ނައިބު ރައީސް އެނބުރި ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހެވެ.

އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ރޭ އެމެރިކާގެ ނިއުޔޯކަށް ފުރައިވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި ލެވެލްގެ ބައްދަލުވުންތަކުގައި ރާއްޖޭގެ ފަރާތުން ނައިބު ރައީސް ރަސްމީ ބަޔާން އިއްވެވުމުގެ އިތުރުން ދޭދޭ ގައުމުތަކުގެ އިސްވެރިންނާ އެކުގައި އަދި ގިނަ ގައުމުތައް ގުޅިގެން ބާއްވާ ބައްދަލުވުންތަކުގެ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން އާންމު މަޖިލީހުގެ ބަހުސް ހުޅުވާލުމުގެ ރަސްމިއްޔާތާއި މި ބައްދަލުވުމުގެ ހަވާސާގައި ބާއްވާ ހަފްލާތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހެވެ.