ރަޝިޔާގެ އެންމެ ބޮޑު އެއް ޑޮމެސްޓިކް ކެރިއާ ކަމަށްވާ އެސްސެވަން އުދުހޭނީ ސިދާ ރާއްޖެއިން ރަޝިއާގެނޮވޮސިބިރްސްކް އަށެވެ. މިއީ މޮސްކޯ ފިޔަވަހައި ފުރަތަމަ ފަށާ ރޫޓް އެވެ.

ރަޝިޔާގެ އެންމެ ބޮޑު އެއް ޑޮމެސްޓިކް ކެރިއާ ކަމަށްވާ އެސްސެވަން އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފިއެވެ.
އެއާލައިން ހަބަރުތައް ގެނެސްދޭ އޭވިއޭޓާ އިން ބުނީ އަންނަ މަހުގެ 30 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި އައު ރޫޓަކީ، މޮސްކޯ ފިޔަވައި ރަޝިޔާގެ އެހެން ސަރަހައްދަކުން ރާއްޖެ އަށް ފަށާ ފުރަތަމަ ގަވާއިދުން ކުރާ ދަތުރުތަކެވެ. މި ދަތުރު ކުރަނީ އެ ގައުމުގެ ނޮވޮސިބިރްސްކް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަށެވެ.
މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު ދެ ދުވަހު، އާދެ، ހޯމަ އަދި ހުކުރު ދުވަހުއެވެ. ބޭނުންކުރާނީ އެއާބަސް އޭ320 މަރުކާގެ ބޯޓުފަހަރެވެ. މި ދަތުރުތަކުގައި އަންނަ ފްލައިޓް ނޮވޮސިބިރްސްކްގެ ޓޮލްމަޗޭވޯ އިންޓާނޭޝަނަލް އެއަރޕޯޓުން ފުރާނީ ފަތިހު 04:25 ގަ އެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސާނީ ރާއްޖެ ގަޑިން މެންދުރު 13:00 ގައެވެ. އަދި މި ފްލައިޓް ރާއްޖެއިން ފުރާނީ 14:10 ގަ އެވެ. އަދި ނޮވޮސިބިރްސްކް އަށް ދެވޭނީ ޖެހިގެން އަންނަ ދުވަހުގެ ފަތިހު 02:30 ގަ އެވެ.
އެސްސެވަންގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން އަދި ސޭލްސް އޮފީސްތައް މެދުވެރިކޮށް މިހާރު ވަނީ ޓިކެޓް ވިއްކަން ވަނީ ފަށާފަ އެވެ. އަތްދަބަހާއެކު އެކަނި ދަތުރުކުރާ "ލައިޓް ފެއާ" ގެ ދަށުން އެއްކޮޅު ޓިކެޓެއްގެ އަގު ފެށެނީ 70،000 ރޫބަލް، ނުވަަތަ 12,853ރ. އިންނެވެ. ލަގެޖާއެކުނަމަ 85،000 ރޫބަލް، 15,607ރ. އިން ފެށޭއިރު، ދެކޮޅު ޓިކެޓުގެ އަގު އުޅެނީ ގާތްގަނޑަކަށް 93،400 ރޫބަލް، 17,150ރ. އިން ފެށިގެންނެވެ.
މި ދަތުރުތަކާ ގުޅިގެން ރަޝިޔާގެ ޓުއަާ އޮޕަރޭޓަރެއް ކަމަށްވާ ޓެޒް ޓުއާއިން ޕެކޭޖުތަކެއް ވިއްކަން ފަށާފައިވާއިރު، ކުރީބައިގައި ބުކްކުރާ ފަރާތްތަކަށް އެކޮމޮޑޭޝަނުން %50 އާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. އަދި ނޮވެމްބަރު މަހަށް ހާއްސަ ޕެކޭޖުތަކުގެ އަގު ފެށެނީ ދެމީހުންގެ ކޮޓަރިއެއްގައި މީހަކަށް 176،013 ރޫބަލް، 32,317ރ. އިންނެވެ.
މި ދަތުރުތަކަށް ރާއްޖެ ފަހި ވެގެން ގޮސްފައިވަނީ ޓޫރިޒަމް / ސިވިލް އޭވިއޭޝަން މިނިސްޓަރ މުޙައްމަދު އަމީން ރަޝިއާއަށް ދަތުރުފުޅެއް ކުރެއްވުމަށްފަހު އެވެ. މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ ވަޒީރަކު ރަޝިއަަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެކެވެ. ޓޫރިޒަމް މިނިސްޓަރު އަމީން ވިދާޅުވެފައިވާ ގޮތުގައި އަހަރުގެ ފަހު ކުއާޓަރުގައި އިތުރު ހަތް އެއާލައިންއަކުން ރާއްޖެއަށް ދަތުރުތައް ފަށާނެއެވެ.