް ވެސް ދިވެހިރާއްޖެއަކީ ހިތްގައިމު ހުވަފެނެއް ފަދަ ގައުމެއް. މިފަދަ މަޝްރޫއަކާ މެދު މަޝްވަރާކުރުމުގެ ދައުވަތު ލިބުމުން އަޅުގަނޑު އެކަން ބަލައިގަތީ އުފަލާއެކުގަ،" މަޝްހޫރު ބުރުޖް ޚަލީފާ އާއި ދުބާއީ މޯލް ފަދަ ބިޔަ އިންވެސްޓްމަންޓްތަކުގެ މޭސްތިރިޔާ އަލައްބާރު ވިދާޅުވި އެވެ.

އީގަލް ހިލްސް އަކީ ބުރުޖް ޚަލީފާ އާއި ދުބާއީ މޯލް ތަރައްޤީކުރި 'އިމާރް ޕްރޮޕަޓީސް' ގެ ވެސް ބާނީ ކަމަށްވާ އަލައްބާރު އުފައްދަވާފައިވާ އަބޫދާބީ އަށް ނިސްބަތްވާ އަމިއްލަ ޑިވެލޮޕަރެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީކުރާ ވޯޓަރފްރަންޓް މަޝްރޫޢުތަކުގެ ފުޅާވަމުން އަންނަ ޕޯޓްފޯލިއޯއެއް މި ކުންފުނީގައި އޮވެއެވެ. އޮގަސްޓު މަހު އީގަލް ހިލްސް އިން ބުނެފައިވަނީ އަބޫދާބީގެ ލުލޫ އައިލެންޑް އަލުން ތަރައްޤީކުރުމުގެ މަސައްކަތް އެ ކުންފުނިން ބަލަހައްޓާނެ ކަމަށެވެ.
އެ ރަށުގައި ފަހުގެ ތާރީޚެއްގައި 20,000 މީހުންނަށް ދިރިއުޅެވޭނެވަރުގެ ކޮމިއުނިޓީއެއް ތަރައްޤީކުރުމަށް ވަނީ ރާވާފައެވެ. އެ ކުންފުނީގެ ޔޫއޭއީ ޕޯޓްފޯލިއޯގައި ޝާރުޖާގައި ތަރައްޤީކުރާ 1.2 ބިލިއަން ޑޮލަރުގެ 'މަރްޔަމް އައިލެންޑް' ވޯޓާފްރަންޓް މަޝްރޫޢު ހިމެނެއެވެ. އަލްބޭނިއާގައި ހިންގާ 2.5 ބިލިއަން ޑޮލަރުގެ މަޝްރޫޢު ކަމަށްވާ 'ޑުރެސް ޔޮޓްސް އެންޑް މެރީނާ' އަކީވެސް އެ ކުންފުނީގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގައި ގާތްގަނޑަކަށް 12,000 ގެޔާއި ހޮޓާތަކާއި ވިޔަފާރިކުރާ ޖާގަތަކުގެ އިތުރުން ސުޕަޔޮޓް މެރީނާއެއް ހިމެނެ އެވެ.

އަލްއައްބާރަކީ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރުޖު ޚަލީފާ ބިނާކުރި ދުބާއީގެ ރިއަލް އެސްޓޭޓް ކުންފުނި 'އެމާރް ޕްރޮޕަޓީޒް' ގެ ބާނީ އެވެ. އޭނާ އެ ކުންފުނި އުފެއްދެވީ 1997 ވަނަ އަހަރުއެވެ. އަދި 2000 ވަނަ އަހަރު ދުބާއީ ސްޓޮކް އެކްސްޗޭންޖުގައި ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި އެ ކުންފުނި ލިސްޓުކުރިއެވެ. 2020 ވަނަ އަހަރު އޭނާ ވަނީ ޗެއާމަންކަމުގެ މަގާމުން ދުރަށް ވަޑައިގެންފައެވެ. އަލްއައްބާރުގެ މުއްސަނދިކަމުގެ ބޮޑު ބައެއް ހިއްސާކުރަނީ، މެދުއިރުމަތީގައި ފާސްޓް ފޫޑް ފްރެންޗައިޒްތައް ހިންގާ އަދި ޕަބްލިކްކޮށް ޓްރޭޑްކުރާ ކުންފުންޏެއް ކަމަށްވާ 'އަމެރިކާނާ ރެސްޓޯރެންޓްސް' ގައި އޭނާގެ އޮންނަ 33 އިންސައްތަ ހިއްސާއިންނެވެ. އަދި 2014 ވަނަ އަހަރު އަބޫދާބީގައި އަލްއައްބާރު ވަނީ 'އީގަލް ހިލްސް' ގެ ނަމުގައި ކުންފުންޏެއް އުފައްދަވާފައެވެ. މި ކުންފުނިން ވަނީ 3 ބައްރެއްގެ 10 ގައުމެއްގައި މަތީ ފެންވަރުގެ އެޕާޓްމަންޓްތަކާއި، ހޮޓާތަކާއި އަދި ރީޓެއިލް ވިޔަފާރިތައް ތަރައްގީކޮށްފައެވެ. މީގެ އިތުރުން ރިޔާޒްގައި ގާއިމުކޮށްފައިވާ އީ-ކޮމާސް ޕްލެޓްފޯމް ނޫން ޑޮޓް ކޮމް އާއި ދުބާއީގެ ޑިޖިޓަލް ބޭންކެއް ކަމަށްވާ ޒޭންޑް ބޭންކް ގައިވެސް އަލްއައްބާރުގެ ހިއްސާ އޮވެއެވެ.
މި ކުންފުނިން ދުނިޔެ އަށް ކުރި އިއުލާނު ވެގެންދާނީ މުޅި އިންޑިއާ ކަނޑަށް ފެތުރިގެންދާފަދަ ބާރުގަދަ އަޑަކަށެވެ. މިއަޑާއެކު މިހާރުވެސް 10 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ހިނގާ މިގައުމުގެ ހަތަރު ބިތައް އިތުރު މަސައްކަތް ފެތުރިގެންދާނެ އެވެ. މީގެ ފައިދާ އޮތީ މިއަދަކަށް އެކަންޏެއް ނޫނެވެ. މާދަމަ އަށް ވެސް އަދި އަނެއް ދުވަހަށްވެސް އަލައްބާރުގެ ބާރުން ދިވެހިންނަށް ފައިދާ ކުރާނެ އެވެ.