ފިނޭންސުން ބުނީ ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެން ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް އަސްލެއް އޮތް ވާހަކައެއްނޫނެވެ

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ގަތް ޓީބިލަށް ސަރުކާރުން ފައިސާ ދެއްކި ބީއެމްއެލްގެ ޑިޕޮސިޓް ފައިސާއިން ނޫން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އިންޑިއާގެ ދަަރަނި ދެއްކީ ބީއެމްއެލްގެ ޑިޕޮސިޓް ފައިސާއިން ކަމަށް ދެކެވޭ ވާހަކައާ ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މި ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެން ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް އަސްލެއް އޮތް ވާހަކައެއް ނޫން ކަމަށެވެ.
މިނިސްޓްރީން ބުނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް 2019 ވަނަ އަހަރު ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ދުރާލާ އެކަމަށް ތައްޔާރުވެ، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެން ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު މުއްދަތު ހަމަވާ 50 މިލިއަން ޓީ-ބިލް ކަނޑައެޅިފައިވާ ތާރީހަށް ދައްކައި ހަލާސްކުރާނެ ކަމަށް މެއި 11، 2026 ގައި ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ އިއުލާންކުރައްވާފަ އެވެ.