އީގަލްހިލްސް ރަސްމާލެ މަޝްރޫއު | 5،000 ފްލެޓު 11 ބިލިއަން ޑޮލަރުގެ އާމްދަނީ

މި 20 ބިލިއަން ޑޮލަރުގެ މަޝްރޫއުން 54,000 އަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި އެވެ.

މިނިސްޓަރު މުއްތަލިބު އަދި އީގަލް ހިލްސްގެ ފައުންޑަރު މުހައްމަދު އަލަބާރ

ރަސްމާލޭގައި ބިޔަ އިންވެސްޓްމަންޓެއް ކުރާ އީގަލްހިލްސް ކުންފުނިން، 5،000 ފްލެޓު އަޅައި ދައުލަތަށް 11 ބިލިއަން ޑޮލަރު (169 ބިލިއަން ރުފިޔާ) ގެ އާމްދަނީއެއް ލިބޭނެ ކަމަށް ހައުސިން / ކޮންސްޓްރަކްޝަން މިިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ޔޫއޭއީގެ އެންމެ މަޝްރޫއު އަދި ދުނިޔޭގެ އެންމެ ވަރުގަދަ ރިއަލްއެސްޓޭޓް އެއް ކުންފުންޏާއެކު ރަސްމާލޭގައި މަޝްރޫއެއް ހިންގަން އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވެފައިވާ ގޮތުގައި މި މަޝްރޫއުގެ ސަބަބުން ދައުލަތަށް 11 ބިލިއަން ޑޮލަރަށް ވުރެ ގިނަ އާމްދަނީ ލިބި 54,000 އަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ މަޝްރޫއަކަށްވާނެ އެވެ. އަދި އީގަލްހިލްސް ކުންފުނިން ހިންގާ 20 ބިލިއަން ޑޮލަރުގެ މި މަޝްރޫއަކީ ދައުލަތުން އެއްވެސް ދަރަންޏެއް ނުނަގައި އަދި ޓެކްސް އިނާޔަތްތަކެއް ނުދީ ހިންގާނެ މަޝްރޫއެއްކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. 

އީގަލްހިލްސްއިން ރަސްމާލޭގައި ހިންގާ މަޝްރޫއު

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައިވާ ގޮތުގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ގެ ނަމުގައި ރާއްޖޭގައި ހިންގާ މި މަޝްރޫއަކީ ދެމެހެއްޓެނިވި ގޮތެއްގައި ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމަށް މަގުފަހިކޮށްދޭނެ މުހިންމު އައު ޕްލެޓްފޯމަކަށް ވެގެންދާނެކަމަށް ލަފާކުރެވެ އެވެ. އިޤްތިސާދީ ފައިދާތަކުގެ ފުރަތަމަ އަންދާޒާތަކުން ދައްކާގޮތުގައި މި މަޝްރޫޢުގެ މުޅި އުމުރުގައި 30 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ގްރޮސް ފޮރިން އިންވެސްޓްމަންޓް ގެނެވޭނެ އެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 18 ބިލިއަން އެމެރިކާ ޑޮލަރަކީ ރާއްޖެ އަށް ވަންނަ ނެޓް ފޮރިން އިންވެސްޓްމަންޓެވެ، ބައިނަލްއަޤްވާމީ ރައުސްމާލުގެ މި ބޮޑު އަދި ދެމެހެއްޓެނިވި އިންފްލޯގެ ސަބަބުން، ރާއްޖޭގެ މުޅި އިޤްތިސާދުގައި ދިގު މުއްދަތަކަށް ފައިދާ އުފެއްދުމަށް ބާރުއަޅައިދޭނެ އެވެ. މި ތަރައްޤީގެ ސަބަބުން އުފެދޭ ފުޅާ ޙަރަކާތްތަކުގެ ތެރެއިން ޓެކުހުގެ ގޮތުގައި ބޮޑު އާމްދަނީއެއް ލިބި ހޮސްޕިޓާލިޓީ ކޮންސްޓްރަކްޝަން ރީޓެއިލް އާއި މެރިން ސާވިސަސް އަދި ޓެކްނޮލޮޖީ އަދި އެހެނިހެން ދާއިރާތަކަށް ކުރިއެރުން ލިބިގެންދާނެ އެވެ. 

އީގަލް ހިލްސް އިން ނެރުނު ބަޔާނެއްގައި ބުނީ މި މަޝްރޫއުގެ ދަށުން ޕްރޮޕަޓީތައް ދޫކުރާނީ ރާއްޖޭގެ ޤާނޫނުގެ ދަށުން، 99 އަހަރާ ހަމައަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރާ އުސޫލެއްގެ ދަށުން ކަމަށެވެ. 

"ވިއްކައިގެން ނުވަތަ ވާރުތަވެގެން ނަމަވެސް، މިލްކުވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު 99 އަހަރުގެ އައު މުއްދަތެއް ފެށިގެންދާނެއެވެ. މީގެ ސަބަބުން ޖީލުތަކަކަށް ދެމިގެންދާ ގޮތަށް އޯނަރުންނަށް ދާއިމީކަން ލިބިގެންދާނެއެވެ،" އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ. 

އީގަލް ހިލްސް އިން ބުނީ މި މަޝްރޫޢު ތަރައްޤީކުރާނީ ހިއްކާފައިވާ ބިމެއްގައި ކަމަށާއި އިތުރަށް ފަޅު ފުންކުރުމުގެ މަސައްކަތެއް ނުކުރާނެ ކަމަށެވެ. އަދި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ވަރަކަށް، ކޮންސްޓްރަކްޝަން މަސައްކަތްތަކާ އެކުއެކީގައި މިނިވަން މެރިން މޮނިޓަރިން (ތިމާވެށި ގާތުން ބެލުން) ވެސް ކުރިއަށް ގެންދާނެއެވެ. އީގަލް ހިލްސް އިން މަޢުލޫމާތުދޭ ގޮތުގައި އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ޖުމްލަ އިންވެސްޓްމަންޓް ގާތްގަނޑަކަށް 12 ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެވެ އެވެ.

އީގަލް ހިލްސް - އީގަލް ހިލްސް އަކީ ބުރުޖް ޚަލީފާ އާއި ދުބާއީ މޯލް ތަރައްޤީކުރި 'އިމާރު ޕްރޮޕަޓީސް' ގެ ވެސް ބާނީ ކަމަށްވާ މިސްޓަރ އަލަބާރް އުފައްދަވާފައިވާ އަބޫދާބީއަށް ނިސްބަތްވާ އަމިއްލަ ޑިވެލޮޕަރެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީކުރާ ވޯޓަރފްރަންޓް މަޝްރޫޢުތަކުގެ ފުޅާވަމުން އަންނަ ޕޯޓްފޯލިއޯއެއް މި ކުންފުނީގައި އޮވެއެވެ. އޮގަސްޓު މަހު އީގަލް ހިލްސް އިން ބުނެފައިވަނީ އަބޫދާބީގެ ލުލޫ އައިލެންޑް އަލުން ތަރައްޤީކުރުމުގެ މަސައްކަތް އެ ކުންފުނިން ބަލަހައްޓާނެ ކަމަށެވެ. އެ ރަށުގައި ފަހުގެ ތާރީޚެއްގައި 20,000 މީހުންނަށް ދިރިއުޅެވޭނެވަރުގެ ކޮމިއުނިޓީއެއް ތަރައްޤީކުރުމަށް ވަނީ ރާވާފައެވެ. އެ ކުންފުނީގެ ޔޫއޭއީ ޕޯޓްފޯލިއޯގައި ޝާރުޖާގައި ތަރައްޤީކުރާ 1.2 ބިލިއަން ޑޮލަރުގެ 'މަރްޔަމް އައިލެންޑް' ވޯޓާފްރަންޓް މަޝްރޫޢު ހިމެނެއެވެ. އަލްބޭނިއާގައި ހިންގާ 2.5 ބިލިއަން ޑޮލަރުގެ މަޝްރޫޢު ކަމަށްވާ 'ޑުރެސް ޔޮޓްސް އެންޑް މެރީނާ' އަކީވެސް އެ ކުންފުނީގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގައި ގާތްގަނޑަކަށް 12,000 ގެޔާއި، ހޮޓާތަކާއި، ވިޔަފާރިކުރާ ޖާގަތަކުގެ އިތުރުން ސުޕަރޔޮޓް މެރީނާއެއް ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.