ރާއްޖޭގެ ސަރުކާރުތަކުން ވިސްނުން ހުންނަނީ ދަރަނި އަދާ ކުރުމަށްވުރެ ފަސް ކޮށްދޭން އެދުމަށެވެ. އެ ވިސްނުން ދޫކޮށް ދަަރަނި އަދާކުރަން ވިސްނުން ބަދަލު ކުރަން ޖެހެ އެވެ.

މިދިޔަ ފަސް ވެރިކަމަށް ބަލާއިރުވެސް ރާއްޖޭގެ ހާރިޖީ ސިޔާސަތު އޮތީ ގާތްގަނޑަކަށް އެއް ގޮތަށެވެ. ބައެއް ވަގުތުތަކުގައި ކައިރި ގައުމުތަކާ ކުނި ޖެހުނުނަމަވެސް މައިގަނޑު ސިޔާސަތުގެ އަސާސަކަށްވީ އަވަށްޓެރިންނާ ގާތް ގުޅުމެއް ބޭއްވުމެވެ. ނަތީޖާއަކީ އެކުވެރި ގައުމުތަކުގެ އެހީތެރިކަން ރާއްޖެއަށް އިންތިހާއަށް ލިބުމެވެ. ހާއްސަކޮށް ލުއިކަން ދީގެންނަމަވެސް ލޯނުތައް ރާއްޖެއަށް ދޫކުރުމެވެ. މީގެ ތެރޭގައި އެތެރޭގައި ވިއްކާ ޓީބިލްތަކުގައި އިންވެސްޓްކުރުން ވެސް ހިމެނެ އެވެ. ނަތީޖާއަކަށްވަނީ ލޯނެއް ނެގިނަމަވެސް އެ ލޯނު ފަސްކޮށްދޭން ރާއްޖޭގެ ހުރިހާ ސަރުކާރަކުން ވެސް މިހާތަނަށް އެދެމުން ދިއުމެވެ/ ދައުލަތުގެ އިތުރުވަމުންދާ ހަރަދުތަކާއެކު މިކަން ވަނީ ގޯސް ވެގެން ގޮސްފަ އެވެ. އަދި ދިވެހި ސަރުކާރުގެ ވެރިންގެ ހަށިގަނޑުގައި ދަރަނި ފަސްކޮށްދޭން "އާދޭސް ކުރުމުގެ" ނުބައި އާދައެއް ހަށަގެންފައިވުމެވެ. ނަތީޖާއަކަށް ވަނީ ދަރަނި ކުޑަވާނެ އެއްވެސް އުންމީދެއް ނެތުމެވެ. ދަރަންޏެއް މި ދައްކަނީ ދެން ނުވެގެންނެވެ. ކަރުތާ ފެނަށް ފައިބާ ހިސާބަށް ދިއުމުންބެވެ. ނަމަވެސް މި ވިސްނުން ދޫކޮށްލާން ޖެހެ އެވެ.
މި ސަރުކާރުގެ ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވާ ގޮތުގައި ދަރަނި ނެގުމަށްފަހު ސަރުކާރުންތަކުން އެ ދަނަން ނުވިސްނާ އެ ފަސްކޮށްދޭން އުޅުމަކީ ގޯހެކެވެ. މިހެން ކަންކުރާނަމަ ރާއްޖޭގެ ދަރަނި ދުވަހަކުވެސް ކުޑައެއް ނުވާނެ އެވެ. ޒަމީރު އެ ވިދާޅުވީ ދެތުފުޅެކެވެ؛ ރާއްޖޭގެ ހާރިޖީ ސިޔާސަތު އޮތްގޮތުން ދިވެހިންނަށް އެހީތެރިވުމުގެ ގޮތުން ދަރަނި ދަސްކޮށް ދީފަ އެވެ. ނަމަވެސް ބޮޑު މަންޒަރަކީ ހަގީގަތުގައި މިކަމުން ކުރިމަތިވަނީ އިތުރު މައްސަލަ އެކެވެ.
ރާއްޖޭގެ ދަރަނި މިހާރު ހުރި މިންވަރަށް ބަލާއިރު އެންމެ ބޮޑު ދަރަންޏެއް އޮތީ ޗައިނާ އާއި އިންޑިއާގެ މައްޗަށެވެ. ޗައިނާގެ ދަަރަނި ގާތްގަނޑަކަށް 1.3 ބިލިއަނާއި 1.4 ބިލިއަން ޑޮލަރުގައި ހުރިއިރު، މިއީ މައިގަނޑު ގޮތެއްގައި ޗައިނާގެ އެގްޒިމް ބޭންކް މެދުވެރިކޮށް، ސިނަމާލެ ބްރިޖު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުން އަދި ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫޢުތަކަށް ނަގާފައިވާ ލޯނުތަކެވެ. މިއީ އިގްތިސޯދީ ގޮތުން ދެކޮޅު ޖެހޭ މާލީ ލޯނު ތަނެކެވެ. އިންޑިއާގެ ލޯނުގެ އަދަދުވެސް ހުރީ ގާތްގަނޑަކަށް 700 މިލިއަނާއި 900 މިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދެއްގަ އެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ތިލަމާލެ ބްރިޖު ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ އިތުރުން، އެކި ފަހަރުމަތިން ބަޖެޓް ސަޕޯޓުގެ ގޮތުގައި ނަގާފައިވާ ލޯނުތަކާއި ކަރަންސީ ސްވޮޕް ފެސިލިޓީތައް ހިމެނޭހެންނެވެ.
މި ގިނަ ލޯނުތަކަކީ ދައުލަތަށް ބުރަބޮޑު އިގްތިސޯދީ ގޮތުން ދެކޮޅު ޖެހުން ކުޑަ ލޯނުތަނެކެވެ. ތިންވަނައަށް އެންމެ ގިނަ ލޯނު ހުރީ ސަޢުދީ ފަންޑް ފޯރ ޑިވެލޮޕްމަންޓް (އެސްޑީއެފް) މެދުވެރިކޮށް ރާއްޖޭގެ އުމްރާނީ ތަރައްގީއަށް (ހާއްސަކޮށް އެއާޕޯޓް މަޝްރޫއު ފަދަ ކަންކަމަށް) ނަގާފައިވާ ލޯނުތަކެވެ. މި ޢަދަދު އުޅެނީ ގާތްގަނޑަކަށް 100 މިލިއަނާއި 150 މިލިއަން ޑޮލަރާ ދެމެދުގަ އެވެ. ދެން އޮތީ އަބޫދާބީ ފަންޑް ފޯރ ޑިވެލޮޕްމަންޓް މެދުވެރިކޮށް ނަގާފައިވާ ލޯނުތަކާއެކު ޔޫއޭއީގެ ދަރަނި އުޅެނީ ގާތްގަނޑަކަށް 50 މިލިއަނާއި 100 މިލިއަން ޑޮލަރާ ދެމެދުގަ އެވެ. އަދި މި ލިސްޓުގައި ކުވައިތު ފަންޑާއި ޖަޕާނުގެ ޖައިކާ ފަދަ އިދާރާތަކުންވެސް ރާއްޖެއިން ލޯނު ނަގާފައިވެއެވެ. ނަމަވެސް ޗައިނާ އަދި އިންޑިއާއާ އަޅާބަލާއިރު، މި ޤައުމުތަކަށް ދައްކަންޖެހޭ ދަރަނި ނިސްބަތުން ވަރަށް ބޮޑުތަން ކުޑަ އެވެ.
ދަރަނީގެ ޖުމްލަ ބުރަ ބޮޑުވުން - ލޯނު ދައްކަންޖެހޭ މުއްދަތު އިތުރުކުރުމުން، ދިގު މުއްދަތުގައި ދައްކަންޖެހޭ ޖުމްލަ އިންޓްރެސްޓްގެ ޢަދަދު ބޮޑުވެގެން ދާނެ އެވެ. އަދި ބައެއް ފަހަރު އައު އެއްބަސްވުމެއްގެ ދަށުން ދަރަނި ރޯލްއޯވާ ކުރާއިރު، ކުރިން އޮތް އިންޓްރެސްޓް ރޭޓަށްވުރެ ބޮޑު ރޭޓެއް ދައްކަން ޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ސިޔާސީ ނުވަތަ އިޤްތިސާދީ ނުފޫޒު ފޯރުވުން - ދަރަނި ދީފައިވާ ޤައުމުން ދަރަނި ފަސްކޮށްދިނުމުގެ ބަދަލުގައި، އެ ޤައުމުގެ ސިޔާސީ އަދި އިޤްތިޞާދީ މަސްލަހަތު ހިމެނޭ ކަންކަމަށް ޝަރުތުކުރުމަކީ އާންމު ކަމެކެވެ. މީގެ ސަބަބުން ޤައުމުގެ އެތެރޭގެ ސިޔާސަތުތަކަށާއި، ބޭރުގެ ގުޅުންތަކަށް ނުފޫޒު ފޯރުވައި، ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ނޭދެވޭ އަސަރުކޮށްފާނެއެވެ.
ކްރެޑިޓް ރޭޓިން ދަށްވުން - ދަރަނި ރޯލްއޯވާ ކުރުމަކީ ޤައުމުގެ މާލީ ހާލަތު ގޯސްކަން ބައިނަލްއަޤްވާމީ މާލީ އިދާރާތަކަށާއި އިންވެސްޓަރުންނަށް އަންގައިދޭނެ ކަމެކެވެ. މީގެ ސަބަބުން ޤައުމުގެ ކްރެޑިޓް ރޭޓިންގ ދަށްވެ، ބައިނަލްއަޤްވާމީ މާކެޓުން އިތުރު ފައިސާ ހޯދުމަށް ދަތިވުމާއި، ލޯނު ލިބޭ އިންޓްރެސްޓް ރޭޓުތައް އިންތިހާއަށް މައްޗަށް ދިއުމުގެ ނުރައްކާ އޮވެއެވެ.
އަސްލު މައްސަލައަށް ހައްލެއް ނުލިބުން (މައްސަލަ ފަސްވުން) - ދަރަނި ރޯލްއޯވާ ކުރުމަކީ މާލީ ދަތިކަމަށް ލިބޭ ވަގުތީ ފަރުވާއެކެވެ. ދައުލަތުގެ ޚަރަދުތައް ކުޑަކުރުމާއި އާމްދަނީ އިތުރުކުރުން ފަދަ އިޤްތިސާދީ މުހިންމު އިސްލާޙުތައް ނުގެނެސް ހަމައެކަނި ދަރަނި ފަސްކުރާނަމަ، ކުރި މަގުގައި މާލީ ކާރިސާ އަންނަ މިންވަރު މާ ބޮޑުވާނެ އެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ލޯނެއް ނެގި ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކަނީ ޖޫން 4، 1979 އެވެ. މި ލޯނެއް ނަގާފައިވަނީ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) ގެ "ފަސްޓް ފިޝަރީޒް ޕްރޮޖެކްޓް" އަށެވެ. މި ލޯނުގެ ޖުމްލަ އަދަދަކީ ގާތްގަނޑަކަށް 2.48 މިލިއަން ޑޮލަރެވެ. އޭގެފަހުން މިއަދަދާ ހަމައަށް ދައްކަން ޖެހޭ ލޯނުގެ ޖުމްލަ 44 އަށް އަރަ އެވެ. ފިނޭންސް މިނިސްޓްރީގެ ލޯނު ހިސާބުތައް ދައްކާ ރާއްޖޭގެ ލޯނު ލިސްޓުގައި ޖުމްލަ 142 ލޯނެއް ހިމެނެ އެވެ. މީގެ 98 ލޯނެއް ވަނީ ދައްކާ ހަލާސްކޮށްފަ އެވެ. އަދި މި ވަގުތު ދައްކަން ޖެހޭ "އެކްޓިވް" 44 ލޯނެއް އެބަހުއްޓެވެ. މި ލޯނުގެ ޖުމްލަ އަދަދު 1.32 ބިލިއަން ޑޮލަރަށް އަރަ އެވެ. އަދި އެންމެ ގިނަ ލޯނު ނަގާފައިވަނީ ޑޮލަރުންނެވެ. އެގޮތުން 15 ލޯނެއް ޖުމްލަ 618 މިލިއަން ޑޮލަރުން ނަގާފައިވެ އެވެ.
މި ލޯނުތަކާއެކު ރާއްޖޭގެ ދައުލަތުގެ ޖުމްލަ ދަރަނި، ދައުލަތުން ސީދާ ނަގާފައިވާ ދަރަންޏާއި ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނި އެއްކޮށް ހުރީ 154.85 ބިލިއަން ދިވެހި ރުފިޔާގަ އެވެ. މިއީ ގާތްގަނޑަކަށް 10 ބިލިއަން އެމެރިކާ ޑޮލަރެވެ. މިއީ ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމުގެ ނިސްބަތުން، ބަލާނަމަ ގާތްގަނޑަކަށް 124.4 ޕަސެންޓެވެ. އަދި އެތެރޭގެ ދަރަނި ގާތްގަނޑަކަށް 91 ބިލިއަން ރުފިޔާ އެވެ. މިއީ ރާއްޖޭގެ ބޭންކުތަކާއި ޕެންޝަން ފަންޑު އަދި ސަރުކާރުގެ ޓީ-ބިލްތަކާއި ބޮންޑުތަކަށް ދައްކަންޖެހޭ ފައިސާ އެވެ. އަދި ބޭރުގެ ދަރަނި ހުރީ ގާތްގަނޑަކަށް 63 ބިލިއަން ރުފިޔާ 4.42 ބިލިއަން ޑޮލަރެވެ.

ލޯނު ދެއްކުމުގައި މި ސަރުކާރުން ވަނީ މިދިޔަ ހުރިހާ ސަރުކާރުތަކަށްވުރެ ކުރީގަ އެވެ. އެންމެފަހުން ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ކުރީގެ ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓީ-ބިލް ފެސިލިޓީ އެކެވެ. މި ފެސިލިޓީގެ 50 މިލިއަން ޑޮލަރު ސަރުކާރުން ދެއްކިއިރު މީގެ އިންޓްރެސްޓަށްވާ 45 މިލިއަން ޑޮލަރު ވަނީ އިންޑިއާއިން ދައްކާފަ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރް ޖައިސްވާލް އިންޑިއާގެ އެސްބީއައިން ރާއްޖޭގެ އެތެރެއިން ގަތް އެ ގައުމަށް ބޮޑު ފައިދާއެއް ލިބޭ ސަރުކާރުގެ ޓީބިލްތަކަށް މިދިޔަ ފަސް އަހަރުތެރޭ 45 މިލިއަން ޑޮލަރު ވަނީ ދައްކާ ދީފަ އެވެ. މިދިޔަ ފަސް އަހަރު ތެރޭ އެސްބީއައިއިން ވަނީ ގާތްގަނޑަކަށް 350 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލް (ޓީ ބިލް) ގަނެފަ އެވެ.
ދަރަނި ދެއްކުމުގައި މި ސަރުކާރަށް ވަނީ މިއިން ދުވަހަކު ކުރިމަތިނުވާނެ އިމްތިހާނާ ކުރިމަތިވެފަ އެވެ. ނަމަވެސް ކުރިމަތިވި ހުރިހާ ގޮންޖެހުންތަކުން އަރައިގަނެ ދަރަނީގެ އިލްތިޒާމްތައް ދަނީ ބަރާބަރަށް އަދާ ކުރަމުންނެވެ.
ޕީޕަލްސް ނޭޝެނަލް ކޮންގްރެސް، ޕީއެންސީގެ މަތީ މަޖިލިސް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުތަކުން އެކި ގޮތްގޮތުން ނަގާފައިވާ ދަރަނީގެ ތެރެއިން މިހާތަނަށް 1.3 ބިލިޔަން ޑޮލަރު މި ސަރުކާރުން ދައްކާ ޚަލާސްކޮށްފައިވާ ކަމަށެވެ.
ދަރަނި ނަގަނީ އާއްމުންނަށް ހިދުމަތެއް ދިނުމަށެވެ. ތަރައްގީގެ މަޝްރޫއެއް ހިންގާށެވެ. އެހެންވެ އެކަން ކުރުމަށްފަހު ތިޔާގިވާނެ ދުވަސްވަރެއްވެސް އަންނާނެ އެވެ. އިގްތިސޯދު ރަނގަޅުވާ ފައިސާ ތިޔާގި ވަގުތު ތަކެއް ވެސް އަންނާނެ އެ ވަގުތުތަކުގައި ނަގާ ދަރަނި އަދާ ކުރަން ޖެހެ އެވެ. އެހެންނޫނަމަ ކްރެޑިޓް ރޭޓިންއެއްވެސް ރަނގަޅެއް ނުވާނެ އެވެ. އަބަދު ދަރަނި ރޯލްއޯވާކޮށްގެން މައްސަލައަށް ހައްލެއް ނުލިބޭނެ އެވެ.