އެއާޕޯޓުގެ ޑިޕާޗާ ސްކްރީން ސަރަހައްދުގައި އޭނާ އާއިއެކު ހުރި އޭނާގެ ދައްތަގެ ދަބަސް އިތުރަށް ޗެކުކުރުމަށް ޑިއުޓީ އޮފިސަރުން ދިއުމުން، އެ ދަބަހުގައި ބޮމެއް އޮތް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ސަމާސާ ކުރި މީހަކު ހައްޔަރު ކޮށްފި އެވެ.
މި މައްސަލައިގައި އިއްޔެ ހައްޔަރު ކޮށްފައި ވަނީ އުމުރުން 38 އަހަރުގެ ޕީޓާ ސަމަން މަރްޒޫކް ސަމަން ކިޔާ އިޖިޕްޓް މީހެކެވެ.
އެއާޕޯޓުގެ ޑިޕާޗާ ސްކްރީން ސަރަހައްދުގައި އޭނާ އާއިއެކު ހުރި އޭނާގެ ދައްތަގެ ދަބަސް އިތުރަށް ޗެކުކުރުމަށް ޑިއުޓީ އޮފިސަރުން ދިއުމުން، އެ ދަބަހުގައި ބޮމެއް އޮތް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
އޭނާ އެހެން ބުނުމުން އެކަން ސެކިއުރިޓީގެ ސަމާލުކަމަށް ގެނެސް، ސިފައިންނާއި ފުލުހުން އައިސް އެ ދަބަސް އިތުރަށް ވަނީ ޗެކުކޮށްފަ އެވެ. ނަމަވެސް ބޮމެއް ފެނިފައެއް ނުވެ އެވެ.
އެއީ މަޖަލަށް ބުނި އެއްޗެއް ކަމަށް ސީނުގައި އޭނާ ބުނި ނަމަވެސް، ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފަ އެވެ. އޭނާ ވަނީ އެކަމަށް މައާފަށް ވެސް އެދިފަ އެވެ.
ނަމަވެސް އޭނާގެ ހައްޔަރު ކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުން، ބިރު ދެއްކުމާއި ދޮގު ހަބަރު ދިނުމުގެ ތުހުމަތުގައި ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.