ރައީސް އޮފީހުން ބުނީ އެގޮތަށް ބަދަލުކޮށްފައި ވަނީ ކަރުދާސް ހޮޅި ބޭނުންކުރުމުގައި އާންމުންނަށް ކުރިމަތިވި ދަތިތަކަށް ވިސްނައި ފެންވަރު ރަނގަޅު ދެމެހެއްޓެނިވި ބަދަލެއް މާކެޓަށް ގެނައުމަށް ސަރުކާރުން ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގެ ގަރާރަށް އަށް މުހިންމު އިޞްލާޙުތަކެއް ގެންނަވައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، މި ގަރާރަށް ގެންނެވި މައިގަނޑު އިސްލާހުތަކުގެ ތެރޭގައި، ލިސްޓުގެ 1 ވަނަ ނަންބަރުގައިވާ، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކް ހޮޅި ރާއްޖެ އެތެރެކުރުން މަނާކުރާ ތާރީހު 1 ޖޫން 2031 އަށް ވަނީ ފަސްކުރައްވާފަ އެވެ. އަދި މިފަދަ ހޮޅި ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރާ ތާރީޚު 19 ޑިސެންބަރު 2031 އަށް ވަނީ ބަދަލުކުރައްވާފަ އެވެ.
ލިސްޓުގެ 13 ވަނަ ނަންބަރުގައި ހިމެނޭ، 500 މިލިލީޓަރާއި 1 ލީޓަރާ ދެމެދުގެ ސައިޒުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން އެތެރެކުރުމާއި އުފެއްދުން މަނާކުރާ ތާރީޚު 1 ޑިސެންބަރު 2029 އަށް ވަނީ ފަސްކުރައްވާފަ އެވެ. އަދި މި ސައިޒުގެ ފުޅީގައި ހުންނަ ފެން ބާޒާރަށް ނެރުން މަނާކުރާ ތާރީޚު 1 ޖޫން 2030 އަށް ފަސްކުރުމަށް ވަނީ ނިންމަވާފަ އެވެ.
ލިސްޓުގެ 14 ވަނަ ނަންބަރަށް ގެންނެވި އިޞްލާޙާއެކު، ފެން ފިޔަވައި 250 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް ރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި އަދި ބާޒާރަށް ނެރުން މިއަދުން ފެށިގެން ވަނީ މަނާކުރައްވާފަ އެވެ.
މި އިޞްލާޙުތަކަކީ ތިމާވެށި ޙިމާޔަތްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުތަކުގެ ތެރެއިން، ކަމާބެހޭ ވުޒާރާގެ ފަންނީ ލަފައާއެކު ގެންނެވި މުހިންމު ބަދަލުތަކެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ އެގޮތަށް ބަދަލުކޮށްފައި ވަނީ ކަރުދާސް ހޮޅި ބޭނުންކުރުމުގައި އާންމުންނަށް ކުރިމަތިވި ދަތިތަކަށް ވިސްނައި ފެންވަރު ރަނގަޅު ދެމެހެއްޓެނިވި ބަދަލެއް މާކެޓަށް ގެނައުމަށް ސަރުކާރުން ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ. އަދި 500 މިލިލީޓަރުގެ ފުޅީގެ ބަދަލުގައި 250 މިލިލީޓަރަށް ވުރެ ކުދި ފުޅި މަނާކުރާ ގޮތަށް ހަމަޖެއްސީ ދިވެހި އުފެއްދުންތެރިންނާއި ކުދި ވިޔަފާރިތަކަށް ލުއިދިނުމުގެ ގޮތުން ކަމަށް ވެސް އެ އޮފީހުން ބުންޏެެވެ.