މި މަޝްރޫއުގައި ބުރުޖް ހަލީފާ އާއި ދުބާއީ މޯލް ފަދަ ބިޔަ އަދި އަދި ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ މަޝްރޫއުތައް ހިންގާ އިމާރް ކުންފުނިން ވެސް ބައިވެރިވާނެ އެވެ.

ރަސްމާލޭގައި މެރީނާއެއް ތަރައްގީކޮށް އެތަން ހިންގުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ކުންފުންޏަކާއެކު ސަރުކާރުން 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ރަސްމާލޭގައި މި މަޝްރޫއު ހިންގަން ހަވާލު ކޮށްފައި ވަނީ ޔޫއޭއީގެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ އީގަލް ހިލްސް އާއެކު އެވެ. އެއީ 18 އަށް ވުރެ ގިނަ ގައުމުތަކުގައި އިންވެސްޓު ކުރުމާއި 45 ހޮޓަލުގެ ޕޯޓްފޯލިއޯއެއް އޮތް ޕްރައިވެޓް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކުންފުންޏެކެވެ.
އަބޫދާބީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އީގަލްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗެއާމަން މުހައްމަދު އަލައްބާރު އެވެ. އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
ހައުސިން މިނިސްޓްރީ އާއި އީގަލްސް ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަޝްރޫއު ފަރުމާ ކޮށްފައި ވަނީ ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމާއި ވޯޓަފްރަންޓް އަދި މެރީނާ މަޝްރޫއެއްގެ ގޮތުގައި ކަމަށާއި އޭގެ ތެރޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހިދުމަތްތަކާއި މަތީ ފަންތީގެ އަދި ބްރޭންޑެޑް ރެސިޑެންސްތައް ހިމެނޭ ކަމަށެވެ.
އެތަނުން ދޫކުރާ ބިންތަކާއި އިމާރާތްތައް ވިއްކުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން 99 އަހަރާ ހަމައަށް ކަމަށާއި ވިއްކުމުގެ މުއާމަލާތަކުން ނުވަތަ ވާރުތަވުމުގެ ތެރެއިން މިލްކުވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު އަލުން 99 އަހަރުގެ ލީސްހޯލްޑް މުއްދަތެއް ފަށާނެ ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މި މަޝްރޫއުގައި ބުރުޖް ހަލީފާ އާއި ދުބާއީ މޯލް ފަދަ ބިޔަ އަދި އަދި ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ މަޝްރޫއުތައް ހިންގާ އިމާރް ކުންފުނިން ވެސް ބައިވެރިވާނެ އެވެ.